ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންގެ އޯކިޑް މަލަކަށް ނަންދީފި

28 ޖޫން 2010

hep-flower-named-after-him

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންގެ އޯކިޑް މަލަކަށް ނަންދީފިއެވެ. މިއީ ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން އަރުވާ ޝަރަފެކެވެ. މި ޝަރަފް، ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، އެމަނިކުފާނު ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންއަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައެވެ.
ސިންގަޕޫރަށް ޒިޔާރަތް ކުރައްވާފައިވާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށާއި، އެހެނިހެން ޢިއްޒަތްތެރިންނަށާއި، ސިންގަޕޫރުގެ އިސްބޭފުޅުންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން މި ޝަރަފް އަރުވަމުން ގެންދެއެވެ. މިއަދާ ހަމައަށް 100 އަށްވުރެ ގިނަ ޢިއްޒަތްތެރިންނަށް މި ޝަރަފްވަނީ އަރުވާފައެވެ.
މި ޝަރަފް އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗަރ އާއި، ޖަޕާނުގެ އެމްޕަރަރ އަކިހީޓޯ އާއި، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއި، ފިލިޕީންސްގެ ރައީސާ ގްލޯރިއާ މަކަޕަގަލް އަރޯޔޯ އާއި، އަދި ޕްރިންސަސް ޑަޔާނާ ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދު ފާހަގަކުރެވިފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ ގޮތުން ގިނަ ކާމިޔާބުތަކެއް ހޯއްދަވަމުން ގެންދަވާ، އަދި ބައިނަލް އަޤްވާމީ ލީޑަރުންގެ ރުހުމާއި ފުރިހަމަ ތާޢީދު ލިބިވަޑައިގެންފައިވާ ރައީސެއްގެ ގޮތުގައެވެ.