ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިޔާގެ އާ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

24 ޖޫން 2010

އޮސްޓްރޭލިޔާގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް ޖޫލިއާ ގިލަރޑް ޢައްޔަން ކުރުމާ ގުޅިގެން، އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޖޫލިއާ ގިލަރޑަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވަމުން، އެކަމަނާއަކީ އޮސްޓްރޭލިޔާގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކަމަނާގެ ޒަޢާމަތުގައި އޮސްޓްރޭލިޔާއަށް އިތުރު ތަރައްޤީއާއި ކުރިއެރުމާއި އުފާވެރިކަން ފެނިގެންދާނެ ކަމަށާއި، އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކަށާއި، ތިމާވެށީގެ މައްސަލަތަކަށް އެކަމަނާގެ އާ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް އޮތްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހާމަކުރައްވާފައިވެއެވެ.