އެމްޑީޕީގެ އަހަރީ ދުވަސް މާދަމާ ކުލަގަދަކޮށް ފާހަގަކުރަނީ

25 ޖޫން 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ޚާއްސަ ޕްރޮގްރާމްތަކެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އަހަރީ ދުވަހުގެ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ފާހަގަކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތެއްގައި އޮންނާނީ މާދަމާ ހެނދުނު 6 ޖަހާއިރު، އެމްޑީޕީގެ ހަރުގެތަކުގައި އެޕާޓީގެ ދިދަ ނެގުމާއި، ޚާއްސަ ދުޢާއެއް ކުރުން ކަމަށް އެޕާޓީން ބުނެއެވެ.
މިހަރަކާތަށްފަހު ހޮނިހިރު ދުވަހު ހެނދުނު 10 ން ފެށިގެން ހަވީރު 4 ޖަހަންދެން ސަރުކާރުން ދެއްވާ މަދަނަ އަދި ސަބްސިޑީއާ ބެހޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. މާލޭގައި ޚާއްސަ 4 ސަރަހައްދެއްގައި މިހަރަކާތްކުރިޔަށް ދާއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބޮޑެތި މަގުތަކުގައި އެމްޑީޕީގެ ޑެސްކެއް މިހަރަކާތްކުރިޔަށް ގެންދިއުމަށް ޚާއްސަކުރެވިފައި ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.މާލޭގައި މިކަމަށް ޚާއްސަ ޑެސްކް ބެހެއްޓިފައި ހުންނާނީ އެމްޑީޕީ ހަރުގެ، ވިލިނގިލީ ފެރީ ޓާމިނަލް، ހުޅުމާލެ ފެރީ ޓާމިނަލް އަދި ކަސްޓަމްސް ސަރަހައްދުގައެވެ.
މީގެ އިތުރުން ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑުގައި މާދަމާ ހަވީރު 4 ން 6 އަށް އާއިލީ ހަވީރެއް އޮންނާނެއެވެ. މާލޭގައި މިހަވީރު ކުރިޔަށްދާއިރު، އަތޮޅުތަކުގައި ބަދަހި ހިނގާލުމުގެ ނަމުގައި ހިނގާލުމެއް ކުރިޔަށްދާނެ ކަމަށާއި، އަދި މާދަމާރޭ 9 ން 11 އަށް އެމްޑީޕީ ހަރުގޭގައި ޚާއްސަ ބޮނޑިބަތް އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ.
ދިވެހި ރައްޔިތުން އެތައް ޤުރުބާނީއެއް ވެގެން ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ ރަޖިސްޓްރީ ވީ 2005 ވަނަ އަހަރު ގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީ ރަސްމީގޮތުން ރާއްޖޭގައި ރަޖިސްޓްރީވުމުގެ ކުރިން ވެސް އެޕާޓީ ވަނީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ އެއް ގެނައުމަށްޓަކައި، އަވަށްޓެރި ލަންކާ އަދި ރަޙުމަތްތެރި އިނގިރޭސިވިލާތުގައި ހަރަކާތްތެރިވެފައެވެ.