މެދު ދެކުނު ޕްރޮވިންސްގެ ހައްދުންމަތީ ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ކަޅައިދުއަކީ ސުނާމީ ކާރިސާގައި ރަށުގެ ބޮޑު ބައެއް ހަލާކުވެދިޔުމާ ގުޅިގެން، މީހުން ދިރިއުޅެން ރައްކާތެރި ރަށެއް ނޫން ކަމަށް ސަރުކާރުން އިޢްލާނު ކުރައްވާފައިވާ ރަށެކެވެ. އެހެންކަމުން، އެރަށުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ފްރެންޗް ރެޑްކްރޮސްގެ ފަރާތުން ހައްދުންމަތީ ގަމުގައިވަނީ ގެދޮރު ޢިމާރާތް ކޮށްދެއްވާފައެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ކަޅައިދޫގެ 8 ޢާއިލާ ފިޔަވައި އެހެން ހުރިހާ ޢާއިލާތައް ވަނީ ގަމުގައި ޢިމާރާތް ކުރެވުނު ގެތަކަށް ބަދަލުކުރެވިފައެވެ. އަދި މި 8 ޢާއިލާގައި ހިމެނޭ 75 މީހުންގެ ތެރެއިން 48 މީހަކު މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހައްދުންމަތީ ގަމަށް ބަދަލުވުމާ ގުޅިގެން، މިހާރު ކަޅައިދޫގައި ދިރިއުޅެމުންދަނީ 27 މީހުންނެވެ.
ކަޅައިދޫގައި މިހާ ކުޑަކުޑަ އާބާދީއަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތަކެއް ފޯރުވައިދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެރަށުގައި މިހާރު ދިރިއުޅެމުން ގެންދާ 27 މީހުންނަށް، ހައްދުންމަތީ ގަމުގައި އިތުރުވެފައިވާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ މިހާރު ޙަވާލުކުރެވިފައިވާ 27 ގޭގެ ތެރެއިން 10 ގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
އެހެންކަމުން، ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވމަށް މި ނިންމީ، އެހާ މަދު މީހުންކޮޅެއް ދިރިއުޅޭ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތައް ފޯރުވައިދީ، މީހުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މާލީގޮތުން ސަރުކާރަށް ދަތި ކަމަކަށްވުމާއި، އާބާދީ ބޮޑެތި ރަށްރަށަށްވެސް ނިސްބަތުން އެފަދަ ބޮޑެތި ޚަރަދު ކުރުމަށް ދަތިވާއިރު، 27 މީހުން ދިރިއުޅުމަށްޓަކައި ކަޅައިދުއަށް އެހާބޮޑު ޚަރަދެއް ކުރެވެން ނެތުމާ އެކުގައެވެ.
ސަރުކާރުގެ ކޮންމެ ނިންމުމަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދައި، މަޖިލިސް މެދުވެރިކޮށް ޤާނޫނުތައް އުފަންކުރުވަމުން ދާތީ މިކަމާ ދެކޮޅަށްވެސް ތެދުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ބުނާގޮތުން މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ރަށެއް ހަމަޖެއްސޭނީ މަޖިލީހުގެ ރުހުމާއެކު ކަމަށް ފާސްކުރަން މަސައްކަތްކުރުމަކީ ނުވެ ނުދާނޭ ކަމެކެވެ.