26 ޖޫން 2010
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުރީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީއާއި އަދި މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމާށްޓަކައި ކަސްޓަމްސްގައި އަދާކުރަމުން ދިޔަ ވަޒީފާ އަދާކުރުމުގައިވެސް ދަތިތަކާ ހުރަސްތައް ކުރިމަތިވުމުގެ ސަބަބުން، ކުރީގެ ސަރުކާރުގެ ސިޔާސަތާއި މެދު ހިތްހަމަނުޖެހިގެން ވަޒީފާ ދޫކޮށްލާފައިވާ ފަރާތެއްކަމުގައިވާ މއ.ކޯހެރަ އަލްފާޟިލް އަހްމަދު ނަޝީދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް އިއްޔެ ހަވީރު ސޮއިކޮށްފިއެވެ.
އެމްޑީޕީގެ މެމްބަރަކަށްވުމުގެ ފޯމުގައި ސޮއިކުރަމުން އަލްފާޟިލް އަޙްމަދު ނަޝީދު ވިދާޅުވެފައިވަނީ، “އެމް.ޑީ.ޕީ ސަރުކާރުން މަސްތުވާ ތަކެތި ހުއްޓުވުމަށްޓަކައި، މައުމޫންގެ ސަރުކާރުން ދުވަހަކުވެސް މަސައްކަތް ނުކުރާވަރަށް ފުރިހަމައަށް މަސައްކަތްތައް ކުރޭ. މިޕާޓީއާއި ގުޅެން ބޭނުންވީ މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމުގައި މިއަދުގެ ސަރުކާރުގެ ސިޔާސަތަށް ތާއީދުކުރުމުގެ ގޮތުން” ކަމަށެވެ.
އަލްފާޟިލް އަޙްމަދު ނަޝީދަކީ ކުރީގެ ސަރުކާރުގެ ކަސްޓަމްސްގައި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި އުފެއްދިފައިވާ ޓާސްކްފޯސްގައި އިސްކޮށް ހަރަކާތްތެރިވެ އަދި އޭނާގެ ތަޖްރިބާއާއި ހުނަރު ބޭނުންކޮށްގެން ރާއްޖެއަށް އޭރު އެތެރެކުރެވެމުންދިޔަ މަސްތުވާތަކެތި އެންމެ ގިނަ އަދަދަކަށް ހިފާފައިވާ ފަރާތެވެ. އަދި ރާއްޖެއިން ފުރަތަމަ ފަހަރަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރިފަރާތް ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްވެސް މެއެވެ. މިފަދަ ތަޖްރިބާ ހުރި ފަރާތެއްގެ މަސައްކަތްތަކަށް ކުރީގެ ސަރުކާރުން ހުރަސް އަޅާފައިވާ ކަން އެއީ ކުރީގެ ސަރުކާރުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމުގައި އިހުމާލުވެފައިވާކަން ހާމަވާކަމެއް ކަމުގައި ގިނަބަޔަކު ދެކެއެވެ.
އަލްފާޟިލް އަހްމަދު ނަޝީދުފަދަ ބޭފުޅުން އެމްޑީޕީއާ ގުޅުން އެއީ އެޕާޓީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތަކީ އެކަށީގެންވާ މަސައްކަތެއްކަމުގައި މިކަމުގެ ތަޖްރިބާލިބިފައިވާ ބޭފުޅުން ޤަބޫލުކުރާކަމުގެ ހެއްކެއްކަމުގައި ސިޔާސީ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.