އައިޕީޔޫ ވަފްދުގެ ބޭފުޅުން މިއަދު މެންދުރުފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވާނެ

majlis-inthi-3

އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ވަފްދުގެ ބޭފުޅުން މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާނެއެވެ.

މިއަދު މެންދުރުފަހު 3.30 ގައި ބާއްވާ މި ބައްދަލުކުރެއްވުމުގައި އައިޕީޔޫގެ ބޭފުޅުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ފަރާތުން މިމަހުގެ 8 ވަނަ ދުވަހު އަނިޔާލިބިފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާނެއެވެ.

މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އައިޕީޔޫގެ ވަފްދު ރާއްޖެއަށް ކުއްލި ޒިޔާރަތެއް ކުރަންޖެހުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ހައްޔަރުކޮށް، އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާތީ އެވެ.

އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސް ނިންމުމަށްފަހު، ދަރުބާރުގެއިން ފެށިގެން އެމްޑީޕީން ފެށި ސުލްހަވެރި ހިނގާލުމުގެ ބައިވެރިން އެމްއެމްއޭ ސަރަހައްދާ އަރާ ހަމަވިތަނުން އެއްވެސް އިންޒާރެއް ނެތި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި، އެ ހިނގާލުމުގެ ބައިވެރިންނަށް ބޮޑެތި ލާއިންސާނީ އަނިޔާތަކެއްދީފައެވެ. އަދި އެ އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް އަންހެނަކު ނިޔާވި ކަމަށް ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވަނީ އިޢުލާންކޮށްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކޮށް އަނިޔާކުރަމުންދާ މައްސަލައިގައި ކަންބޮޑުވާ ކަމަށް އައިޕީޔޫން މީގެ ކުރިން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ. އަދި ރާއްޖޭގައި މިހާރު ޖެހިފައިވާ މައްސަލަ ހައްލުކުރެވޭނީ ސިޔާސީ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކައިގެން ކަމަށާއި، ހަމަނުޖެހުން ނުހިންގާ، ކުރިމަތިލުންތަކަށް ނުދާ މާހައުލެއް އުފެއްދުން މި ވަގުތު ވަރަށް މުހިންމު ކަމަށް އީޔޫގެ ބަޔާނުގައިވަނީ ބުނެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރޫމްގައި އޮންނަ މި ބައްދަލުވުމުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާ މެދު ފުލުހުންނާއި ސިފައިން ހިންގާފައިވާ ލާ އިންސާނީ ޢަމަލުތަކުގެ ތަފްސީލް އައިޕީޔޫއާ އެކު ޙިއްސާކުރައްވާނޭ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވިއެވެ.

އިންތިއަކީ ވެސް ފެބްރުއަރީ 8 ވަނަ ދުވަހު ސަލާމަތީ ބާރުތަކުގެ ލާއިންސާނީ އަނިޔާ އާއި ކުރިމަތިލާން ޖެހިފައިވާ ފަރާތެކެވެ.

އައިޕީޔޫ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން، އެ ގައުމުތަކުގެ ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ ޖަމާއަތެކެވެ. އެ ޖަމާޢަތުގައި މިހާތަނަށް 159 ގައުމަކުން ބައިވެރިވެފައިވެއެވެ.