ސިފައިންގެއިންނާއި ފުލުހުންގެ މުޥައްސަސާ ދޫކޮށް 4 ބޭފުޅަކު އެމްޑީޕީގެ ސުލްހަވެރި މުޒާހަރާއާއި ގުޅިވަޑައިގެންފި

މި މުޒާހަރާ މެދުކެނޑުމެއް ނެތި ކުރިޔަށްދާތާ މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް، 44 ގަޑިއިރު ވެފައިވާއިރު، މިރޭ ވެސް މި މުޒާހަރާ އިތުރަށް ފޯރިގަދަ ވެގެންދާނޭ ކަމަށް ބެލެވޭ

mndf-police-450-x-225

ސިފައިންގެއިންނާއި ފުލުހުންގެ މުޥައްސަސާ ދޫކޮށް، އެ ދެ މުޥައްސަސާގެ 4 ބޭފުޅަކު އެމްޑީޕީގެ ސުލްހަވެރި މުޒާހަރާއާއި ރޭ ގުޅިވަޑައިގެންފިއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ބައެއް ފުލުހުންނާއި، މަދު އަދަދެއްގެ ސިފައިން ބައިވެރިވެ ރާއްޖޭގެ ޑިމޮކްރެޓިކް ރައީސް ބަޣާވާތަކުން ވެރިކަމުން ދުރުކުރުން ޤަބޫލުނުކުރެއްވޭތީ މަޤާމުން އިސްތިޢުފާ ދެއްވައި، އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ ސްޓާފްސާރޖެންޓް ޝަފުރާޒް ނައީމް އެމްއެންޑީއެފް، ސްޓާފްސާރޖެންޓް މުޙައްމަދު ނިޔާޒް މޯލްޑިވްސް ޕޮލިސް ސަރވިސް، ސާޖެންޓް އިމްރާން އިބްރާހިމް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ލާންސްކޯޕްރަލް މުޙައްމަދު އިމްރާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އެވެ.

މި 4 ބޭފުޅުން އެމްޑީޕީގެ ސުލްހަވެރި އެއްވުމާއި ގުޅިވަޑައިގެންނެވިކަން އިޢުލާންކޮށްދެއްވީ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އެވެ.

މި ބޭފުޅުން ތަޢާރަފްކޮށްދެއްވުމަށް ފަހު، އަސްލަމް ދެއްކެވި ވާހަކަފުޅުގައިޤައުމަށް ވަފާތެރި ޚިދުމަތްކޮށް ޝަރަފްވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅުން، ތިއްބެވީ އެބޭފުޅުން އެކަނި ނޫން ކަމަށާއި، އެ ބޭފުޅުންނަށް ރައްކާތެރިކަމާ ސަލާމަތްތެރިކަން ދޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

އަދި ރޭގެ ފަހުން މަނީ މަނީ ޔޭސް ސަރ ކިއުން ހުއްޓާލުމަށް ރައްޔިތުންގެ ކިބައިން ރައީސް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިޞަލް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން އިންތިހާބްކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެހަތަރު ބޭފުޅުންނަށް ސަލާމްކޮށް މަރުޙާބާ ވިދާޅުވިއެވެ.

ހަތަރު ބޭފުޅުންނަށް ވަރަށް ހޫނު ބަރުޚަބާއެއް ކިޔައި، އެއްވެ ތިބި މީހުން ވަނީ އެބޭފުޅުންނަށް ސެލިއުޓް ނަގާފައެވެ.

އެމްޑީޕީގެ ސުލްހަވެރި އެއްވުމުގައި އިއްޔެ ހަވީރު ކުރިޔަށް ގެންދިޔައީ ކުޑަކުދިންގެ ހަވީރެކެވެ. އަދި ރޭ އޮތީ ޚާއްސަ ޖަލްސާ އެވެ. މި ޖަލްސާ ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން އެމްޑީޕީގެ އެކި ދާއިރާތަކުގެ ބޭފުޅުންނާއި، ބައެއް ޒުވާނުން ވެސް ވާހަކަދެއްކެވިއެވެ.

މި ސުލްހަވެރި އެއްވުން، މިހާރު ރާއްޖޭގައި އުފައްދައިގެން އުޅޭ ބާޣީ ސަރުކާރުން އަވަސް އިންތިޚާބެއް އިޢުލާން ނުކުރަނީސް ހުއްޓާނުލާނޭ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. މިހާރު ވެސް މި އެއްވުން ހުއްޓުމެއް ނެތި ކުރިޔަށް އެބަދެއެވެ. ނަމަވެސް ދުވާލުގެ ވަގުތުތަކުގައި މުޒާހަރާ ކުރާ މައިދާން ކަމަށްވާ “އިންސާފްގެ މައިދާނުން” ފެންނަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ނިސްބަތުން މަދު އަދަދެއްގެ މީހުންނެވެ. އެހެން ނަމަވެސް މި ވޭތުވެދިޔަ ދެ ރޭ ވެސް ރެކޯޑް އަދަކަށް މި ސުލްހަވެރި އެއްވުމަށް މީހުން ހާޒިރުވެފައިވާ ކަން ފާހަގަކުރެވެއެވެ.

މި މުޒާހަރާ މެދުކެނޑުމެއް ނެތި ކުރިޔަށްދާތާ 44 ގަޑިއިރު ވެފައިވާއިރު، މިރޭ ވެސް މި މުޒާހަރާ އިތުރަށް ފޯރިގަދަ ވެގެންދާނޭ ކަމަށް ބެލެވެއެވެ.