އަވަސް އިންތިޚާބެއް ބޭއްވެންދެން މަދަނީ ބަސްނޭހުމަކަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

– ފެބްރުއަރީ 8 ވަނަ ދުވަހު ރައީސަށް ފުލުހުން ކުރި އަނިޔާގެ ވާހަކަވެސް ހިއްސާކުރެއްވި

– ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްގެ ގޮތުގައި އިއުލާން ކުރެއްވުމަށް އެދި މަޖިލީހުގެ ރައީސް އަރިހުން އެދޭ ޕެޓިޝަނެއްގައި އެމްޑީޕީން ސޮއިކުރަން ފަށައިފި

ރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވެންދެން މަދަނީ ބަސްނޭހުމަކަށް ދިއުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައްޔިތުންނަށް އަނިޔާވިޔަ ނުދެއްވާނެ ކަމަށާއި، އަނިޔާއާއި ދެކޮޅަށް ޖާނާއި މާލު ދެއްވައިގެން ނަމަވެސް ރައްޔިތުން ރައްކާތެރިކުރައްވާނެ ކަމަށް ވިދާޅުވެ، އަވަސް އިންތިޚާބެއް އިއުލާންކުރަން ދެން ހުރިހާ ރައްޔިތުން މަދަނީ ބަސް ނޭހުމުގައި ތިބުމަށް ރޭ އާރޓިފިޝަލް ބީޗުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

އަވަސް އިންތިޚާބެއް ބޭއްވެންދެން އަޅުގަނޑުމެން ތިބެންޖެހޭނީ ބަސްނޭހުމެއްގެ ތެރޭގައި. އަޅުގަނޑުމެން ދާންޖެހޭނީ މަދަނީ ބަސްނޭހުމަށް.”، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައިވަނީ ބަޣާވާތަކުން ކަމަށް ވިދާޅުވަމުން، ރައީސް ނަޝީދު ވިދާޅުވީ އެ ބަޣާވާތުގެ ލީޑަރަކީ މިހާރުގެ ރައީސް ކަމަށް އެއްބަޔަކު ގަބޫލުކުރާ ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލައިގެން ނަމަވެސް ވެރިކަން ހޯދުމަށް މާކުރިން ސުރެ ރާވަމުން ގޮސްފައިވާ ކަމަށާއި، އެ ބަޣާވާތުގެ ސިއްރުތައް ހާމަވަމުންދާ ކަމަށެވެ.

“ބާޣީންގެ ލީޑަރަކީ ހަމަ ކަށަވަރުން ވެސް މިހާރު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވިދާޅުވެ އެ އިންނެވި ބޭފުޅާ. އޭގެ ފަހަތުގައި ތިބި ބާޣީން މަދެއްނޫން. އަޅުގަނޑަށް ހަމަ ކަނޑައެޅިގެން އެނގޭ ބަޣާވާތުގައި ބައިވެރިވެ ވަޑައިގެންނެވި ކިތަންމެ ބޭފުޅުނެއް އެކި އިރުގައި އެކި މައުލޫގައި އެ ބަޣާވާތާއި ގުޅޭ ގޮތުން އަޅުގަނޑާ މުއާމަލާތް ކޮށްފައިވަނީ ހަ ވަނަ ދުވަހާއި ހަތްވަނަ ދުވަހު އެކަންޏެއްނޫން. އޭގެ ކިތަންމެ ދުވަހެއް ކުރިން ވެސް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
“ގައުމުގައި ބަޣާވާތްކޮށްފައި ބާޣީ ލީޑަރު (ޑރ.ވަޙީދު) ވިދާޅުވަނީ އަޅެ، ތިމަންނާ ބާޣީއަކާ ވައްތަރުހޭ. ޝައިތާނާ ސީދި އޮޑިއަށް އެރިއިރު ޝައިތާނާގެ ނިތްކުރީގައި ވެސް ތިމަންނާ އަކީ ޝައިތާނާއޭ ޖަހާފައި ހުއްޓޭ ބުނާ އަޑެއް ނާހަން. އިބުލީހަކީ ކާކުކަން އަޅުގަނޑުމެންނަށް އިނގެނީ އިބުލީސް ހުންނަ ސިފައަކުން ނޫން. ނުލަފާ ކަމާ ނުރަނގަޅު ކަމަކީ އިންސާނާގެ ކިބާގައި މާތް ކަލާނގެ ލައްވާފައިވާ ލާނެތްކަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ބަޔަކާއި، ބައެއް ސިފައިންގެ އެހީތެރިކަމާއެކު ރާއްޖެއަށް ގެނައި ބަޣާވާތަށް ފަހު އިތުރު މަޤްބޫލުކަމެއް ހޯދާފައިވާ ރައީސް ނަޝީދު ވިދާޅުވީ ޑރ.ވަޙީދު އުފައްދަވައިގެން އެ އުޅުއްވާ ސަރުކާރަކީ “ގޮނޑިކޮއްކޮ” ކެބިނެޓެއް ހިމެނޭ ސަރުކާރެއް ކަމަށެވެ. އަދި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ޑރ.ވަޙީދަށް ގާއިމްކުރެވިއްޖެ ނަމަ ރައީސް ނަޝީދު އެކަން ދެކިވަޑައިގަންނަވާނީ ބޮޑު މުއުޖިޒާތެއްގެ ގޮތުގައި ކަމަށް ވެސް ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވިއެވެ.

“އުފައްދަވައިގެން އެ އުޅުއްވަނީ ގޮނޑި ކޮއްކޮ ކެބިނެޓެއް. އެ ކުރައްވާ ކަމަކީ އުނޑަފައިން ތިއްބަވައިގެން ބަތް ކައްކާ ކުޅުން. ބައެއް އިރަށް އަކުން ބަކުންނަށް ބަދަލުވާނެ އަނެއް ބައި އިރަށް އަހަރަމެނެއް ނުކުޅޭނަމޭ ކިޔާފައި ވަކި ވެގެންދާނެ.” ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މަހުގެ އަށްވަނަ ދުވަހު އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގައި “ބާޣީ ވަހީދު ފޮނުވައިގެން” އައި ފުލުހަކު އެމަނިކުފާނުގެ ކުރިމަތި ފަރާތުގައި ހިފާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ފުލުހަށް ވެސް މަޢާފްކޮށްފައިވާ ކަމަށާއި، އަދި އެއީ ފުލުހުންގެ ކާކުން ވިދާޅުވާން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި އިންނެވި ޑރ.ވަޙީދު އަކީ ވަގުތީ ގޮތުން ވެރިކަމުގައި އިންނެވި މީހަކަށް ވުމީ ” އަޅުގަނޑުގެ ހިތް ބުނާ ގޮތުން އެންމެ ވުން އެކަށީގެންވާ ގޮތް”، ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ “ބާޣީންގެ ހަގީގީ ލީޑަރު ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ގައްޔޫމް” މާލެވަޑައިގަންނަވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްގެ ގޮތުގައި އިއުލާން ކުރެއްވުމަށް އެދި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހުން އެދޭ ޕެޓިޝަނެއްގައި ސޮއި ކުރުންވެސް އެމްޑީޕީން ރޭގެ ޖަލްސާގެ ތެރޭގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ކުއްލި ބަޣާވާތަކުން ވެރިކަން ވައްޓާލުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ގައުމު ހިންގުން ޙަވާލުކޮށް 2 މަސް ދުވަހުގެ ތެރޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ ވަކާލާތުކުރަމުންނެވެ.