ހައްޔަރު ކުރިމީހުންގެ މައްޗަށް ފުލުހުންގެ އަނިޔާ ހައްދުންބޭރު – މެންބަރު އަސްލަމް

dharubaaruge-10-02-12-1791

ޣައިރުގާނޫނީ އަމުރުތަކަށް ތަބަޢަވެތިބި ފުލުހުން އައްޑޫ އަތޮޅުން ހައްޔަރު ކުރި ދިވެހިރައްޔިތުންނަށް ޗާޓުން ބޭރުވެތިބެ ކޮށްފައިވާ ލާއިންސާނީ އަނިޔާތަށް ހައްދުން ބޭރުވެފައިވާ ކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ އެއަތޮޅުގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާތަކާ މާރާމަރާރީއާއި، އެނޫންވެސް އަމަން އަމާންކަން ގެއްލޭފަދަ ގޮތަކަށް ގާނޫނީ އިމުންބޭރުވެ ތިބެ ބަޔަކު ހިންގާފައިވާ ލާއިންސާނީ ޖަރީމާގެ ކަންކަން ހިނގާދިޔަގޮތުގެ މައުލޫމާތު ހޯއްދެވުމަށް އައްޑުއަށް ވަޑައިގެން ހުނަވައި، އެމްޑީޕީ ވެބްސައިޓަށް ދެއްވި ޚާޞަ ބަސްދީގަތުމެއްގައެވެ.

އަސްލަމް ވިދާޅުވީ ހައްޔަރުކޮށްގެން ފުލުހުން ކޯޓަށް ގެންދިޔަ މީހުންގެ ތެރެއިން ގާޟީއާ ގުޅުންހުރި އެކަކު ފިޔަވައި، ދެންތިބި އެންމެންނަށް މުއްދަތު ޖަހާފައިވާކަމުގައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މަދުބަޔަކު މިހާރު ވަނީ ގޭބަންދަށް ބަދަލުކުރެވިފައި ކަމަށާއި ގޭބަންދަށް ބަދަލު ކުރި ބައެއްމީހުންނާއި، ބައްދަލުވެސް ކުރައްވާފައިވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުން ނަށް ފުލުހުން ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމަށާއި، ބައެއްމީހުން ބަރަހަނާކޮށް ލަދުވެތި ގުނަވަންތަކަށް ޕެޕަސްޕްރޭ ޖަހާފައިވާކަން ފާހަގަކުރެވޭކަމުގައެވެ.

މިވަގުތު މަގުތަކުގައި ފުލުހުންގެ ޙަރަކާތްތަށް މަދުވެފައި ވީނަމަވެސް ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުން ދައްކާ ވާހަކަތަކުންނާއި، ފުލުހުން ޙަރަކާތްތެރިވަމުން ދާގޮތުގެ މައްޗަށް ބަލާއިރު ކުރިޔަށް އޮތްތަނުގައި ވެސް އައްޑޫ ރައްޔިތުންނާ މެދު މިހާރުގެ ބާޣީ ސަރުކާރުން އަނިޔާވެރިވާނޭ ކަމުގައި ވެސް އަސްލަމް ވިދާޅުވިއެވެ.