– މިއަދާއި މިރޭ ވެސް އެމްޑީޕީގެ ސުލްހަވެރި އެއްވުން ކުރިޔަށްދާނެ
ސިފައިންގޭގެ ބަޑިގުދަން ހުޅުވުމަށް ރާއްޖޭގެ އިންތިޚާބީ ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހުން ސިފައިން އެދެމުންދިޔަ ކަމަށާއި، އަދި ބަޑިގުދަން ހުޅުވައިދެއްވައިފިނަމަ، 7 ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި ހުރިހާ ފުލުހުން ހައްޔަރުކުރުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ސިފައިން ބުނަމުންދިޔަ ނަމަވެސް، ރައްޔިތުންނަށް އަނިޔާކުރެއްވުމަށް ބޭނުންފުޅުވެވަޑައިނުގަންނަވާތީ، އެގޮތަށް އަމަލު ނުކުރެއްވީ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
” އަޅުގަނޑު ކައިރީގައި ތަކުރާރުކޮށް ބުނި ރައީސްއޭ ބަޑިގުދަން ހުޅުވައިދޭށޭ ހުޅުވައިދީފި ނަމަ އެ ހުރިހާ ފުލުހުން ހައްޔަރުކުރުމަކީ އެއްވެސް ކަމެއް ނޫނޭ. އެކަމަކު އަޅުގަނޑު ވެރިކަމަށް އައީ ރައްޔިތުންނަށް އަނިޔާކުރާކަށް ނޫން.”، އެމްޑީޕީން ފަށާފައިވާ ސުލްހަވެރި މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.
7 ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބައެއް ވިޔަފާރިވެރިންނާއި، ދީނީ ސިޔާސީ ފަރާތްތައް ގުޅިގެން ގެނައި ބަޣާވާތައް ފަހުގައި، ރައީސް ނަޝީދު ހުންނެވީ ސިފައިންގެއިން ނިކުމެވަޑައިގެންނެވޭނޭ ގޮތެއް ނުވެ، އަދި އެއްވެސް ފަރާތަކާ ގުޅުއްވޭ ގޮތެއް ވެސް ނުވި ކަމަށާއި، އަދި ބޭރުގެ ދުނިޔެއަށް ބަޣާވަތް ގެނައިމީހުން ވަނީ އޮޅުވާލައިފައި ކަމަށް، އެމަނިކުފާނު ރޭ ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުން މިއަދު އެދައްކުވާދެނީ ރައްޔިތުން ބޭނުންވަނީ ބަޣާވާތަކުން ވެރިކަން ބަދަލު ކުރުން ނޫންކަން، ކަމަށާއި ރައްޔިތުން ބޭނުންވަނީ އެރައްޔިތުން އިންތިހާބު ކުރާ ވެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ބައެއް. އަޅުގަނޑުމެން ކަންކަން ހިންގާން ޖެހޭނީވެސް މި ދެންނެވި މަގުން. އަޅުގަނޑު ރާއްޖޭގެ ދިފާއީ ބާރުތަކަށް ދަންނަވަން މިތަނުގައި ސުލްހަވެރިކަމާ އެކީގައި ތިއްބަވާ ބޭފުޅުންނާ އެ ބޭފުޅުން އެއްވެސް ހާލެއްގައި ބާރުގެ ބޭނުންކުރައްވައިގެން އަދި އެ ނޫން ގޮތަކުން ވެސް ބެހިވަޑައިނުގަތުމަށް.”، އެމްޑީޕީގެ ސުލްހަވެރި އެއްވުމަށް ހާޒިރުވެތިބި އެތައް ހާސް ދިވެހިރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ. “އަދި މިތަނުގައި ތިއްބެވި ބޭފުޅުންނަށް ވެސް އިޚްލާސްތެރިކަމާ އެކު އެދެން މިމައިދާނުން ބޭރަށް ވަޑައިނުގަތުމަށް. އަދި އުފާފާޅުކުރުމާއި އުފާވެރިކަން ނޫން ކަމެއް ނުކުރުމަށް.”
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދިވެހިރައްޔިތުން އެދޭ އިންތިޚާބު މާ ލަސްތަކެއް ނުވެ ލިބޭނޭ ކަމަށް ޔަޤީންކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ބޭނުންފުޅަކީ ހެޔޮވެރިކަމުގެ ސިޔާސީ ނިޒާމް ގާއިމްކޮށް އަށަގެންނެވުން ކަމަށް ވިދާޅުވެ، “އެ މަސައްކަތް ވަރުބަލިކަމެއް ނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއް ނޫން.”، ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މިއެދޭ އިންތިޚާބު ލަސްތަކެއް ނުވެ ލިބޭނެ. އެ ތާރީޚް ލަސްތަކެއް ނުވެ ސާފުވެގެންދާނެ. އެ އިންތިޚާބު ބާއްވާ ދުވަހު އިތުރު ޖޯޝަކާއެކު ތިބޭފުޅުން ތި އެދިވަޑައިގަންނަވާ ގޮތަށް އަލުން ރުކުރުވާލާނެ.” ރާއްޖޭގައި ބޭއްވި ގިނަ ޕާޓީ އެކުލެވޭ ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ބޯދާ ގޮތްތަކަށް ތަބާވެ ތިއްބަވާ ވަރަށް ގިނަ މީހުންގެ އަތްމަތީ ބަހަކަށް ވެފައި އޮތީ އަޅުގަނޑުމެން ދިވެހިންނަކަށް ނުކުރޭނެއޭ. އަޅުގަނޑު ދަންނަވާލާނީ ތި ދިވެހިންނާއި މި ދިވެހިންނަށް ވުރެ ވަކި ކެރޭ އިންސީންނެއް މި ދުނިޔޭގައި ނެތް ކަން.”، ރައީސް ނަޝީދު ވިދާޅުވިއެވެ. “ޑިމޮކްރެސީ ގެނައީ އަޅުގަނޑުމެން އެންމެންގެ ހިތްވަރުން. ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމް ނުގެނެވޭނެ ކަމަށް ބުނި. އެކަމަކު ރާއްޖޭގެ ވެރިކަމަކީ ހެޔޮ ނިޔަތުގައި ހެޔޮ ގޮތުގައި ކުރެވެން އޮތް ކަމެއް.”
މިއަންނަ އާދީއްތަ ދުވަހު ސިޔާސީ ޕާޓީތައް ބައްދަލުވާނެ ކަމަށް ވަނީ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާރޗް 1 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން އިންތިޚާބުގެ ތާރީޚެއް ކަނޑައެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން ތިބީ އެރައްޔިތުންގެ ރުހުމާއެކީގައި ނޫނީ ވެރިކަމެއް ކުރިއަދޭކަށް ނޫން ކަމަށް ވިދާޅުވެ، އިންޑިޔާގެ ފޮރިން ސެކްރެޓެރީ ވެސް ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް އިންޑިޔާ ތާއީދު ކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން އިންތިޚާބް ކޮށްފައިވާ ސަރުކާރު ވައްޓާލީމާ އެކަމާ އިހްތިޖާޖް ކުރުމަށް ނުކުތް މީހުންނަށް އެތަކެއް އަނިޔާދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްތް ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ހުއްޓަވާނުލައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
“ކުރަންހުރި ވަރަށް ގިނަ ކަންކަން އެބަހުރި. ހާއްސަކޮށް ޝަރުއީ ނިޒާމް. އަދުލު އިންސާފު ގާއިމު ކުރާ ފަނޑިޔާރުގެތަކެއް، އަދުލުވެރި ފަނޑިޔާރުންތަކެއް މިއަދާ ހަމައަށް ވެސް ވަނީ ގާނޫނު އަސާސީ ބުނާ ގޮތަށް އެކުލަވާ ނުލެވި.” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދާއި، މިރޭ ވެސް އެމްޑީޕީގެ ސުލްހަވެރި އެއްވުން 3 ބާރު ވަކިކުރާ ސަރަހައްދުގައި ކުރިޔަށްދާނެއެވެ. ރޭ ދަންވަރު ބައެއް މީހުން ގެއަށް ނިދަން ދިޔަ ނަމަވެސް އެއްބަޔަކު ނިދީ އެއްވުން އޮތް ސަރަހައްދުގައި ކުނާ އަޅައިގެންނެވެ.