އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އާ ޤާނޫނު އަސާސީ ތަޢާރަފްކޮށްދިނުން – މޫސަ

-ކިތަންމެ ބޮޑު މުޢާހަދާއެއް ކުރިޔަސް އެއަރޕޯޓް ޕްރައިވަޓައިޒްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެޕާޓީއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިފައިވާ، ފުރިހަމަ މިނިވަންކަން ލިބިދޭ ޤާނޫނު އަސާސީއެއް ތަޢާރަފްކޮށްދިނުން ކަމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މި ޤާނޫނު އަސާސީއަކީ އެމްޑީޕީގެ ވަރަށް ބުރަ މަސައްކަތުން ގެނެވިފައިވާ ޤާނޫނު އަސާސީއެއް ކަމަށާއި، އެހެން ކަމުން މިޤާނޫނީ އަސާސީ ދެމެހެއްޓުމުގެ އަޒުމްއާ ކުރުމަކީ މިފަދަ ދުވަހެއްގައި ކުރަންޖެހޭ ކަމެއް ކަމުގައެވެ.
ޤާނޫނު އަސާސީގެ އިމުން ބޭރުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ރޭގެ ހަފްލާގައި މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިގޮތުން ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކުރި މީހުން، މިހާރު ރާއްޖެއަކީ ބަރުލަމާނީ ވެރިކަމެއް ހިނގަމުންދާ ގައުމެއް ކަމުގައި ދެކެން ފަށައިފިކަމަށާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަޖިލީހުން ބޭނުންކޮށް، ” ސިފައިންގެ ވެރިން އައްޔަން ކުރުމުން ފެށިގެން ގޮސް، ޚިތާނުކުރުމާއި، ފޫޅުމައިކަންކުރުމާއި ވަރިކައިވެނީގެ ކަންތައް ވެސް ކުރަން މިޖެހެނީ މަޖިލީހުން” ކަމަށް މޫސަ ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި މޫސަ އިތުރަށް ވިދާޅުވީ މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓް ޕްރައިވަޓައިޒްކުރުމާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން އެގެންދަނީ އެއީ އެފަރާތްތަކަށް ނުކުރެވި އޮތް ކަމަކަށްވާތީ ކަމަށާއި، އެ މަސައްކަތަކީ ރާއްޖެއަށް ފައިދާހުރި މަސައްކަތަކަށްވާތީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ކިތަންމެ ބޮޑު މުޢާހަދާއެއްގައި ސޮއިކުރި ނަމަވެސް އެއަރޕޯޓް ޕްރައިވަޓައިޒްކޮށް އެކަމުގެ ފައިދާ ދިވެހިރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމުގައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ވެރިކަންކުރާ ރަށްރަށް ކަނޑައެލުމުގެ ޤާނޫނަށް ގެނެވިފައިވާ އިސްލާޙްގެ ސަބަބުން އެރަށްރަށަށް އަލުން ވެރިކަން ބަދަލުކުރުމަށް ސަރުކާރަށް ލާޒިމްކުރެވޭނީ އިތުރު އެތައް ޤާނޫނުތަކެއް ހަދައިގެން ކަމަށާއި، އެހުރިހާ ޤާނޫނެއް ހެދުމަށް ވަރަށް ގިނަ ދުވަސް ނަގާނޭ ކަމުގައެވެ.
މި ދެބޭފުޅުންގެ ވާހަކަފުޅުގައި ވެސް، އިދިކޮޅުފަރާތްތަކުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް މިސަރުކާރު ވައްޓާނުލެވެނޭ ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.