މިއަދުގެ ވަގުތެއްގައި އިންތިޚާބަކަށް ގޮވާލަންޖެހޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

hep1

މިއަދުގެ ވަގުތެއްގައި ރިޔާސީ އިންތިޚާބަކަށް ގޮވާލަންޖެހޭނޭ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަދަނީ ޖަމިއްޔާތަކާއެކު މިއަދު މެންދުރުފަހު ރައީސް ނަޝީދުގެ ގެކޮޅު، ގ.ކެނެރީގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ވަގުތަކީ އިންތިޚާބީ މަޢުލޫމާތު އެންމެނަށް ވެސް ފޯރުކޮށްދޭންވީ ވަގުތު ކަމަށާއި، އެންމެ ލަސްވެގެން ރޯދަ މަސް ނިމި، އަންނަ އޮގަސްޓް މަހުގެ ތެރޭގައި އިންތިޚާބު ބޭއްވެން ވާނެ ކަމަށެވެ. އަދި މިކަމަށް ހުރިހާ ފަރާތްތަކުން ވެސް ތައްޔާރުވެ ތިބެންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެއްވެސް ކަމަކާހެދި ވޯޓުލުން ލަސް ވެއްޖެ ނަމަ ރާއްޖޭގެ ހާލަތު ވަރަށް ގޯސްވާނެ،” ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި “އިންތިޚާބަކަށް ގޮވާލައި، އިންތިޚާބެއް ބާއްވާނޭ ދުވަސް ކަނޑަނާޅާހާ ހިނދަކު އެމްޑީޕީން ކުރިޔަށް ގެންދާ މަދަނީ ބަސްނޭހުން ހުއްޓާނުލާނޭ،” ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ގެނައީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، އެމްއެންބީސީ އަށް ހަމަލަދިން ފޮޓޯއާއި ވީޑިއޯ އިން އެކަނިވެސް މި ހިނގާ ދިޔަ ކަންތައް ސާފްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި “އެމްއެންބީސީ ހިފުމަކީ ބަނޑޭރިގެ ހިފުން ކަހަލަ ކަމެއް،” ކަމަށާއި، އެމްއެންބީސީ ހިސާރުކުރީ އެމަނިކުފާނު އިސްތިއުފާ ވެސް އިއުލާން ނުކުރައްވަނީސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ސަރުކާރު ބަދަލުވި ގޮތުގެ ފުރިހަމަ ތަޙުގީގަކަށް ދާންޖެހޭނޭ ކަމަށާއި، މި ތަހުގީގަށް ބައިނަލްއަގްވާމީ މާހިރުންގެ އެހީތެރިކަން ބޭނުންވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބައިނަލް އަޤްވާމީ މުޖުތަމަޢުން އެމްޑީޕީގެ ބައިބޯ ޖަލްސާތަކާއި، އެއްވުންތައް ވަރަށް ގާތުން ބަލަމުން އައި، އަދި އާންމުން ތިބީ ކޮންގޮތަކަށް ކަން ބައިނަލް އަޤްވާމީ ފަރާތްތަކަށް މިހާރު އިނގޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މަދަނީ ޖަމިއްޔާތަކުގެ މެންބަރުން ވެސް އެކި ދާއިރާތަކުން ރައީސް އަށް ސުވާލު ދެންނެވިއެވެ. އެ ގޮތުން ތިމާވެއްޓާ ބެހޭ ގޮތުން މަދަނީ ޖަމިއްޔާއެއްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ” ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދެވޭނީ ހެޔޮވެރިކަމެއް ގާއިމްކުރެވިގެން،” ކަމަށެވެ.