އިޢުލާން: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ބެހޭ

mdp-logo-150-x-157

މި ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޓޭޓް 11 ނޮވެމްބަރ 2008 ގައި 5 އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކޮށް މަޤާމުގެ ވާޖިބު އަދާކުރައްވަމުން ގެންވަދަނިކޮށް 7 ފެބްރުއަރީ 2012 ގައި ފުލުހުންނާއި، ސިފައިން ހިންގި ޣައިރުޤާނޫނީ ބަޣާވާތުގައި، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ އެ މަޤާމުން ދުރުކޮށްފައެވެ.

އެހެންކަމުން މިޕާޓީން ވަކާލާތުކުރަމުން މިދަނީ އަވަސް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ކަމަށްވެފައި، އެފަދަ އިންތިޚާބެއް މިހިނގާ 2012 ވަނަ އަހަރުގައި ބާއްވާއިރު، އެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް ބާއްވާ، ރިޔާސީ ޕްރައިމަރީ 5 މޭ 2012 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ މި ޕާޓީގެ މެންބަރުން، އެ މެންބަރަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ މިޕާޓީގެ 300 މެންބަރުންގެ ސޮޔާއިއެކު 28 ފެބްރުއަރީ 2012 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން މިޕާޓީގެ ސެކްރެޓޭރިއަޓްއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން
(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
(ނ) އުމުރުން ތިރީސްފަސް އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން
(ބ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، އެދަރަނި ޚަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަމަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެކުމް ތަންފީޛްކޮށް ނިމުނުތާ ނުވަތަ އެހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމުގައިވުން
(ކ) މިއިއުލާނުގެ (ޅ)ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެމީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތް، ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލެއް ހިންގުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

މިހެންވެ މިވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 ފެބްރުއަރީ 2012

ސެކްރެޓޭރިއަޓް