ބާޣީ ސަރުކާރެއް ދެމިއޮތްހާ ދުވަހަކު މަޖިލިސް ކުރިޔަކަށް ނުގެންދެވޭނޭ ކަމަށް މުސްތަފާ ވިދާޅުވެއްޖެ

dharubaaruge-09-02-12-461

ބަޣާވާތްކޮށްގެން މިމަހުގެ 7 ވަނަ ދުވަހު އުފައްދާފައިވާ ބާޣީ ސަރުކާރު ދެމިއޮތްހާ ދުވަހަކު ރައްޔިތުންގެ މަޖިލީސް ކުރިޔަށް ގެންދިޔަ ނުދޭނޭ ކަމަށާއި، އެ ބަޣާވާތް މިނިވަން ބައިނަލްއަޤްވާމީ އިދާރާއަކުން ތަޙުގީގު ކުރަން ޖެހޭނޭ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ ވަހީދުގެ ސަރުކާރީ އަކީ ގާނޫނީ ސަރުކާރެކޭ ބުނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މި ބާޣީ ސަރުކާރުގެ މިނިސްޓަރުންގެ ނަން ފޮނުވިޔަސް ހަމަހިލާ، އެނަންތައް ފާސްކުރިޔަ ނުދެއްވާނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެނަންތައް ފާސްކުރަން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި މި ސަރުކާރުން ކިތަންމެ ވަރަކަށް ވާހަކަދެއްކި ނަމަވެސް އެކަން ކާމިޔާބުނުވާނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

” އެ އެއްޗެއް ދާނީ އެ އެއްޗެއް އަތުލި ގޮތަށް” ކަމަށް ވިދާޅުވެ، ރޭގެ ޖަލްސާގައި މުސްތަފާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ފޭރިގަތް އުސޫލުން މިހާރުގެ ސަރުކާރާއި މެދު ވެސް އަމަލުކުރަންޖެހިފައިވާ ކަމަށެވެ. އަދި ވެރިކަން ފޭރިގެންފައިވާ ބަޔަކާއި، އެއްވެސް ހާލެއްގައި ނެގޯޝިއޭޓްކުރަން ނުޖެހޭނޭ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ސުލްހަވެރި އެއްވުމަށް އިޝާރާތްކުރައްވައި، މުސްތަފާ ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައީ ވަރަށް ހިއްވަރާ ކެރުމާ އެކު ކަމަށެވެ. އަދި ދެން ވެސް ވެރިކަމަށް އަންނާނީ ހިއްވަރާއި އެކު ކެރިގެން ކަމަށެވެ. އެހެން ކަމުން އަތޮޅުތަކުން މި އެއްވުމަށް މާލެ އަންނަ މީހުން ވެސް ފަސްނުޖެހި އައުމަށާއި، މާލޭގައި ތިއްބެވި އެމްޑީޕީގެ ސަޕޯޓަރުންނާއި، ބާޣީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން ވެސް އެބޭފުޅަކު ހުރި އިމާރާތަކުން ބިމަށް ފޭބުމަށް މުސްތަފާ ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެޕާޓީގެ ބައެއް އެހެން މެންބަރުން ވެސް ވާހަކަދެއްކެވިއެވެ. އަދި ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ މިހާރު އާ ބާޣީއެއް ފާޅުވެއްޖެ ކަމަށާއި، އެއީ މިހާރުގެ ރައީސްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ނައިބަކަށް، ނަންހުށަހެޅުމަށް ހަމަޖެހިފައިވާ ވަޙީދުއްދީން ކަމަށެވެ.

ކުރިންވެސް ބަޣާވާތެއް ގެނައި ކަމުގެ ތުހުމަތުގައި އަދަބު ލިބިވަޑައިގެންފައިވާ، ވަޙީދުއްދީން ޒުވާނުންނަށް ތަފާތު ތަމްރީންތައްދީގެން އުޅުނީ މިފަދަ ގޮތަކަށް ބަޣާވާތަކުން ވެރިކަން ބަދަލުކޮށް، ސަރުކާރުގެ ވެރިޔަކަށް ވުމަށް ކަމަށް ވެސް ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ތުހުމަތުކުރެއްވިއެވެ. އަދި ވަޙީދުއްދީން ބަޣާވާތް ފެށުނު ރޭ ކަމަށްވާ ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ ވަރަށް ދަންވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކަމަށާއި، އެނބުރި މާލެވަޑައިގަތީ ނައިބު ރައީސް ކަމަށް ހަވާލުވެވަޑައިގަތުމަށް ކަމަށް ވެސް ވާހަކަދެއްކެވި ބައެއް ބޭފުޅުން ތުހުމަތުކުރެއްވިއެވެ.