ސިވިލްސަރވިސް ކޮމިޝަނަށް މެންބަރުން ހޯދާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ފާސްކޮށްފި

22 ޖޫން 2010

ސިވިލްސަރވިސް ކޮމިޝަނަށް މެންބަރުން ހޯދާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން ސިވިލްސަރވިސް ކޮމިޝަނުގެ މެންބަރުން އައްޔަންކުރާގޮތަށް، ސިވިލްސާރވިސްގެ ގާނޫނަށް އިސްލާޙްގެނައުމުގެ ބިލް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި މި ބިލަށް 4 އިސްލާޙެއް ހުށަހެޅި ތާއީދު ލިބުނު ނަމަވެސް އޭގެތެރެއިން އެއްވެސް އިސްލާޙެއް ފާސްނުވެ، ކޮމިޓީން މަޖިލީހަށް ބިލު ހުށަހެޅުއްވި ގޮތަށް ބިލު ވަނީ ފާސްކުރައްވައިފިއެވެ. އެމްޑީޕީއާއި އިދިކޮޅު ޑީއާރުޕީއާދެމެދު ވަރަށްބޮޑަށް ޚިޔާލުތަފާތުވެފައިވާ މިބިލް ފާސްވީ 42މެންބަރުން ތާޢީދުކުރައްވައިގެންނެވެ. މި ބިލާ އިދިކޮޅަށް 30 މެންބަރަކު ވޯޓުދެއްވާފައިވެއެވެ.
މިބިލު ތަޞްދީޤްވުމަށް ފަހު ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އެދޭމީހުން ހޯދުމަށް އިޢްލާންކުރުމާއި، އެކަމަށް އެދޭމީހުން ދިރާސާކޮށް އިންޓަވިއުކުރެއްވުމަށްފަހު، މަޖިލީހުން ފާސްކުރާ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ސިވިލްސާރވިސްގެ ގާނޫނު މިހާރު އޮންނަގޮތުން ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރުން ހޯދުމަށް އިޢުލާންކުރުމާއި، އެކަމަސް އެދޭފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް މަޖިލީހުގެ ރުހުން އޮތްތޯބެލުމަށް މަޖިލީހަށް އެ ފަރާތްތަކުގެ ނަންތައް ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިބިލްގެ ބަހުސްގައި ސަރުކާރުގެ ހިންގުމުގެ ބާރަށް ރައްޔިތުންގެ މަޖިލީހުން ނުފޫޒްފޯރުވައި ސަރުކާރު ހިންގުމުގެ ބާރުތައް މަޖިލީހަށްގެންދިއުމަކީ ގާނޫނުއަސީއާ ޚިލާފްކަމެއްކަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ސަރުކާރު ހިންގުމަށް ދަތިވާގޮތަށް، ވެރިކަން ހިންގުމުގެ ބާރަށް ނުފޫޒާއި ބާރުފޯރުވުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަމުންދާތީ ދިވެހިރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ 3 ބާރު ވަކިވެފައިވާ މިނިވަން ޑިމޮކްރަސީއެއްގައި ކަންތައްތައް ހިނގައިގެންވާނެ ގޮތެއް ނޫންކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

.