ނޫސް ބަޔާން: އެމްޑީޕީ މިލަންދޫ ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދުގެ އޯގާތެރި ވެރިކަން، ވެރިކަމަށް ފެންބޮވައިގެންފައިހުރި މުހައްމަދު ވަހީދު ހަސަންމަނިކު އަޑީގައި ހުންނަވައިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފަށް، ދިވެހި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ރައީސް ނަޝީދަށް ބިރުދައްކައި، މުހައްމަދު ވަހީދު ހަސަންމަނިކު ފޭރިގެންފައިވާތީވެ މިލަންދޫ އެމް.ޑީ.ޕީ ގޮފީގެ ފަރާތުންނާއި މިލަންދޫގެ އެމްޑީޕީ އެންމެހާ މެމްބަރުންގެ ނަމުގައި މިމުޑުދާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

މިހާރު އަމިއްލައަށް ވެރިކަމަށް ހުވައިކޮށްގެންހުރި ބާޣީ ސަރުކާރުގެ ވެރިޔާ މުހައްމަދު ވަހީދު ހަސަންމަނިކަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމަކަށް، މިލަންދޫ އެމް.ޑީ.ޕީ ގޮފީގެ ފަރާތުންނާއި، އަދި މިލަންދޫ އެމް.ޑީ.ޕީ އެއްވެސް ރައްޔިތަކު ޤަބޫލްނުކުރާނޭ ވާހަކަވެސް ދަންނަވަމެވެ. އަދި ދިވެހިރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ބައެއްފަރާތްތަކުން ނާޖާއިޒު ގޮތުގައި ފައިސާ ހޭދަކޮށްގެން ރާއްޖޭގެ ޑިމޮކްރެޓިކް ރައީސްގެ ވެރިކަން ބަޣާވާތެއްގެ ތެރެއިން ވައްޓާލުމަކީ، ދިވެހި އެންމެހާ ވިޔަފާރިވެރިންނަށްވެސް އަދި ހަމައެހެންމެ މިލޮބުވެތި ވަތަނަށް ވެވުނު ވަރަށް ބޮޑު ޚިޔާނާތެއްކަމުގައި ދެކެމެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި ތިބި ރުފިޔާއަށް ވިކޭ (ކުލީ ފުލުހުންނާއި، ކުލީ ސިފައިން) ކުރި މުޑުދާރު އަމަލުގެ ސަބަބުން މިލަންދޫގެ ރައްޔިތުން ކުރިމަތީގައި ވެސް މިހާރުވަނީ ސިފައިންނާއި ފުލުހުންގެ ޤަދަރާއި ލޯބި ގެއްލި ވަޅުޖެހިފައެވެ.

މިހާރު ރާއްޖޭގެ ވެރިކަން ފޭރިގަނެފައިވާ ބާޣީ ސަރުކާރުގެ ވެރިޔާ، މުހައްމަދު ވަހީދު ހަސަންމަނިކު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށާއި، އަދި ރާއްޖޭގެ ރައްޔިތުންގެ އަޤުލަބިއްޔަތު ލިބިގެން ރައީސަކު އިންތިޚާބުކުރުމަށްޓަކައި ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އަލުން އިންތިހާބެއް ބޭއްވުމަށް ގޮވައިލަމެވެ.

އަދި ދަންނަވަމެވެ. މި ގޮތުން ބޭއްވޭ އިންތިޚާބެއް ވަރަށް ފުރިހަމަ އަޤުލަބިއްޔަތަކުން ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވާނެކަން މިހާރު ފެންނަމުންދާ މަންޒަރުތަކުންވެސް ވާނީ ކަށަވަރުވެފައެވެ.