ހުޅުލޭ އެއަރޕޯޓް ބޭރުބަޔަކާ ހަވާލުކުރުމުން ޤައުމުގެ ސިފަތަކަކަށް އަދި ޤައުމުގެ އިސްތިޤްލާލަށް އެއްވެސް އުނިކަމެއް ނާންނާނެ – ރައީސް

26 ޖޫން 2010

ދިވެހި ސަރުކާރުގެ ޚަރަދުގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޮޑު އަދަދެއްގެ ލޯނު ނެގުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި، ހުޅުލޭ އެއަރޕޯޓް ބޭރުބަޔަކާ ހަވާލުކުރުމުން ޤައުމުގެ ސިފަތަކަކަށް އަދި ޤައުމުގެ އިސްތިޤްލާލަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ ހަރުގޭގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ބައިނަލް އަޤްވާމީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޮޑު އަދަދެއްގެ ލޯނެއް ނަގައިފިނަމަ، އަތޮޅުތަކުގެ ރަށްރަށުގައި ނަރުދަމާ ޤާއިމްކުރުމާއި، ބަނދަރުހެދުން ފަދަ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ލޯނު ހޯދުމަށް ދަތިވާނޭ ކަމަށެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބޭރުގެ ފަރާތަކާ ހަވާލުކުރުމުން، އެ ވައިގެ ބަނދަރުން ސަރުކާރަށް މިހާރު ލިބޭ އާމްދަނީއަށްވުރެ އިތުރު އާމްދަނީ ސަރުކާރަށް ލިބިގެންދާނޭ ކަމަށާއި އަދި ޚިދުމަތުގެ އަކަ އޭރިޔާއާއި ބިން ބޮޑުކުރެވި ފަންނީ ވަސީލަތްތައް އިތުރުކުރެވުމުން ވަޒީފާގެ ފުރްޞަތުތައްވެސް އިތުރުވެގެންދާނެތީ، މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ފައިދާތައް ލިބިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
ރައީސް، މިއަދުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަނާއަށާއި، އެމްޑީޕީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ފަރާތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
ޗެއަރޕާސަންގެ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީ މިހިސާބަށް އައުމުގައި “ޗެއަރޕާސަންގެ ދައުރަކީ ވަރަށް ފާހަގަކުރެވޭ ދައުރެއް” ކަމަށާއި، 2006 ވފަނަ އަހަރު އެމަނިކުފާނު ހައްޔަރުގައި ހުންނަވަނިކޮށް “ސީދާ ޙަރަކާތަށް ޕާޓީއާއެކު މަގުމައްޗަށް ނިކުންނެވީ”މިހާރުގެ ޗެއަރޕާސަން މާރިޔާ ދީދީ ކަމަށާއި، ޕާޓީގެ ރޫޙް އެދުވަސްވަރު ދިރިގެން ދިޔައީ އެކަމަނާގެ ވެސް ވަރަށް އަގުހުރި ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީއަށް މިއަދު ލިބިފައިމިވާ ކާމިޔާބީއަކީ އެޕާޓީގެ އާންމު މެންބަރުންގެ މަސައްކަތުން ” އެކެއް އަނެކެއްގެ ހިތްވަރު ލިބި، ބިރު ފަހަނައަޅައި ދިޔައީތީ” ލިބުނު ކާމިޔާބީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.