17 ފެބްރުއަރީގައި އެމްޑީޕީން ބާއްވާ ބޮޑު އެއްވުމަކީ އާދަޔާ ޚިލާފް އެއްވުމެއް – އިންތި

haruge-dheneh-nukiyeyne-11-01-2012-160

އެމްޑީޕީން 17 ފެބްރުއަރީގައި ބާއްވާ ބޮޑު އެއްވުމަކީ އާދަޔާ ޚިލާފް އެއްވުމެއް ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިރޭ މޫކައި ހޮޓަލުގެ ކޮއިމަލާ މާލަމުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންދިވެހީންނަށް ހޯދައިދިން އެމްޑީޕީން މާދަމާ ބާއްވާ އެއްވުމަކީ ސުލްހަވެރި، އާދަޔާ ޚިލާފް އެއްވުމެއް ކަމަށެވެ. އަދި މި ބޮޑު އެއްވުމުގައި ބައިވެރިވުމަށް އެއްބަޔަކު މާލެ އައިސްފައިވާ އިރު، ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާދަމާ މާލެ އަންނާނޭ ކަމަށް އިންތި ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީ އިސްލާޙްނުކޮށް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ޤާނޫނު އަސާސީ ތަންނުދޭ ކަމަށް، ބާޣީ ސަރުކާރުގެ ބަންޑާރަނައިބު ޢާއިޝަތު ޢާޒިމާ ޝުކޫރު ވިދާޅުވެފައިވާތީ އެކަމަށް ވެސް އިންތި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްދު ދެއްވިއެވެ.

އިންތި ވިދާޅުވީ ބާޣީ ސަރުކާރުގެ ވަޒީރަކު ރައްޔިތަކަށް ހެޔޮއެދިގެން ވާހަކައެއް ނުދައްކަވާނޭ ކަމަށާއި، އެބޭފުޅުން މަސައްކަތްކުރަމުންދަނީ އިންތިޚާބެއް ނުބާއްވައި، ބަޣާވާތުގެ ސަރުކާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި އިންތިޚާބެއް ބޭއްވުމަށް ކޮންމެހެން ޤާނޫނު އަސާސީ އިސްލާޙްކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ބޭނުންވަނީ އަވަސް އިންތިޚާބެއް ކަމަށް އިންތި ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މިހާރު އިންތިޚާބެއް ބޭއްވިޔަސް ފުރިހަމަ އަޣްލަބިއްޔަތަކުން އެމްޑީޕީ ކާމިޔާބުކުރާނޭ ކަމަށް ވިދާޅުވެ، އެކަމުގެ ހުއްޖަތެއްގެ ގޮތުގައި އެމްޑީޕީން ބާއްވާ ޖަލްސާތަކަށާއި، ހިނގާލުންތަކަށް ލިބެމުންދާ އާދަޔާ ޚިލާފް ތަރުހީބު އިންތި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބާޣީ ސަރުކާރެއް އެންމެ ދުވަހަކަށް ވެސް ބޭއްވުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ. އަދި ރާއްޖޭގެ މެޖޯރިޓީ ބޭނުންވަނީ އަވަސް އިންތިޚާބެއް ބާއްވައި، އެފަރާތްތަކުގެ ވޯޓުން ހޮވާ މަޤްބޫލު ޑިމޮކްރެޓިކް ވެރިޔަކު ގައުމުގެ ރައީސް ކަމުގައި ހުންނެވުން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.