ނޫސް ބަޔާން: ޝަރުޢީ ދާއިރާންއިން ކުރާ ޙުކުމްތަކާއި މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

ޝަރުޢީ ދާއިރާންއިން ކުރާ ޙުކުމްތަކާއި މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

mdp-logo-150-x-157

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުން މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މިޕާޓީން ދެކޭގޮތުގައި ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސިޔާސީ ކުލަޖެހިގެން ކޮށްފައިވާ ހުކުމެއްކަމަށްވެސް ދެކެމެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ޚިޔާނާތުގެ މައްސަލައިގައި، އޭނާއާ މެދު ދައުވާ ނުކުރެވޭނޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަންވެސް މިޕާޓީން ފާހަގަ ކުރަނީ ކުއްލި ހައިރާން ކަމާއެކުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާ ދެކޮޅަށް ހަޤީޤަތެއްނެތް އެތައް ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގައި އެ މެންބަރުން ތަމްޞީލު ކުރަމުންދާ ގޮނޑި ގެއްލުވާލުމަށް، ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމަށް އިސްކޮށް ބައިވެރިވެފައިވާ ފަރާތަކުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް މިޕާޓީން މީގެ ކުރިންވެސް ވާނީ ދަންނަވާފައެވެ. އަދި، އެހަޤީޤަތް މިރާއްޖޭގެ ރައްޔިތުންނަށް މިހާރު އެނގި، ފެނި މިދަނީ ހާމަވަމުންނެވެ. އަދި އެމްޑީޕީގެ އިސްސަފުގައި މަސައްކަތްކުރާ ފަރާތްތަކާއިމެދު ފާޅުކަންބޮޑު ގޮތެއްގައި އިންސާފެއްނެތި ޝަރުއީ ނިޒާމުގެ ތެރޭގައި، ތަފާތު ކުރުންތައް ގެންގުޅެމުން ދާކަންވެސް ނުހަނު ކަންބޮޑުވުމާއެކު މިޕާޓީން އޭރުވެސް އަދި މިހާރުވެސް ފާހަގަ ކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ތަމްޞީލް ކުރަމުން ދަނީ މި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކަމަށްވީހިނދު އެމެންބަރުންނާއި މެދު ސާބިތު ނުހިފޭ ތުހުމަތުތައްކޮށް ސިޔާސީ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި ވަކި ފަރާތްތަކަކުން ހިންގާ ޖަރީމާތަކުގެ ސަބަބުން ދިވެހިރައްޔިތުންނަށް ބިރުވެރިކަންލިބި އެފަރާރްތަކުގެ ޙައްޤު ނިގުޅައިގަނެވިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު އިންތިހާއަށް މިވަނީ ބޮޑުވެފައެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އެކިއެކި މިޝަންތަކުންނާއި އެކިއެކި މާހިރުން،، ރައްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައިވާ ކަންކަން ދިރާސާކޮށް އެފަރާތްތަގެ ރިޕޯޓްތަކުގައި ރައްޖޭގެ ފަނޑިޔާރުގެތަކުން އަދުލު އިންސާފު ލިބުމުގެ ބަދަލުގައި ބޭއިންސާފު ލިބޭކަމަށް ފާހަގަކޮށް، ރާއްޖޭގެ ޝަރުއީ ނިޒާމު އިޞްލާޙް ކުރުމަށް ނުހަނު ބާރުއަޅާފައިވާ ހިނދުގައާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފަނޑިޔާރުގެ ތަކުން އިންސާފު ނުލިބޭކަމަށް ދިވެހި އެތައް ރައްޔިތުންނެއް އަބަދާއި އަބަދު އަޑު އުފުލަމުންދާއިރު، އެމަކުގެ ހަޤީޤަތް މިއަދުވަނީ ދިވެހިރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.

އެމްޑީޕީން ދެކޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުނާ ދެކޮޅަށް މިޕާޓީއާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައިވާ، ޝަރުޢީ ދާއިރާގެ ބޭނުން ނާޖައިޒް ގޮތުގައި ހިފައިގެން ޤަސްދުގައި، ރާވައިގެން ހިންގަމުން މިގެންދާ ޖަރިމާތަކަކީ އެމްޑީޕީން ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ފަށާފައިވާ މަސައްކަތައް ހުރަސްއަޅައި މި ޕާޓީގެ މެންބަރުންނށާއި ދިވެހިރައްޔިތުންނަށް ބިރުދެއްކުމަށް ހިންގަމުން ގެންދާ ނާތަހުޒީބު، ފިނޑި ޢަމަލުތަކެކެވެ.

ވީމާ ނާޖާއިޒް ގޮތުގައި ބާރާއި ނުފޫޒު ޝަރުއީ ދާއިރާއާއި އެނޫންވެސް ދާއިރާތަކުގައި ބޭނުން ނުކުރުމަށް މި ޕާޓީގެ ސިޔާސީ ވާދަވެރިންނަށް ގޮވާލަމެވެ. އަދި ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް ރައްޔިތުންގެ އަތުން ފޭރިގެންފައިވާ ރައްޔިތުންގެ ވެރިކަން އަލުން އަނބުރައި ދިވެހިރައްޔިތުންނަށް ހޯދައިދިނުމަށާއި، އަދުލު އިންސާފްގެ ދާއިރާ މިނިވަންކުރުމާއި ރާއްޖޭެގެ ފަނޑިޔާރުގެތަކުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަދުލު އިންސާފު ހޯދާދިނުމަށް އެމްޑީޕީން މިހާރު ފަށާފައިމިވާ މަސައްކަތް ހުއްޓާ ނުލާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް މިޕާޓީގެ ފަރާތުން އަރުވަމެވެ.