އެމްޑީޕީގެ އަންހެނުންގެ ޖަގަހަ ހުޅުވުމުގެ ރަސްމީ އިޙްތިފާލް މިއަދުހަވީރު 4 ޖަހާއިރު 3 ބާރު ވަކިކުރި ސަރަޙައްދު (ރާޅުގަނޑު) ގައި ބާއްވާގޮތަށް އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ނިންމައިފިއެވެ.
އެމްޑީޕީ އަންހެނުންގެ މި ޖަގަހަ ހުޅުވުމުގެ އުފާވެރި ޙަފްލާގައި އެމްޑީޕީގެ އެންމެހައި މެންބަރުންނާ ސަޕޯޓަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމް.ޑީޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ.
އަދި މިރަސްމިއަޔާތުގައި ރާއްޖޭގެ ހުރިހާރަށް ރަށުގެ އަންހެންބޭފުޅުން “ޢަމަލީގޮތުންނާއި، ފިކުރީގޮތުން” ބައިވެރިވެވަޑއިގެންދެއްވުމަކީ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ވަރަށް ބޮޑުއެދުމެއް ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ބުނެއެވެ.
“ރާއްޖޭގެ އަންހެނުން މިނިވަންކަމުގެ ތެރެއަށް ނެރެދިން ޕާޓީ އަކީ އެމްޑީޕީ ކަމަށް ވުމާއެކު ދިވެހި އެންމެހާ މައިންނާއި، އެމައިންގެ އެންމެހާ ދަރިން ރައްޔިތުންގެ މި އަނިޔާވެރި ޙާލަތު ބަދަލުކުރުމަށް ކުރިމަތިވެފައި މިވާ ގައުމީވާޖިބު އަދާކުރުމުގައި އަންހެނުންނަކީ ހިތްވަރު ހުރި ބައެއްކަން ދިވެހިތާރީޚުގައި ފަވާލުމަށްޓަކައި ހުރިހާ އަންހެން ބޭފުޅުން” މިޙަރަކާތުގައި ބައިވެރިވެ ދެއްވުމަކީވެސް އެމްޑީޕީ އަންހެނުންގެ ރޫޙުގެ ގޮވާލުމެކެވެ.