ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ހަނިކުރަން މަޖިލީހުން މަސައްކަތް ކުރަމުންދާކަމަށް އީވާ ވިދާޅުވެއްޖެ

24 ޖޫން 2010

ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކާއި އިޚްތިޔާރު އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރަމުން ދާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅުއުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހެޅެމުންދާ ބިލްތަކާއި މައްސަލަތަކަށް ބަލާއިރު މެންބަރުންގެ މެދުގައި މިކަހަލަ ވިސްނުމެއް އެބައުޅޭކަމަށާއި، މިސާލެއްގެ ގޮތުން ފުލުހުންގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި އިދާރީދާއިރާތަކުގެ ވެރިކަންކުރާރަށް ކަނޑައެޅުމުގެ ބިލާއި، މާލިއްޔަތުގެ ޤާނޫނަށް އިސްލާޙްގެނައުމުގެ ބިލާއި ސިވިލްސަރވިސްގެ ޤާނޫނު އިވާ ފާހަގަކުރެއްވިއެވެ.
“މިއިން ކޮންމެ މައްސަލައެއްގައި ނާރެހަކަށްވަނީ އެންމެވިސްނުމެއްކަމަށާއި. އެއީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރާ ތިމަންނަމެން ރައްޔިތުންގެ މަޖިލީހުން ކުޅޭނަމޭ މިވިސްނުން” ކަމުގައި އީވާ ވިދާޅުވިއެވެ.
މިނިވަން މުޥައްސަސާތަކަށް ފާރަވެރިވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކަށް ވާއިރު ސަރުކާރުގެ މުޥައްސަސާތަކުގެ ހިންގުމުގެ ތެރެއަށް މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްޞީލުކުރާ ޕާޓީތަކުން ވަންނަން މަސައްކަތްކުރަމުންދާތީ ގަލޮޅުއުތުރު ދާއިރާގެ މެންބަރުގެ އިތުރުން އާންމު ރައްޔަތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިނިވަން މުސްތަޤިއްލު މުޥައްސަސާތަކުގެ ތެރެއިން ސިވިލްސަރވިސްކޮމިޝަންގެ މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރު ހަނިކޮށް، ސީދާ މަޖިލީހުން އިއުލާންކޮށްގެން މެންބަރުންހޯދާ ގޮތަށް އެކަމާބެހޭ ޤާނޫނުވަނީ މިހަފްތާގައި އިސްލާޙްކޮށްފައެވެ. ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލުގައި އާންމުރައްޔިތުންނަށް ދަތިވާ، އަދި އާންމުން ކަންބޮޑުވާ ކަންތައްތަކެއް ހިމެނިފައިވާތީ، އެ ޤާނޫނު އިސްލާޙްކުރަން ސަރުކާރުން ހުށަހެޅިބިލް މަޖިލީހުންވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. ސަރުކާރަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ށ. މިލަންދޫ އާއި، ކ. މާފުއްޓަށް އަތޮޅުވެރިކަން ބަދަލުކޮށްފައި ވަނިކޮށް، ވެރިކަންކުރާ ރަށުގެ ގޮތުގައި އާ ޤާނޫން އަސާސީ ތަސްދީޤްކުރި އިރު އޮތް ރަށްތައް ހިމެނޭ ގޮތަށް އިދާރީ ދާއިރާތަކުގެ ވެރިކަން ކުރާރަށްރަށް ކަނޑައެޅުމުގެ ބިލެއް އިއްޔެ ވަނީ ފާސްކޮށްފައެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އިސްލާޙް ކުރުމުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރުމަކީ ގާނޫނުއަސާސީއާ ޚިލާފްކަމެއް ކަމަށް އެމްޑީޕީގެ ޗެއާރޕާރސަން މާރިޔާ އަޙްމަދުދީދީ ވެސް ވަނީ ވިދާޅުވެފައެވެ.