އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީ އެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

އަވަސް އިންތިޚާބުގައި ވާދަކުރައްވާނޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ހަމަޖައްސައިފިއެވެ.

ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި މިގޮތަށް ފާސްކުރި ނަމަވެސް، މިއަދުގެ ޖަލްސާގައި ގިނަ މެންބަރުން ވިދާޅުވީ، ބަޣާވާތަކުން ވެރިކަން ނިގުޅައިގެންފައިވާތީ އާއި ރައީސް ނަޝީދުގެ ދައުރުގައި ބާކީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް އޮތުމާއި އެކު، އެބޭފުޅުން ތާޢީދުކުރައްވަނީ ރައީސް ނަޝީދު ރިއިންސްޓޭޓް ކުރައްވަން ކަމަށާއި، އެހެން ނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގައި، ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އޮންނާތީ އާއި، އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަ ޕާޓީ ކަމަށްވާތީ، އެ ޕާޓީ އާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން، ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ތާޢީދުކުރީ ކަމަށެވެ.

“ބާޣީ ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ވެރިކަން ފޭރިގެންފައިވާ ސަރުކާރެއް ކަމަށް މި ޕާޓީން ޤަބޫލުކުރާ ހިނދު، އަދި ރާއްޖޭގެ ޤާނޫނީ ރައީސުލްޖުމްހޫރިއްޔާ އަކީ މުޙަންމަދު ނަޝީދު ކަމަށް މިޕާޓީން ޤަބޫލުކުރާ ހިނދު، އެއްވެސް ސަބަބަކާއި ހުރެ، އަވަސް އިންތިޚާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި މި އިންތިޚާބުގައި ބައިވެރިވާނޭ ރިޔާސީ ކެންޑިޑޭޓެއް މި ޕާޓީން ނިންމާފައި އޮތުން މުހިންމު ކަމަށް ދެކޭތީ، ރިޔާސީ ޕްރައިމަރީއަށް މިހާރުން މިހާރަށް ގޮވައި، އަސާސީ ގަވައިދު ބުނާ ފަސްމެންބަރުންގެ ކޮމިޓީ މިއަދުން މިއަދަށް ނަގައި، މިމަސް ނިމުމުގެ ކުރިން ކެންޑިޑޭޓުން އިއުލާންކޮށް، 2 މަސް ދުވަހުގެ ކެމްޕެއިން މުއްދަތުދީ މެއި މަހުގެ ތެރޭ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅައި ނިންމުމަށް މި ޕާޓީން އިޤްރާރުވަމެވެ.” ޕްރައިމަރީ އެއް ބޭއްވުމަށް ތާޢީދުކޮށް މިއަދު ފާސްކުރި ޤަރާރުގައި ވެއެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި 64 މެންބަރުންގެ އިއްތިފާގުން ފާސްވި މި ގަރާރު ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީއެވެ. ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު އެވެ .