މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން ބޭރުގެ ކުންފުންޏަކާ ޙަވާލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން، ބޭރުގެ ކުންފުންޏަކާ އިއްޔެ ޙަވާލުކުރެއްވުމާ ގުޅިގެން، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއަރޕޯޓް، ބޭރުގެ ކުންފުންޏާ ޙަވާލުކުރުމުން، ތިންސަތޭކަ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް، ވަގުތުން ވަގުތަށް ހިންގޭނެގޮތް ފުރިހަމަވެ، އެއަރޕޯޓްގެ ހިންގުމާއި ވަސީލަތްތައް ފުޅާވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެހެން ބަޔަކާ އެއަރޕޯޓް ހިންގުން ޙަވާލުކުރުމުން، ދައުލަތަށް ލިބޭ އާމްދަނީ ކުޑަތަންކޮޅެއްވެސް ކުޑަވެގެނެއް ނުދާނެ ކަމަށާއި، ކުރިއަށްވުރެ ލިބޭ އާމްދަނީ މިހާރު އެތައް ތަނަކުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ބޭރުގެ ފަރާތަކާ ޙަވާލުކުރެއްވިއިރު، ސަރުކާރުން ވަރަށްގިނަ ކަންކަމަށް ބެއްލެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން، މިހާރުން މިހާރަށް ތިންސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓް އެއަރޕޯޓަށް އެބަ ބޭނުންވާކަން ހާމަކުރައްވަމުން، އެއަރޕޯޓް ބޮޑުކުރައްވައި، ރަންވޭ ފުޅާކުރައްވައި، ޓަރމިނަލްވެސް މިހާރަށްވުރެ ކިތަންމެ ތަނަކުން ރަނގަޅު ކުރައްވަން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން ހުށަހެޅުއްވި މިދެންނެވި ކަންތައްތައް، އެހުށަހެޅުއްވި ގޮތަށް ކޮށް ނިންމުމަށް، އެއަރޕޯޓް ޙަވާލުކުރި ކުންފުނިން ވަނީ އެއްބަސްވެފައި ކަމަށާއި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިކަމުގެ ގިނަ މަސައްކަތްތައް ފަށައިގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، ބޭރުގެ ކުންފުންޏަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ހިންގަވާފައިވަނީ، ދެފުށް ފެންނަ، އެއްވެސް ހާލެއްގައި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތެއްގެ މަތިން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން އަދިވެސް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އެއަރޕޯޓަކީ ވަރަށް މުހިންމު ތަނެއް. ވަރަށްބޮޑު މިންވަރަކަށް ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮތީ ޓޫރިޒަމްގެ މައްޗަށް. އަޅުގަނޑުމެންނަށް ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ، އެއަރޕޯޓް ހަރުދަނާ ކުރެވިގެން. އެއަރޕޯޓް ރަނގަޅު ކުރެވިގެން. އިރާދަކުރެއްވިއްޔާ، މިމަސައްކަތް މިހާރު މިފެށުނީ. އަޅުގަނޑުމެން މިއަންނަ އަހަރާ ކުރިމަތިލާއިރުގައި، އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނީ، އިރާދަކުރެއްވިއްޔާ ހަމަ މުޅިންމެ އާ އެއަރޕޯޓެއް.”