ނޫސް ބަޔާން: އަވަސް އިންތިޚާބަކަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އުފައްދާ އިންތިޤާލީ އިންތިޒާމެއްގައި، ޝަރުތުތަކެއްގެ މަތިން ބައިވެރިވުމަށް އެމްޑީޕީން ނިންމުން

MDP-2012-PR-09ނަންބަރު:
ތާރީޚް: 19 ފެބްރުއަރީ 2012 (އާދީއްތަ)

އަވަސް އިންތިޚާބަކަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އުފައްދާ އިންތިޤާލީ އިންތިޒާމެއްގައި، ޝަރުތުތަކެއްގެ މަތިން ބައިވެރިވުމަށް އެމްޑީޕީން ނިންމުން

mdp-logo-150-x-157

11 ނޮވެމްބަރ 2008ގައި ރައްޔިތުން ޤާއިމުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަރުކާރު 7 ފެބުރުއަރީ 2012ގައި ޣައިރު ޤާނޫނީ ބަޣާވާތަކުން ވައްޓާލައި އުފެއްދި ވެރިކަމަކީ ޤާނޫނީ ހައިސިއްޔަތެއް އޮތް ސަރުކާރެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުދެކެމެވެ. އަދި އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީން ވަނީ ޑރ.މުހައްމަދު ވަހީދު ޙަސަންމަނިކުގެ ވެރިކަން ޤަބޫލުނުކުރުމަށް ނިންމާފައެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕޮސިޝަނަކީ ރައްޔިތުންގެ އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ރިޔާސަތާއި ސަރުކާރު، ރައްޔިތުން އިންތިޚާބުކޮށްފައިވާ މުއްދަތާއި ހަމައަށް ގެންދިޔުމެވެ.

7 ފެބުރުއަރީގައި ހިނގާދިޔަ ކަންކަމާއި، އަދި އެކަންކަމާއި ގުޅިގެން ނިކުންނަ ކަންކަމަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަންކަން ކުރުމަށާއި، އެކުރިމަތިވާ މައްސަލަތައް ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށާއި ޕާޓީގެ ލީޑަރޝިޕަށް ލަފާދިނުމަށް 7 މެމްބަރުންގެ ކޮމިޓީއެއް ޤައުމީ ހިންގާ ކޮމިޓީން އުފައްދާފައިވެއެވެ. (އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުން ކަމަށްވާ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އާއި، ހޯމް މިނިސްޓަރ ޙަސަން އަފީފު އާއި، ޑިފެންސް މިނިސްޓަރ ތަލްޙަތް އިބްރާހީމް ކަލޭގެފާނާއި، ފޮރިންގ މިނިސްޓަރ އަޙުމަދު ނަސީމް އާއި، ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބުގެ އިތުރުން ރައީސްގެ އިންފްރާސްޓަކްޗަރ އެޑްވައިޒަރ ސަރަނގު އާދަމް މަނިކު، އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ.)

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަޙަތު ކަމަށް ވީތީ އެމަނިކުފާނު ލަފާފުޅު ހުރީ، މިމައްސަލަތަކަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަމުގައި ވުމާއިއެކު، އެމަނިކުފާނު ލަފާދެއްވީ، އަވަސް އިންތިޙާބަކަށް ދިޔުމަށް ގޮވާލުމަށެވެ.

ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު މިޕާޓީއަށް ލިޔުއްވާފައި ވަނީ، އެމަނިކުފާނު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވަން ގަސްތުކުރައްވާކަމާއި އެސަރުކާރުގައި އެމްޑީޕީން ބައިވެރިވުމަށެވެ.

ނަމަވެސް ދަންނަވަމެވެ. ބަޣާވާތަކުން ވެރިކަމަށް އައިސް، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަކީ ޤާނޫނީ އިމުން ބޭރުގައި ކުރެވޭ ކަމަށްވާތީ، އެފަދަ ސަރުކާރެއްގައި މިޕާޓީން ބައިވެރި ނުވެވޭނެ ކަމަށް ދެކެމެވެ. ނަމަވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިނުވެ ޤައުމުގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށްވެސް މިޕާޓީން ދެކޭތީ، އަދި މިޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށްވާތީ، އަވަސް އިންތިޙާބަކަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އުފައްދާ އިންތިގާލީ އިންތިޒާމެއްގައި، ޝަރުތުތަކެއްގެ މަތިން ބައިވެރިވާން ތިބި ކަމަށް މި ޕާޓީން ވާނީ މުހައްމަދު ވަހީދު ހަސަން މަނިކަށް ދަންނަވާފައެވެ.

އެޝަރުތަކީ 7 ފެބުރުއަރީގައި ގެނެވުނު ބަޣާވާތުގައި އިސްރޯލެއް އަދާކުރެއްވި މީހުންގެ ތެރެއިން މިހާރު ހިންގާ ޣައިރު ޤާނޫނީ ސަރުކާރުގެ މިދަންނަވާ ފަރާތްތައް ޑރ.ވަހީދުގެ ވެރިކަމުން އެކަހެރި ކުރުމެވެ.

1. މުހައްމަދު ނާޒިމް “ޑިފެންސް މިނިސްޓަރ”
2. މުހައްމަދު ޖަމީލް ” ހޯމް މިނިސްޓަރ”
3. އަބުދުﷲ ރިޔާޒް “ކޮމިޝަނަރ އޮފް ޕޮލިސް”
4. މުހައްމަދު ފަޔާޒް “ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ”
5. އަހުމަދު ޝިޔާމް “ޗީފް އޮފް ޑިފެންސް”

ބަޔާން ނެރުނީ: އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 7 މެންބަރުންގެ ކުޑަ ކޮމިޓީ