ރައީސުލްޖުމްހޫރިއްޔާސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރޭ ފަށްޓަވައިފި

27 ޖޫން 2010

f1f485b532be392dd7964f94dbd0562a

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވައި ރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން، ސިންގަޕޫރުގައި ބޭއްވޭ އޭޝިޔާ-ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެއެވެ. އަދި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން، ސިންގަޕޫރުގައި ބާއްވަވާ ވިޔަފާރީގެ ފޯރަމެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް ދެއްވާނެއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.