އެމްޑީޕީގެ މެންބަރުން ކެތްތެރިކަމާއެކު ސާބިތުވެ ތިއްބެވުމަށް އެ ޕާޓީގެ ޗެއަރޕާސަން އިލްތިމާސްކުރައްވައިފި

muzaahara-133

މި ދަނޑިވަޅުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ކެތްތެރިކަމާ އެކު ސާބިތުކަންމަތީ ދެމިތިބުމަށް، ބާޣީ ސަރުކާރުގެ ފުލުހުންނާއި ސިފައިންގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ލިބިފައިވާ ސީރިއަސް ޒަޚަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާހޯއްދަވަމުން ގެންދަވާ، އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އިލްތިމާސް ކުރައްވައިފިއެވެ.

އެމްޑީޕީ ވެބްސައިޓަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، މޫސަ މިއަދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިސްނެގުމުގެ މަތިން، ދިވެހި ރައްޔިތުން ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީ ނެތިދިއުމަށް ދޫކޮށްނުލައްވާނޭ ކަމަށާއި، ގަދަކަމުން ރާއްޖޭގެ ވެރިކަން ހައިޖެކްކޮށްފައިވާ ފަރާތްތަކަކީ ޑިމޮކްރަސީގެ އަދުއްވުން ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ޑިމޮކްރަސީ ނައްތާލައި ކުރީގެ ޚުދުމުޚްތާރުކަން އިޔާދަކުރުމަށް އެފަރާތްތަކުން ވަރަށް މަސައްކަތްކުރާނޭ ކަމަށް ވިދާޅުވިއެވެ.

ޑިމޮކްރަސީ އާއި ނުލައި އެންމެ ދުވަހެއް ވެސް ވޭތުވެގެން ދިއުމަކީ ރާއްޖެ ފުންވަޅުގަނޑަކަށް ވެއްޓިގެން ހިނގައިދާނޭ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ބަޣާވާތުން ވެރިކަން ފޭރި ގަނެ ވެރިކަމުގައި ތިބުމުގެ ފުރުސަތު މިހާރުގެ ބާޣީ ސަރުކާރަށްދީފިނަމަ، އެކަން އާންމުވެ، ސަގާފަތަކަށް ވެގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެން ކަމުން ވީހާވެސް އަވަހަށް އިންތިޚާބަކަށް ދިއުމަށް މިހާރުގެ ބާޣީ ސަރުކާރަށް މޫސަ ގޮވާލެއްވިއެވެ. އަދި ބަޣާވާތާއި ދެކޮޅަށް، ވަކި ސިޔާސީ ފިކުރަކަށް ތާޢީދު ނުކުރާ ގިނަބަޔަކު ނިކުތުމަކީ ޑިމޮކްރަސީ ގާއިމްކުރުމުގައި އެމްޑީޕީއަށް ލިބުނު އިތުރު ހިއްވަރެއް ކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.

” ފަނޑިޔާރުގެ މިނިވަންކުރުމަށް ނިކުތީ، އެކަމުގެ ސަބަބުން ދިމާވެދާނޭ ވޭންދެނިވި އަނިޔާ ތަހައްމަލްކުރުމުގެ ހިއްވަރާއެކު. އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް، ޖާނާއި މާލު ދުއްވާލިޔަސް އަދުލުއިންސާފް ގާއިމްކުރުމުގެ ދާއިރާ މިނިވަން ކުރުމަށް އަޅުގަނޑުމެން ފަށާފައިވާ މަސައްކަތް ހުއްޓައެއް ނުލާނަން. އެއީ އެމްޑީޕީން ވެފައިވާ ވައުދެއް. އަޅުގަނޑުމެންގެ އެހެން ވަޢުދުތައް ފުއްދަމުން ދިޔަ ފަދައިން މި ވައުދު ވެސް ފުއްދާނަން.” މޫސަ ވިދާޅުވިއެވެ.

ބާޣީ ސަރުކާރަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ވާގިވެރިވެދީ، އެހީތެރިވެދީފިނަމަ އެމީހަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ބަލައި ނުގަނެވޭނޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“އެމްޑީޕީގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާޢީދުކުރުންމަތީ ދެމިހުރުމަކީ މި ޕާޓީގެ ކޮންމެ މެންބަރެއްގެ މައްޗަށް ވެސް ޕާޓީގެ އަސާސީ ގަވައިދު ލާޒިމްކުރާކަމެއް. ބާޣީ ސަރުކާރަށް އެއްވެސް ގޮތަކުން އެއްބާރުލުން ނުދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެވަނީ ނިންމާފަ. އެހެން ކަމުން އެމްޑީޕީގެ އެއްވެސް މެންބަރަކު ބާޣީ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުރެވޭ ކަމެއް.” މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ މިވެރިކަން މާގިނަ ދުވަހަކު ދެމި ނޯންނާނޭ ކަމަށާއި، މިހާރު އިންތިޚާބެއް ބޭއްވިޔަސް އެމްޑީޕީން ފުރިހަމަ އަޣްލަބިއްޔަތަކާއެކު އަލުން އަނބުރާ ވެރިކަމަށް އަންނާނޭ ކަމަށެވެ. އަދި ބޭނުމީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް ކަމަށާއި، އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުންވަނީ އިންތިޚާބަކުން ކަމަށެވެ.
މިއަދު ނެރެމުންދާ ތާފާތު ބަޔާންތަކާ މެދު ސުވާލު އުފައްދަން ޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި، އެ ބަޔާންތަކާއި، އެކި ސިޔާސީ ފޯރަމްތަކުގައި ބާޣީ ސަރުކާރު ގެނައި މީހުން ދައްކާ ވާހަކަތަކުން އެ މީހުންގެ ރޭވުންތައް ފަޅާއަރަމުންދާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އަދި ސީދާ ސަރުކާރު ވައްޓާލުމަށް އަމާޒުހިފައި އިދިކޮޅު މީޑިއާ އިން ކުޅެފައިވާ ރޯލަކީ ރާއްޖޭގެ އާންމު ރައްޔިތުން ބަލައިގަނެފައިވާ ކަމެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

“ސަރުކާރު ބަދަލުކޮށްލުމާ ގުޅިގެން މަދު މީހަކު ފިޔަވައި އުފާފާޅުކޮށްފައެއް ނުވޭ. ވަކި ސިޔާސީ ފިކުރަކަށް ތަބާނުވާ އެންމެންހެން މިއަދު އެދަނީ ބަޣާވާތަށް ތާޢީދުނުކުރާ ކަމަށް ބުނެ އެމްޑީޕީއާ ގުޅެމުން. އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ވެސް މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކިތަންމެ ބައެއްގެ ހަމްދަރުދީއާ ހެޔޮއެދުންތައް ވެސް މިހާރު އެމްޑީޕީއަށް ލިބެމުންދަނީ. އެކަން ވަރަށް ރަގަޅަށް އިނގޭނެ އެމްޑީޕީން ބާއްވާ ހިނގާލުންތަކުން،” މޫސަ ވިދާޅުވިއެވެ.

މޫސަގެ ހާލު މިހާރު ރަގަޅުވަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އެނބުރި މާލެ ވަޑައިގެންނެވޭނޭ ދުވަހެއް އަދި ދަންނަވަން ދަތި ކަމަށް އާއިލާއިން ބުނެއެވެ.