މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް އިއުލާންކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުން އެބަދޭ

atifisal-13-2-2012-161

މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް އިއުލާންކޮށްދެއްވުން އެދި އެމް.ޑީޕީގެ މެންބަރުންނާ ސަޕޯޓަރުން އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ ޝާހިދަށް ހުށަހަޅާ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުން އެބަގެންދެއެވެ.

މި ޕެޓިޝަނުގައިވާ ގޮތުން “7 ފެބުރުއަރީ 2012 ގައި ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް މުޙައްމަދު ވަޙިދު ޙަސަންމަނިކު އިސްވެހުންނަވައި އިޢުލާން ކުރެއްވި ސަރުކާރަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް ބަޣާވާތެއްގެތެރެއިން އުފެއްދި ޣައިރުގާނޫނީ ސަރުކާރެއްކަމަށް އަޅުގަނޑުގަބޫލުކުރާ ކަމަށް” ބުނެ މި ޣައިރުގާނޫނީ ސަރުކާރު އަޅުގަނޑުގެ ހިތުގެ އަޑީން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކުރާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އެހެން ކަމުން މިހާރު ރާއްޖޭގައި އުފައްދާފައި މިވާ ޣައިރުގާނޫނީ ސަރުކާރު ރައްޔިތުންގެ މަޖިލީހުން ގަބޫލުފުޅު ނުކުރައްވާކަން ޢިޢުލާނު ކޮށްދެއްވުމަށާއި، ދިވެހިރާއްޖޭގައި ގާނޫނީ ސަރުކާރެއް ގާއިމްކޮށް ދިވެހިރާއްޖެ މިނުރައްކާތެރި ޙާލަތުން ސަލާމަތުގެ އައްސޭރިއަށް ގެނައުމަށްޓަކައި 3 ކަމެއް ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކިބައިން މި ޕެޓިޝަން ހުށަހަޅާ ފަރާތްތަކުން އެދިފައިވެއެވެ.

އޭގެ ތެރޭގައި 7 ފެބުރުއަރީ 2012 ގައި ރާއްޖޭގެ ސަލާމަތީބާރުތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން ހިންގިބަޣާވާތް ކުށްވެރި ކުރުމާއި، އެ ބަޣާވާތް ރާވާ ހިންގި ހުރިހާ ފަރާތްތައް ގާނޫނުގައިވާ ގޮތުގެމަތިން ތަހުގީގުކޮށް އެފަރާތްތަށް ޝަރީއަތުގެ ކުރިމަށްޗަށް ޙާޒިރު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުތަކުގެ ބޭނުންކުރައްވައިގެން ވެވަޑައިގެންނެވި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ވެސް ގޮވާލާފައިވެއެވެ.

މިޕެޓިޝަން އެމްޑީޕީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭ ގޮތް ވެސް ވަނީ ހަދާފައެވެ. އަދި މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި، އަދި މިރޭ އާރޓިފިޝަލް ބީޗްގައި ބާއްވާ އެމްޑީޕީގެ ޖަލްސާގައި ވެސް މި ޕެޓިޝަނުގައި ސޮއިކުރުން ކުރިޔަށް ގެންދާނެއެވެ.