ވޯލްޑް ކްލަސިކަލް ޓެމިލް ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ޒަކީ ފުރާވަޑައިގެންފި

21 ޖޫން 2010

އިންޑިޔާގެ ކޮއިންބަތޫރުގައި މިމަހުގެ 23ން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ވަރލްޑް ކްލަސިކަލް ޓެމިލް ކޮންފަރެންސް”ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސަކީ، ތަމަޅަ ބަހަކީ ޤަދީމީ ބަހެއްގެ ގޮތުގައި އިންޑިޔާ ސަރުކާރުން ނިންމަވާފައިވުމާއެކު އެކަން ފާހަގަކުރުމަށްޓަކައި ބާއްވާ ކޮންފަރެންސެކެވެ.
މިދަތުރުފުޅާ ބެހޭގޮތުން އިބްރާހިމް ޙުސައިން ޒަކީ ވިދާޅުވީ ދިވެހި ބަސް އުފެދިގެން އައި ބަސްތަކުގެ ތެރޭގައި ތަމަޅަ ބަސްވެސް ހިމެނޭ ކަމުގައި ބައެއް ލިޔުންތަކުން ދައްކާ ކަމަށެވެ. އަދި، އެނޫން ގޮތްގޮތުންވެސް ތަމަޅަ ދަރިކޮޅާ ދިވެހިންނާ ވަރަށް ޒަމާންވީ ގުޅުމެއް އުފެދިފައިވާ ކަމަށާއި، އެހެންކަމުން މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަކީ މިގުޅުން އިތުރަށް ބަދަހިވާނެ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައެވެ.
މި ކޮންފަރެންސްގައި އިންޑިޔާގެ ރައީސާ ޕްރަތިބާ ޕަޓިލްއާއި، ޓެމިލްނާޑޫ ސްޓޭޓްގެ އިސް ބޭފުޅުންނާއި، ދުނިޔޭގެ އެކި ޤައުމުތަކުން ބަހުގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.