ނޫސް ބަޔާން: 17 ފެބްރުއަރީގައި ބާއްވާ އެއްވުމަކީ ހަމަނުޖެހުމަށް މަގުފަހިނުވާނޭ އެއްވުމަކަށް ހެދުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެމްޑީޕީން ނެރޭ ބަޔާން

mdp-logo-150-x-157

17 ފެބްރުއަރީ 2012 ވާ ހުކުރު ދުވަހު އެމްޑީޕީން ލޮނުޒިޔާރަތްކޮޅު، 3 ބާރު ވަކިކުރާ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކީ، އެއްވެސް ހަމަނުޖެހުމަކަށް މަގުފަހިކުރުމަށް އެމްޑީޕީން ބާއްވާ އެއްވުމެއް ނޫނެވެ.

މި އެއްވުމަކީ ޒަމާނުއްސުރެ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި ތާށިވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ” އިންސާފުގެ ދަތުރު” ގެ ނަމުގައި ފަށާފައިވާ ކެމްޕެއިންގެ ދަށުން މި ޕާޓީން ބާއްވާ ސުލްޙަވެރި އެއްވުމެކެވެ. އެހެންކަމުން މި އެއްވުމުގައި އަދުލު އިންސާފަށް ލޯބި ކުރައްވާ އެންމެހާ ފަރާތްތަކުން ބައިވެރިވެ ވަޑައިގަތުމަށް ގޮވާލަމެވެ.

އަދި، ރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ޢަމަލެއް މިހާރުގެ ސަރުކާރުން ނުކުރުމަށް މި ޕާޓީން އިލްތިމާސް ކުރަމެވެ.

އެމްޑީޕީން މާލޭގައި މިހާތަނަށް ބާއްވާފައިވާ ކޮންމެ އެއްވުމަކީ ގިނަބައެއްގެ ބައިވެރިވުމާއެކު ވެސް ސުލްޙަމަސަލަސް ކަމަށް އިސްކަންދީގެން ބާއްވާފައިވާ ނަމޫނާ އެއްވުންތަކެއްކަން ފަޚުރުވެރިކާމާއެކު މި ޕާޓީން ފާހަނގަކުރާ ހިނދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރެފައިވާ ބަޔާނާ އެއް ގޮތަށް 17 ފެބްރުއަރީގެ އެއްވުމަކީ ވެސް ސުލްޙަވެރި އެއްވުމަކަށް ހެދުމަށް މި ޕާޓީން މިދަނީ މަސައްކަތްކުރަމުންނެވެ. އަދި މި ފުރުޞަތުގައި އިޔޫގެ ބަޔާނުގައި އަނިޔާވެރިކަމާއި ދެކޮޅަށް ވާހަކަދައްކާފައިވުމާއި، 17 ފެބްރުއަރީގެ އެއްވުމުގައި ހަމަނުޖެހުމާއި ސުލްޙަ މަސަލަސްކަން ގެއްލޭ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ސަލާމަތީ ބާރުތަކަށް ވެސް ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރުމަށް ގޮވާލާފައިވާތީ އެކަމަށް މި ޕާޓީން މަރުހަބާ ކިޔަމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މި އެއްވުމަކީ މިހާތަނަށް ބޭއްވޭ އެންމެ ސުލްހަވެރި، އެއްވުމަށް ވެގެން ދިއުމެވެ. އަދި މި އެއްވުން ކާމިޔާބު ކަމާ އެކީ ނިމި، އެމްޑީޕީގެ މެސެޖް މިހާރު ވެރިކަންކުރާ ފަރާތްތަކަށާއި، އަދުލު އިންސާފުގެ ދާއިރާއަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީގް މިންވަރުކުރެއްވުމެވެ.