މިއަދަކީ ހަމައެކަނި އެމްޑީޕީގެ އަހަރީ ދުވަސް ނޫން ކަމަށާއި މިއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ހިންގުމުގެ އަމަލީ މަސައްކަތް ފެށުނު ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

26 ޖޫން 2010

mdp-5-vana-ahareedhuvas-26-06-2010-71-450-x-338

މިއަދަކީ ހަމައެކަނި އެމްޑީޕީގެ އަހަރީ ދުވަސް ނޫން ކަމަށާއި، މިއަދަކީ ވާދަވެރި ސިޔާސީ ޙަރަކާތްހިންގުމުގެ އަމަލީ މަސައްކަތް ފެށިގެންދިޔަ ދުވަސް ކަމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރޭގައި ހިމެނޭ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ ދިދަ ނެންގެވުމަށްފަހު އެޕާޓީގެ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، އެމްޑީޕީ އަކީ މިޒަމާނުގެ ތާރީޚްގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ ކަމަށާއި، ކުރީގެ ރައީސް މަރުޙޫމް މުޙަންމަދު އަމީންގެ ދުވަސްވަރު އެމަނިކުފާނު މުތަޤައްދިމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި ކަމަށާއި، ހަމަ އެދުވަސްވަރު ތަމައްދިން ޕާޓީގެ ނަމުގައި އެހެން ޕާޓީއެއް ވެސް އުފެއްދިކަން އެނގެން އެބައޮތް ކަމުގައެވެ. ނަމަވެސް މި 2 ޕާޓީވެސް ހަރަކާތްތެރިކަމާއެކު ހިނގައި ގަނެވިފައިނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
“މިއަދަކީ ހަމައެކަނި އެމްޑީޕީއަށް އަހަރު ފުރުނު ދުވަހެއްނޫން. މިއަދަކީ ރާއްޖޭގައި މިޒަމާނުގައި ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެދި، ވާދަވެރި ސިޔާސީ ޙަރަކާތްތައް ފެށިގެން ދިޔަ ދުވަސް.” އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއަރޕާސަންގެ މަޤާމް އަދާކުރެއްވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ރާއްޖެގައި މަލްޓި ޕާޓީ ސިޔާސީ ނިޒާމެއް ތަޢާރަފްކުރުމުގެ ގޮތުން އެމްޑީޕީ ވުޖޫދަށް ގެންނެވުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުރެއްވި މަސައްކަތްޕުޅަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އެގޮތުނަ 1997 ވަނަ އަހަރު ވެސް ސިޔާސީ ޕާޓީ ހުއްދަކުރެއްވޭތޯ މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް މަޖިލީހުގައި އޭރު ވޯޓަށް އެހުމުން އެކަމަށް ތާޢީދުކުރެއްވީ އެމަނިކުފާނާއި އެކު ޖުމްލަ 4 މެންބަރުން ކަމުގައި ރައީސް ވިދާޅުވިއެވެ. އޭރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރެވެ.
މިއަދު އެމްޑީޕީ ހަރުގޭގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، މާލޭ މުނިސިޕަލްޓީގެ ރައީސް (ސަރަނގު) އާދަމް މަނިކުވެސް ވާހަކަފުޅުދެއްކެވިއެވެ.