ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ވައިސް މިނިސްޓަރ އޮފް ފޮރިން ޓްރޭޑް އެފެއާޒް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓާ މިއަދު ބައްދަލުކުރައްވައިފި

24 ޖޫން 2010

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޓަލީވިލާތުގެ ރޯމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ވައިސް މިނިސްޓަރ އޮފް ފޮރިން ޓްރޭޑް އެފެއާޒް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޑޮކްޓަރ އެޑޮލްފޯ އުރްސޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އިޓަލީވިލާތުގެ މިނިސްޓްރީ އޮފް ފޮރިން ޓްރޭޑް އެފެއާޒް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިޓަލީވިލާތާ ދެމެދުގައި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާގައި ގުޅުންބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތައް ބޮޑަށް އަމާޒުކުރައްވާފައިވަނީ ދަތުރުފަތުރުކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ކަނޑުގެ ދިރުން އާލާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް އިޓަލީގެ އިންވެސްޓަރުން ރާއްޖެއަށް ހޯއްދަވައިދެއްވުމާ ބެހޭގޮތުންނެވެ.