ޖުޑިޝަރީގެ މައްސަލަތައް ހުރިކަމަށާއި ގާނޫނު އަސާސީގެ އިމުގެތެރޭގައި ދިވެހި ވެރިކަން އޮންނަން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު ތަސްމީން ވިދާޅުވެފައިވާ ވިދާޅުވުމަށް އެމްޑީޕީގެ ޗެއާރޕާރސަން ރީކޯ މޫސަ މަރުހަބާ ކިޔައިފި

reeko

ޖުޑިޝަރީގެ މައްސަލަތައް ހުރިކަމަށާއި ގާނޫނު އަސާސީގެ އިމުގެތެރޭގައި ދިވެހި ވެރިކަން އޮންނަން ޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ވިދާޅުވެފައިވާ ވިދާޅުވުމަށް އެމްޑީޕީގެ ޗެއާރޕާރސަން ރީކޯ މޫސާ މަނިކު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް ގޮވާލާ އެމްޑީޕީއިން އަބަދުވެސް އަޑުއުފުލަމުން ދަނީ އެކަމުގައި ޙަގީގަތްތަކެއް އޮވެގެން ކަން ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކޮންޓްރޯލް ކުރާ ޑީއާރްޕީން އެއްބަސްވުމުން އަދުލު އިންސާފް ގާއިމް ކުރާ ދާއިރާއާއި މެދު ތުހުމަތުގެ އިނގިލި ދިއްކުރަނީ ހަމައެކަނި އެމްޑީޕީން ނޫންކަމަށާއި ޖިނާއީ ކޯޓު ފިޔަވައި އެހެން ކޯޓުތަކުގައިވެސް މައްސަލަތައް ހުރިކަމަށް ރާއްޖޭގެ ގިނަ ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ ލީޑަރުން އެއްބަސްވާން ފެށީ އަނެއްކާވެސް އިންތިހާބެއް ބޯމަތި ވީމާކަން ހިތާމަޔާއިއެކު ފާހަގަކުރާ ކަމަށް އެމްޑީޕީ ވެބްސައިޓަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މޫސަ މިއަދު ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އުފެދިގެން އައި ކޯޓުތަކާއި ފަނޑިޔާރުންގެ ގާނޫނާއި، ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާއި ސުޕްރީމްކޯޓުގެ ބެންޗަށް ފަނޑިޔާރުން ނެގުމުގައި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕާއި، ޑީއާރްޕީގެ ޕާލިމަންޓްރީ ގުރޫޕާއި ތަފާތު އެތައް ފަހަރެއްގެމަތިން ވާހަކަދެކެވިފައިވާއިރު، އެކަންކަމަށް ބީރު ކަންފަތެއްދެއްވައި އޭރު ޕާލިމަންޓްގެ މެޖޯރިޓީ އޮތް ޑީއާރްޕީން ކަންކުރައްވާފައިވާގޮތުން ޑިމޮކްރަސީގެ އަސާސްތައް ފުރިހަމަނުވެ ޒިންމާދާރު އިދިކޮޅު ޕާޓިއަކަށްވުރެ ބޮޑަށް ކޮންމެ ގޮތަކުންވިޔަސް ވެރިކަން ވައްޓާލައި، ވެރިކަމުގެ ބާރުތައް ނެންގެވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކާއިއެކު ކުރެވުނު ޣައިރު ގާނޫނީ މަސައްކަތްތަކާއި ލާއިންސާނީ އަމަލުތަކާކީ މިއަދުވެސް ތަހުގީގުކޮށް ބަލަންޖެހޭ ކަމެއް ކަމަށް ތަސްމީނަށް ގަބޫލުކުރެވުނުކަން އެއީ ޝުކުރުވެރިކަމާއިއެކު ބަލައިގަންނަކަމެއް ކަމަށެވެ.

މިއަދު ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އޮތްގޮތަށް ބަލާއިރު ފަސް އަހަރަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިޔަކަށް މަޖުބޫރުކޮށްގެން ވެރިކަމުގެ ބާރުތައް ގުޅަކުޅޭ ފަސްގަނޑުން ފޭރިގަނެ އަދި ވެރިކަންކުރާ ޕާޓީއަށް “ވެލިކާންދިނަސް” މިދައުލަތާއި ވެރިކަން ދެމި އޮންނަނީ ރައްޔަތުންނަށްޓަކައި ކަމަށާއި ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ “ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި”، ކަމަށް ބުނެފައިވަނީ ދައުލަތް ހިންގުމަށްޓަކައި ރައްޔިތުން އިންތިޚާބުކުރާ ރައީސުލް ޖުމްހޫރިއްޔާއަކާއި ރައްޔިތުންގެ މަޖިލީހެއްގެ ދައުރެއް އޮވެގެންކަން ސިޔާސީ ޕާޓީއެއްގެ ވެރިއަކަށް އޮޅިގެން ނުވާނެކަމަށް ދެކިވަޑައިގަންނަވާނޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

” ކަންމިހެން އޮތްއިރު ގާނޫނު އަސާސީގެ 4 ވަނަ ބާބުގައި ވެރިކަން ހިންގުމުގެ ބާރު ރައްޔިތުން އިންތިހާބު ކުރި ރައީސް އަކަށް ލިބިދީފައިވަނީ މުޅި ދައުލަތުގެ މައްޗަށް ވެރިކޮއްފައި. ދައުލަތާއި ސަރުކާރާއި ސިފައިންގެ އެންމެ މަތީ ވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ބުނެ ރައްޔިތުން އެޒިންމާ ހަވާލުކޮއްފައިވާ ވެރިޔަކު، ސިޔާސީ އިސްފަރާތްތަކެއްގެ ނުފޫޒާއި ފައިސާގެ ބާރުން ސިފައިންނާއި ފުލުހުން ނުކުމެ ބަޢާވާތްކޮށް ވެރިކަމުން ދަމާ ބޭލީމައި ގާނޫން އަސާސީގައި ދެން ކަންކުރަން އޮންނަ ގޮތަކީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކަމުގެ ޙަގީގަތް ބެލުން ފިޔަވައި އެހެން ކޮން ގޮތެއް.” މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުރި މީހަކަށް އޭނާގެ މަގާމުގެ މުއްދަތުގައި ދިމާވާ އެއްވެސް ސަބަބަކާއި ހުރެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމް ހުސްވެގެން އެއްވެސް ސަބަބަކާއިހުރެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލުވެއްޖެ ހިނދެއްގައި ގާނޫން އަސާސީ ގެ 107 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތުގެ ބާކީ ބައިގައި ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމް އަދާކުރެވެނީ ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހުރިއްޔާ ހިންގަމުން ގެންދިޔަ ދައުރުގެ ބާކީ ބައި އެކަނިކަން ގާނޫން އަސާސީގައި ވަރަށް ސާފްކޮށް އޮތް ހިނދު އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ބަޣާވާތް ކުރި ބަޔަކާ ބައިވެރިވެގެން ދައުލަތް ރޫޅާލުމުގެ ބާރު ނައިބު ރައީސަށް ވެސް އަދި ސިޔާސީ ޕާޓީތަކަށްވެސް ލިބިފައިނުވާކަން ތަސްމީނުގެ ވާހަކައިން ރަނގަޅަށް ދޭހަވެގެން ހިނގައްޖެ ކަމަށް މޫސަ ވިދާޅުވިއެވެ.
އަދި ވެރިކަމުން ބޭލި ރައީސުލްޖުމްހުރިއްޔާ މުޅި ދުނިޔޭގެ ކުރިމަތީގައި ކަންހިނގި ގޮތް ވިދާޅުވަމުން ދާއިރު ބަޣާވާތް ގެނައި މީހުން އެކަން ކުރި ގޮތަށް ބަހާއި އަމަލުން އިއުތިރާފުވާއިރު އެކަމުގައި އިންސާފުވެރި ތަހުގީގެއް ނުހިންގައި އަދި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަންކުރަންވީ ގޮތް ގާނޫން އަސާސީގެ 124 ވަނަމާއްދާގައި ލިޔެފައި އެވަނީ އޮޅުމަކުން ނޫންކަން ތަސްމީނަށް ވެސް މިހާރު ރަނގަޅަށް އެނގިއްޖެކަން ޤަބޫލު ކުރެއްވޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

” ކަން މިހާ ސާފުކޮށް އޮތްއިރު ބަރުލަމާނީ ނިޒާމުގައި، ކަންކުރާ އުސޫލާ އެއްގޮތަށް ސިޔާސީ ޕާޓީތައް ގުޅިލައިގެން ސަރުކާރެއް އުފެއްދޭކަމަށް ޤަބޫލުކުރާ ބަޔަކު ހަނދާންކުރަންވާނީ ރާއްޖޭގައި އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅިތިބި 18 އަހަރުން މަތީގެ ހުރިހާ ރައްޔަތުންގެ ހަޢްގުތައް ޤާނޫނު އަސާސީގެ 4 ވަނަ މާއްދާ އާއެއްގޮތަށް ލިބިދޭތޯ. މިއީ ޤާނޫނުއަސާސީގެ 16 ވަނަމާއްދާ އާއި 26 ވަނަ މާއްދާއިން ކޮންމެ ރައްޔަތަކަށް ލިބިދޭ ހައްގެއް. ވީމާ ސުވާލަކީ ދޮޅުއަހަރު ޤައުމު ހިންގަންވީ އެރައްޔަތުންގެ ޙައްޤުތަށް އެބައިމީހުނަށް ނުދީތޯ؟ ހަމަޤައިމުވެސް މެނިފެސްޓޯއަކާ އެކު 2008 ވަނައަހަރު ރައްޔިތުން އިންތިޚާބުކުރި ވެރިކަމެއް މިއަދު އޮތް ނަމަ އެއްބައިވަންތަކަމުގެ ސަރުކާރެކޭ ކިޔާކަށް ނުޖެހުނީސްތާ. އަލަށް ކެބިނެޓެއް އައްޔަނުކުރާކަށް ނުޖެހުނީސްތާ. ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒް ވަދެފައިވާ ވާހަކަ ދައްކާކަށް ވެސް ނުޖެހުނީސްތާ.” މޫސަ ވިދާޅުވިއެވެ.

ވެރިކަން ވެއްޓުނު ގޮތުގެ ތަހްޤީޤް ކުރުމަށް ތަސްމީނު ބޭނުންފުޅުވަނީ ސިޔާސީ ޕާޓީތަކުން ކަމަށް ދެކެވަޑައިގަންނަވާނަމަ ވެރިކަމެއް ވެއްޓުމުގެ އިތުރުން ރައްޔިތުންގެ އެތައް ބަޔަކަށް ދީފައިވާ ބޮޑެތި އަނިޔާތަކާއި، ދައުލަތާއި ރައްޔަތުންގެ މުދަލަށް ލިބުނު ގެއްލުމާއި، މިފަދަ އެތައްކަމެއް ހިންގި ބަޔަކަށް އެކަން ތަހްޤީޤް ކުރެވޭނެތޯ މޫސަ ސުވާލު އުފެއްދެވިއެވެ. އަދި ވަގުތާއި، ހާލަތަށް ބަލާއިރު ސަލާމަތީ ބާރުތަކުން އަނެއްކާ ކުރިން އޮތްގޮތަށް ރާއްޖޭގެ ވެރިކަމުގައި 2013 އާ ހަމައަށް ރައީސް ނަޝީދު ބަހައްޓަން ނިންމައިފިނަމަ ހަމައެކަނި ބާރުތަކުން ފޭކޮށްލަންޖެހެނީ ހައެއްކަ މީހުންނޫންތޯ ވެސް މޫސަ ސުވާލު އުފެއްދެވިއެވެ. އެކަން އެގޮތަށް ހިންގަން ބޭނުންވާނަމަ 23 ޑިސެމްބަރުގެ އިއްތިހާދަށާއި ޕީޕީއެމްގެ ނައިބު ލީޑަރު ސިފައިންނާއި ފުލުހުންގެ ކޮމާންޑަރަކަށް ވެގެން ދިވެހި ސަލާމަތީ ބާރުތަކުގައި ތިބި ހައެއްކަ ހާސް މީހުންގެ އަބުރާއި އިއްޒަތް ނަގާލައި، އެމީހުންނަކީ މަހުޖަނުންގެ ޖީބަށް އެރި އުމަރު ނަސީރުގެ އޯޑަރަށް ކިޔަމަންވާ ބައެއް ކަމަށް އުމަރު ނަސީރު ގޮވަމުންދާއިރު އުމަރަށް ރާއްޖޭގެ ވެރިކަން ސަލާމަތީ ބާރުތަކުން ހަވާލުރުކުރާ ދުވަހު ގާނޫނު އަސާސީ އިސްލާހުކުރަން ތަސްމީނު ބަހައްޓާނެ ތޯ ވެސް މޫސަ ސުވާލުކުރެއްވިއެވެ.

“މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ އަބަދުމެ ދައްކާތީ ވެރިކަން ބަދަލުވުމާއި އެކީ އަޅުގަނޑު މިއޮތީ އައިސީޔޫގައިނޫންތޯއެވެ؟ ވީމާ ތަސްމީނާއި އުމަރުގެ އަރައިރުމާއި ޑީއާރްޕީގެ ފުނޑުފުނޑުވުމަށް ބަލާ އިރު ގާނޫނު އަސާސީ އިސްލާހުކުރުމުގެ ވާހަކަ ބާއްވާށެވެ. އިނގޭހާވެސް އެއްޗަކީ މިފަހަރު މިކަމުގައި ދުނިޔޭގެ ބާރު ހުރި ފަރާތްތަކުން ގޮތްކިޔާނެކަމާ އަދި އެކަމައް އިޖާބަދޭންޖެހޭނެކަން.”، ސަލާމަތީ ބާރުތަކުގެ އަނިޔާވެރި ހަމަލައެއްގައި ލިބުނު ޒަޚަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ މޫސަ ވިދާޅުވިއެވެ.

މާޒީ ހަނދާން ނައްތާލައިގެން ނުވާނޭ ކަމަށާއި، ގައުމުތަކުގެ ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މުޒާހަރާއާއި ދެކޮޅަށް އެތަނުގެ ސަރުކާރުން ހިންގި ލާއިންސާނީ އަމަލަށްފަހު، ކެރޭ ރައްޔިތުންތަކެއްގެ ބުރަ މަސައްކަތާއި، ބައިނަލް އަޤްވާމީ ފިއްތުމާއެކު ބޭއްވި އިންތިޚާބުގައި ކާމިޔާބުކުރީ ތަޅައި ސުންނާފަތިކުރި ފަރާތްތައް ކަން ހަނދާން ނައްތާ ނުލުމަށް ވެސް މޫސަ ގޮވާލެއްވިއެވެ. އަދި “މިއަދު ވޯޓަކަށް ދިޔަސް، މީގެ 10 އަހަރު ފަހުން ވޯޓަކަށް ދިޔަސް ވޯޓަކުން އިރާދަކުރެއްވިއްޔާ އަބަދުވެސް ކާމިޔާބުކުރާނީ އެމްޑީޕީ”، ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.