އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންތައް ބެލެހެއްޓުމަށް 5 މެންބަރުންގެ ކޮމިޓީއެއް ނަގައިފި

އެމްޑީޕީގެ އަސާސީ ގަވައިދުގެ 77 ވަނަ މާއްދާ އާއި، 100 ވަނަ މާއްދާގައި ބުނާ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިޚާބުގެ ކަންތައް ބަލެހެއްޓުމަށް 5 މެންބަރުންގެ ކޮމިޓީއެއް ނަގައިފިއެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް އާއި، އެމްޑީޕީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާހީމް އަޙުމަދު (މާލިމީ އިބްރާހީމް) އާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު އާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަޙުމަދު ސަމީރު އެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 101 ވަނަ ޖަލްސާގައި، މި ކޮމިޓީ އެކުލަވާލުމަށް ހުށަހެޅުއްވީ އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު އެވެ. ތާޢީދުކުރެއްވީ އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަޙުމަދު އެވެ. މި ގަރާރު ފާސްވީ އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.