ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގައި ތިބި ކުދިންނާ އަޅާލާނީ ސީދާ ދަރިންގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

21 ޖޫން 2010

ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގައި ތިބި ކުދިންނަށް ސަރުކާރުން އަޅާލަމުންގެންދާނީ ސީދާ ދަރިންގެ ގޮތުގައި ދެކެވަޑައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެއަތޮޅު މާފުށީގައި ހުންނަ ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ދަރިވަރުންނަށް މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަންގަވައިގެން ހިންގެވި ތަފާތު 7 ޕްރޮގްރާމެއްގެ ނިމުން ފާހަގަކުރެއްވުމަށް އާދީއްތަދުވަހު މެންދުރުފަހު އެ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަރްކަޒުގައި ތިބި ކުދިން އަލުން އަނބުރާ މުޖްތަމަޢަށް އައުމަށްޓަކައި އެހީތެރިކަމެއް ފޯރުވައިދިނުމަކީ، އޯގާތެރި ދައުލަތެއްގެ ވާޖިބެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންނަކީ ބަސްއަހައިގެން ރިވެތި ގޮތުގައި އުޅޭ ކުދިންނަށް ނުވަނީ ކީއްވެތޯ ބަލައި، އެކަންކަމުގެ ސަބަބުތައް ހޯދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ވާޖިބަކީ މިކުދިންނާ ދޭތެރޭގައި އަޅާލެވެން އޮތް މަގަކީ ކޮބައިތޯ ބައްލަވައި، އެމަގުން މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ.
ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ބޭނުމަކީ، މައިންބަފައިންގެ އަޅާލުންކުޑަ، އެހެން ގޮތެއް ނެތް ކުދިންނާ ސަރުކާރުގެ ފަރާތުން އަޅާލުން ކަމަށާއި، އިރާދަކުރެއްވިއްޔާ، މިމަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ދަރިވަރުންނަށް މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މިހިންގެވި ޕްރޮގްރާމްތައް ހިންގެވުމުގައި، އެކޮމިޓީއަށް 4 ޖަމްޢިއްޔާއަކުން އެހީތެރިވެދެއްވާފައިވެއެވެ. އޭގެތެރޭގައި، ޓޮޕްސީ ޓްރޭނިންގ ސެންޓަރާއި، ޑޯން ޖަމްޢިއްޔާ އާއި، އެފް.އޭ.އެމް. އާއި، ސްވިމިންގ އެސޯސިއޭޝަން ހިމެނެއެވެ. މިގޮތުން ހިންގެވި ޕްރޮގްރާމްތަކުގެ ތެރޭގައި، ބައެއް ކޯސްތައް ހިންގެވުންވެސް ހިމެނެއެވެ. އޭގެތެރޭގައި، ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ކޯހާއި، ފޮތީގައި ކުލަ ޖެއްސުމާއި، ކުރެހުމާއި، ފަހަން ދަސްކޮށްދިނުމުގެ ކޯހާއި، ބޯކޮށަން ދަސްކޮށްދިނުމުގެ ކޯހާއި، ކޭކް ޑެކަރޭޝަން ބޭސިކް ކޯހާއި، ސްޓޮކިންގ ފްލާވަރ ކޯސް ހިމެނެއެވެ. އަދި ސްވިމިންގ އެސޯސިއޭޝަނުން ހިންގެވި ފަތަން ދަސްކޮށްދިނުމުގެ ކޯހާއި، ޑޯން ޖަމްޢިއްޔާގެ ފަރާތުން ހިންގެވި ޤުރްއާން މުބާރާތްވެސް، މީގެތެރޭގައި ހިމެނެއެވެ.
މިޕްރޮގްރާމްގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި، ޤުރްއާން މުބާރާތްތަކުގެ ވަނަތަކަށް އިނާމުތައް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަދި މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުޑަކުދިންގެ މަރްކަޒަށް ދެއްވި ހަދިޔާ އެމަރްކަޒާ ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.