އެމް.ޑީ.ޕީ.އިންފަށާފައިވާ “އިންޞާފްގެ ދަތުރު” ގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެ އަންނަން ފަށައިފި- އިންތި

– ޖެހިޔަސް ނުޖަހާތި – ރައީސް ނަޝީދު

mp-inthi

މާދަމާ ހަވީރު 4 ޖަހާއިރު މާލޭ ލޮނުޒިޔާރަތްކޮޅު، ތިންބާރު ވަކިކުރާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުއެއްވުމުގައި ބައިވެރިވާ އެމްޑީޕީގެ ގިނަޢަދަދެއްގެ މެންބަރުންނާ ސަޕޯޓަރުން މާލެއަންނަން ފަށައިފި ކަމަށް އެމްޑިޕީގެ ސަޕޯކްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު، އަލް އުސްތާޛު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ މިއަދު މެންދުރުފަހު އެޕާޓީގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އިންތި ވިދާޅުވީ މިހާރުވެސް މިއެއްވުމުގައި ބައިވެރިވުމަށް މާލެ އަންނަން މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް ފުލުހުން އެކި އެކި ގޯނާކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށާއި، ގާނޫނާޚިލާފަށް ރައްޔިތުންގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ދުނިޔޭގެ ގައުމުތަކުން ސަރުކާރަށް ގޮވާލާފައިވާކަން އިންތި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މާދަމާ ހަވީރު ހަތަރެއްޖަހާއިރު ތިންބާރު ވަކިކުރާ ސަރަޙައްދުގައި ބާޢްވާ މިބޮޑުއެއްވުން މާދަމާގެ ހަތަރެއްޖެހީއްސުރެ ނަމާދު ވަގުތު ތަކަށް މެދުކެނޑުމަށް ފަހު ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށާއި، އެއްވުން ނިންމާ ވަގުތު ކަނޑައަޅާނީ އެއްވުމުގެ ލީޑަރޝިޕުން ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ މި ބޮޑުއެއްވުމަކީ ރައްޔިތުން ގަބޫލުކުރާފަދަ މިނިވަން ޢަދުލުވެރި އިންޞާފްވެރި ޝަރުޢީ ނިޒާމެއް މިރާއްޖޭގައި ގާއިމުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ފަދައިން ކުރާ މަސައްކަތެއްކަމަށާއި، މިކަން އެމްޑީޕީއިން ހުއްޓާ ނުލާނޭކަމަށް ވެސް އިންތި ޔަގީންކަމާއެކު ވިދާޅުވިއެވެ.

އެމްޑިޕީއިން ބާއްވާ މި ސުލްޙަވެރި އެއްވުމަކީ ހަމަނުޖެހުން ހިންގުމަށް ބާއްވާ އެއްވުމެއް ނޫންކަމަށް އިންތި ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެޢުޅުމުގެ މިނިވަންކަމުގެ ދަށުން ރައްޔިތުން ބޭނުންވާގޮތް ހާމަކުރުމަށްޓަކާ ބާއްވާ އެއްވުމެއްކަމުގައި ވިދާޅުވެ މިއެއްވުމަށް އެއްވެސް ފަރާތަކުން އެއްވެސް ހުރަހެއް ކުރިމަތިނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މާޒީވެދިޔަ އަނިޔާވެރި 30 އަހަރުގެ ވެރިކަމުގައި އަތޮޅުތަކުން މާލެ އައި ގިނަޢަދަދެއްގެ ބަޔަކަށް ބޮޑެތި އަނިޔާކޮށް ޖަލަށްލައި، ހައްޔަރުކޮށްފައިވާ ކަމަށާއި، އެތާރީޚު އަނބުރާ އިޢާދަކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ވެސް އިންތި ގޮވާލެއްވިއެވެ.

މާދަމާގެ އެއްވުމާ ގުޅިގެން މިއަދު ކެނެރީގޭގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވީ، މާދަމާގެ އެއްވުމަކީ ސުލްހަވެރި އެއްވުމަކަށް ހެދުމަށް އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަންވާނޭ ކަމަށެވެ. އަދި އަނިޔާވެރިވިޔަސް އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރި ނުވުމަށާއި، “ޖެހިޔަސް ނުޖެހުމަށް'” އެމްޑީޕީގެ މެންބަރުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.