26 ޖޫން 2010
ދިވެހިރާއްޖޭގައި ކުރިން އޮތީ 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަމެއް ކަމަށާއި، މިހާރު މިއޮތީ ޚުދުމުޚުތާރު މަޖިލީހެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލް އުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން އެޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު 6 ޖެހި އިރު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށް ވަކާލާތު ކުރި އިދިކޮޅު ފަރާތްތަކުން މިހާރުގެ ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ ރާއްޖޭގައި އޮތީ ބަރުލަމާނީ ވެރިކަމެއް ކަމަށް ހީވާގޮތަށް ކަމަށާއި ވެރިކަން ހިންގުމުގެ އެންމެހާ ބާރުތަކެއް މަޖިލީހުން ހަނިކޮށް އެބާރުތައް ރައްޔިތުންގެ މަޖިލީހަށް ލުމަށް ޤާނޫނުތައް ހަދަމުންދާ ކަމުގައެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މިނިވަން މުސްތަޤްިއްލު މުޥައްސަސާތަކުގެ މެންބަރުންނަކީ ސަރުކާރާއެކު މަސައްކަތްކުރަންޖެހޭ، އަދި އެބޭފުޅުންނަކީ އެކަމަށް ބޭނުންފުޅުވެލައްވައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ ފޮނުއްވުމުން، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ، އައްޔަންކުރައްވާ ބޭފުޅުން ކަމަށް ވިޔަސް އެ ޤާނޫނުތައް ބަދަލުކޮށް، މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮތަތީ މަޖިލީހުން ބޭނުންކުރަމުންދާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާރިޔާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އާންމު މެންބަރުން ޕާޓީއާމެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމްޑީޕީ އަކީ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ ބޭފުޅުން ވެސް މަސައްކަތްކުރައްވަމުން ގެންދަވާ ޕާޓީއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ހިތްތިރިކަމާ ޙިކުމަތާއެކު ކުރިޔަށް އޮތްތާނގައިވެސް މަސައްކަތްކުރައްވާނޭ ކަމުގައި އުއްމީދުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ ހަރުގޭގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ. ދިވެހި ދައުލަތުގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ދިދަ ނެންގެވުމަށް ފަހު ޚާއްސަ ދުޢާ ވިދާޅުވެދެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަލްޙާފިޒް އަޙުމަދު ޒަކީއެވެ.