ޕޮލިސް ކޮމިޝަނަރު އައްޔަންކުރުމުގައި މަޖިލީހުގެ ރުހުން ހޯދާގޮތަށް ހެދުމަށް އިދިކޮޅު މެންބަރަކު ފުލުހުންގެ ޤާނޫނު ފާސްކުރަން ހުށަހަޅައިފި

21 ޖޫން 2010

muttalib

ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރުމުގައި މަޖިލީހުގެ ރުހުން ހޯދާގޮތަށް ހެދުމަށް އިދިކޮޅު މެންބަރަކު ފުލުހުންގެ ޤާނޫނު ފާސްކުރަން ހުށަހަޅައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ހުށަހެޅުއްވި މިބިލުގައި ފުލުހުންގެ ޤާނޫނުގެ 7 މާއްދާއެއް އިސްލާޙް ކުރުމަށް ހުށަހަޅުއްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލު ހުށަހަޅުއްވަމުން، މިނިވަން މެންބަރެއްގެ ގޮތުގައި ފަރެސްމާތޮޑާގެ ދާއިރާ ތަމްސީލުކުރައްވާ މުއްޠަލިބު ވިދާޅުވީ މިބިލަށް އިސްލާޙް ހުށަހެޅުއްވީ މިހާރަކަށް އައިސް ފުލުހުން މުޒާހަރާތައް ރޫޅާލުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކަމުގައެވެ.
ފުލުހުންގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ) އިޞްލާޙް ކުރުމަށް މުއްޠަލިބު ހުށަހަޅުއްވާފައިވާ އިޞްލާޙްގައި ވާގޮތުން ” ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހަކު އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލިސްގެ ރުހުން ހޯދަންވާނެއެވެ. ރައްޔިތުންގެ މަޖިލިސްގެ ރުހުމާއެކު މިމަޤާމަށް މީހަކު އައްޔަންކުރަންވާނީ މިނިސްޓަރެވެ.”
ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން، ވެރިކަން ހިންގުމުގެ ބާރަށް ނުފޫޒުފޯރުވައި، ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނީގޮތުން ލިބިދީފައިވާ ބާރުތައް ހަނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.