ހަގީގަތުގައި ވެސް ބައެއްގެ ކެހިވެރި މަޅީގައި ޖެހި ދިވެހިންނަށް އާދެވިފައި މިތިބީ ފިނި ހިޔަލަކުން ގަދަ ހޫނަކަށެވެ

democracy-1

11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހަކީ ދިވެހިންގެ އެތައް ބައެއްގެ ހިތްތަކަށް އާރޯކަމާއި ހިތްހަމަ ޖެހުން ގެނެސްދިން ދުވަހެކެވެ. 30 އަހަރުގެ އަނިޔާވެރި ޚުދުމުޚްތާރު ވެރިއެއްގެ ކިބައިން ދިވެހިންގެ މުސްތަޤްބަލް ސަލާމަތްކުރި ދުވަހެވެ. ޤައުމުގެ ތާރީޙުގައި ބޭއްވި ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބަކަށްފަހު ގައުމުގެ އޮޑިއަށް އާ ޒުވާން ކައްޕިތާނެއް އިސްކުރުވި ދުވަހެވެ.

ފާއިތުވި ތިން އަހަރު ދުވަހު ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން ދުވަސްތައް ހޭދަކުރަމުން ގެންދިޔައީ މިނިވަންކަމާއި، ސުލްޙަވެރިކަމާއި އެކުގައެވެ. ގޭބަންދުން ފިލައި ދިރިއުޅުމުގެ ބޭނުންތައް ފުއްދަމުން ގެންދިޔައީ ހިތްހަމަޖެހި ތިބެއެވެ. ޤައުމަށް ދިމާވާ އެކިއެކި އަޑިގުޑަން ތަކުގައި ސަރުކާރަށާއި ވަކިވަކި ފަރުދުންނަށް އެހީތެރިވަމުން ގެންދިޔައީ އޯގާތެރިކަމާއި އެކުގައެވެ. އޭގެ މިސާލެއްގެ ގޮތުން ދަންނަވާނަމަ ސަރުކާރު މުވައްޒަފުންގެ އެތައް އަގުހުރި މަސައްކަތެއްގެ އުޖޫރަ ގައުމަށްޓަކައި ޤުރުބާން ކޮށްލިއެވެ. ޤައުމީ ޙިދުމަތުގައި ރައްޔިތުން ޝާމިލުވަމުން ގެންދިޔައީ ވެރިމީހާއަށް ނުހަނު އިތުބާރު ކުރަމުންނެވެ. ދަންނަވާލަންޖެހޭ ހަޤީގަތަކީ ދައުލަތުގެ ވެރިންނާއި މިކަންކުރާ ޕާޓީގެ އިސްފަރާތްތައް ޒުވާން ޖީލަށް ޚިދުމަތްކުރަމުން ގެންދިޔައީ އެބޭފުޅުންގެ އެޓިޓިއުޑް ރަގަޅަށް އެގިތިބެއެވެ.

މަސްތުވާތަކެތީގެ ހާލަތު 3 އަހަރުތެރޭ އެތައް ގުނައެއް ހެޔޮވެ، މި ނުކައްކާތެރި ވަބާގައި ޖެހިފައި ތިބި އުއްމީދީ ޒުވާނުންގެ ކުރިމަގު އުޖާލާވަމުން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން ދިޔައެވެ. ބޭސް ސިޓީއަށް ސަލާމް ޖެހުމުގެ އާދަ ނެތި، ކޮންމެ ދިވެހި ފަރުދަކަށް ވެސް ހިލޭ ބޭސްފަރުވާ ކުރުމުގެ މަގު ފަހިވެގެން ދިޔައެވެ. އުމުރުން ދުވަސްވީ ބޭފުޅުންނާއި، ޙާއްސައެހީއަށް ބޭނުންވެފައިވާ ބޭފުޅުންގެ އިތުރުން އެކަނިވެރި މައިންނަށް އެބޭފުޅުންގެ އަމިއްލަ ބޭނުންތައް ފުއްދުމުގެ އުފާ ލިބެމުން ދިޔައެވެ. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަތްފޯރާއަގެއްގައި ދަތުރުފަތުރުކޮށް އުޅެވޭނެ މަގުފަހިވެ، ބޯހިޔާކޮށްލާނެ ފަދައެއްނެތި ތިބި އެތައް ލޮބުވެތި ރައްޔިތުންތަކެއްގެ އުއްމީދުތަކުގައި ކުލަޖެހެމުން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނެވެ. ކުރުގޮތަކަށް ދަންނަވާނަމަ ޤައުމީ އޮޑި މިސްރާބު ޖަހަމުން ގެންދިޔައީ އަޅުގަނޑުމެން ނުދެކޭފަދަ ދިވެހިރާއްޖެއަކާއި ދިމާއަކަށެވެ.

މިހާ ހިސާބަށް ޤައުމުގެ އޮޑި ކަނޑައްތު ކުރަމުން ދިޔައިރު ހިގަމުންދިޔަ ކަންތަކާއިމެދު ހިތްހަމަ ނުޖެހި ހަސަދެރިވާ ބަޔަކުވެސް އުޅެމުން ދިޔައެވެ. ފާއިތުވެދިޔަ ތިރީސް އަހަރުދުވަހު ވެރި މީހާގެ ޙާއްސަ އެހީތަކުން ތިޔާގިވި މަހުޖަނުންތައް ކުރިން ދެންނެވި ތަސްވީރު މުތާލިޔާކުރަމުން ގެންދިޔައީ ނުރައްކާތެރި ނަޒަރަކުންނެވެ. މެދުކެޑުމެއްނެތި ލިބުނު ޙާއްސަ އިނާޔަތްތައް މިހާރުގެ ސަރުކާރުން ނުލިބޭތީވެ މިބޭފުޅުންގެ ރުޅިވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހަމަ އެއާއިއެކު ރައްޔިތުންގެ އިއްތިޚާބުތަކުން ހޮވާ މަންދޫބުންނަށް، މިބޭފުޅުންގެ ދާއިރާގެ ރައްޔިތުން ހަޤީގަތުގައި ބޭނުންވާ މަގު ވިސްނެންފެށުމުން، ކުރީގެ ހުދުމުޙުތާރު ވެރިންނަށް މިމަންޒަރު ބަލާކަށް ކެތްވާގޮތެއް ނުވިއެވެ. ތޮއްޑޫންނާއި އައްޑޫއިން އަންނަ ހިތްވަރުގަދަ ދިވެހި ދަރީންނަށް ސިޔާސީ ގޮތުން ލިބެމުންދިޔަ ކާމިޔާބީތައް ބަލަން ނިގޫފިތިފަތިބި އާއިލީ ވެރިކަމަށް ލޯބިކުރާ ބޭފުޅުންނަކަށް ކެތެއްނުކުރެވުނެވެ.

މިދެންނެވި ކަންތައް ބަދަލުވާން ފެށީ އަޅުގަނޑުމެން ރައްޔިތުންގެ ކަންފަތަށް އަޑުއަހާލަން ފަސޭހަ ގޮތަކަށެއް ނޫނެވެ. ހުދުމުޙުތާރު ވެރިކަން ދެމެހެއްޓި އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ފެށިއެވެ. ދިވެހިންގެ ލޮބުވެތި އިސްލާމްދީން އެއީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ދީނީ އިލްމުވެރިންގެ ތެރޭގައި ތިބި ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރަމުން ގެންދިޔަ ބޭފުޅުންކޮޅެއްގެ އެހީތެރިކަމާއި އެކު މުޖުތަމައު ފަސާދަކުރަމުން ގެންދިޔައެވެ. އިދިކޮޅު ފިކުރުގެ މީހުންނަށް ޤަބޫލުކުރަން ދަތިވި ނަމަވެސް މިއީ ކަންތައް ހިނގި ގޮތްކަން ދިވެހި ލޮބުވެތި ރައްޔިތުން ގަބޫލުކުރާނެއެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހު ޤައުމުގެ އިސް ވެރިޔާ ވެރިކަން ކުރަމުން ގެންދިޔައީ ނުހަނު ގިނަގުނަ ފިއްތުން ތަކާއި އެކުކަން އަޅުގަނޑު ޤަބޫލު ކުރަމެވެ. ކާމިޔާބީގައި ހިތްތިރިކޮށް ހިޔާނާތްތެރިންގެ ހީލަތުން ރައްޔިތުން ސަލާމަތް ކުރެވޭތޯ އެބޭފުޅާ ދިޔައީ ކެޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މަސްރަހު ބަދަލުވެގެން ދާގޮތާއި، ދޫ ދިނުމުގެ ސަބަބުން އޭގެ ނާޖާއިޒު ފައިދާ އިދިކޮޅު ފަރާތްތައް ނަގަން ފެށިއެވެ. އެގޮތުން މިސްކިތުގެ ދާނި ވަގަށް ނެގުމާއި ނާއިންސާފަށް ފަހާ ތަންތަނުން މިލިއަނުން މަންފާ ހޯދި މައްސަލަތަކާއި އެތައް މިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރީގެ މައްސަލަތައް ކޯޓުތަކުގެ ފަނޑިޔާރުން ނިންމަމުން ދިޔައީ ކުރީގެ ޚުދުމުހުތާރު ވެރިއެއްގެ އަމުރަށް، އިންސާފަށް ލޯބިކުރާ އެތައް ދިވެހި ރައްޔިތުންނެއްގެ ލޮލުން ކަރުނަ އޮހޮރުވާފައެވެ.

މިހާ ހިސާބަށް ކަންތައް ދިއުމާއި އެކު ދައުލަތުގެ އިސްވެރިޔާގެ ހައިސިއްޔަތުން މުޙައްމަދު ނަޝީދަށް ޖެހިވެޑައިގަތީ ލިބިވަޑައިގެންފައިވާ ޙާއްސަ ބާރުތަކުގެ ބޭނުން ހިފައި، ޤާނޫނު އަސާސީ ނަގަހައްޓައި ޙިމާޔަތްކުރުމުގެ ޒިންމާ ނަންގަވަންޖެހޭ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން، ކުރިމިނަލް ކޯޓުގެ އިސް ޤާޒީ ނިޒާމުން ގެއްލުވާލާށެވެ. އޭނާ އަކީ ބޮޑެތި ގާތިލުންނާއި، މުޖުރިމުންނާއި، މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ގަސްތުގައި މިނިވަންކުރި ކަމަށް ދިވެހިރައްޔިތުން ހެކިވާ ހަމަގައިމުވެސް މުޙައްމަދު ނަޝީދުގެ މި ތަފާތު އަމަލަކީ އެތައް ދިވެހި ރައްޔިތުންތަކެއް އެކަމަށް އެދިއެދި ތިބި އަމަލެއް ކަމަށް ޒުވާނެއްގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލުކުރަމެވެ.

އެހެންނަމަވެސް ނަޝީދުގެ މި އަމަލު ކުއްވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ ކިބައިން އެތައް މަންފާއެއް ލިބެމުންދިޔަ މަދުބަޔަކު އެއްވުން މަނާ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގިތަން އަޅުގަނޑުމެންނަށް ފެނުނެވެ. އެއްބަޔަކު ސައްލާ ކުރަމުން ގެންދިޔައީ އެދަނޑިވަޅުގައި ކުރެވުނު ހުރިހާކަމެއްކޮށް ރައްޔިތުންގެ އިއްތިޚާބަކުން ހޮއްވަވާފައިވާ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލާށެވެ. މިގޮތުން ނުވަދިހައިގެ އަހަރުތަކަށްސުރެ ވެރިކަމުގެ ދަހިވެތި ކަމުގައި މަސައްކަތްކުރާ ދައުލަތުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުއާއި އެއްބައިވެ ރައްޔިތުން ވާނުވާގެ ތެރެއަށް ވައްދާލިއެވެ. ގައުމުގެ ހާލުގެ ދުލުން މިއަދު ގޮވަމުންދަނީ އަނިޔާވެރިކަމުގައި މައުމޫނުގެ ވެރިކަމަށް ވުރެ، މާ އަނިޔާވެރިކަން ބޮޑު މި ވެރިކަން ނިމުމަކަށް ގެނެސް އިންސާފުވެރި، އަވަސް އިންތިޚާބެއް ބޭއްވުމަށެވެ.

ވިހި ދުވަހުގެ ސިލްސިލާ ޢައިރު ޤާނޫނީ އެއްވުން ތަކަކަށް ފަހު ދެން ފެންނަމުން ދިޔަ މަންޒަރު ތަކަކީ އަޅުގަނޑަށް ގަބޫލުކުރަންވެސް ދަތި މަންޒަރު ތަކެކެވެ. ދިވެހި ލޮބުވެތި ރައްޔިތުން އެބަޔަކަށް ނުހަނު އިޙްތިރާމް ކުރި ދެ މުވައްސަސާ ތެރޭގައިތިބި، ތިރީސް އަހަރުގެ އިއްޒަތާއި ލަތްޒަތައް ދެވިހިފާފައިވާ ކޮރަޕްޓް ކޮމާންޑަރުން ތަކަކަށް ދިވެހި މަހުޖަނުން ތަކެއް ގިނަ އަދަދެއްގެ ފައިސާދީ މިބައި މީހުންގެ ބަހަށް ހައްލާލިއެވެ. ހަމައެޔާއެކު،ބޮޑުންނަށް ނުހަނު ކަމޭހިތައި އިޙްތިރާމްކުރާ އާންމު ފުލުހުން މި ނުރައްކާތެރި ބޭފުޅުންގެ އަވައިގައި ޖެއްސިއެވެ. އެތައް ބުރަ މަސައްކަތަކާއި ތާއީދާއެކު ހޮވި ރާއްޖޭގެ ފުރަތަމަ ސަރުކާރު މި މަދު ބައެއްގެ ބާރާއި ނުފޫޒުން ވައްޓާލިއެވެ. ހަމަގައިމުވެސް މި އަމަލަށް ބަޢާވާތެކޭ ކިއިދާނެ ހުރިހާ ސިފަތަކެއް ލިބިގެންވާކަމަށް ދިވެހިރައްޔިތުން ޤަބޫލުކުރާނެއެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. ރައްޔިތުން ދެކެމުންދިޔަ އެތައް ހުވަފެން ތަކެއްގެ ނިމުން އައީއެވެ. ސުލްހަވެރިކަމާއި އެކު އުޅެމުން ދިޔަ ދުވަސްތަކުގެ ނިމުން އައީ ބާވައެވެ. ކުރި ހުރިހާ އުއްމީދުތައް ފެނަށްވީ ބާވައެވެ.

ހަގީގަތުގައި ވެސް ބައެއްގެ ކެހިވެރި މަޅީގައި ޖެހި، ދިވެހިންނަށް އާދެވިފައި މިތިބީ ފިނި ހިޔަލަކުން ގަދަ ހޫނަކަށެވެ. މިނިވަންކަމުން އަޅުވެތިކަމަކަށެވެ. އޯގާތެރި ވެރިކަމަކުން އަނިޔާވެރިކަމަށެވެ. ނަމޫނާ ޑިމޮކްރަސީއަކުން ގޮނޑިކޮއްކޮ ވެރިކަމަކަށެވެ.

ހަމަގައިމުވެސް ﷲ ތަޢާލާ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އަދި ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ މުނާފިޤުންގެ ނުބައި ރޭވުން ހާމަކުރައްވައި، އެބޭފުޅުންނަށް ޙައްޤު ޖަޒާ ކަނޑައަޅުއްވާނެއެވެ

ލިޔުނީ: އަޝްޖައު