ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި

25 ޖޫން 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިޓަލީވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ތިމާވެށްޓާއި މޫސުމާއި ހަކަތައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށްޓަކައި ރޯމްގައި އޮތް ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުންވެސް، މިދަތުރުފުޅުގައި ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭ އެއްބަސްވުމެއްގަޔާއި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމަށްޓަކައި، އެ ޔުނިވަރސިޓީއަށް ޢިމާރާތެއް ޙަވާލުކުރުމާބެހޭ އެއްބަސްވުމެއްގައިވެސް ދިވެހި ސަރުކާރުން ސޮއިކުރެއްވިއެވެ.