ލ.އިސްދުއަށް އައިސްތިބި ފުލުހުން އެރަށުން ދިޔަނަމަވެސް އުފެދިފައިވާ ބިރުވެރިކަން ވަރަށްބޮޑު

ލ.އިސްދޫ ގައި ފުލުހުންނާއި އަސްކަރިޔާއިން ޖޮއިންޓް އޮޕަރޭޝަނެއް ކަމަށް ބުނެ އިސްދޫ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ ބިރުވެރިކަން ވަރަށް ބޮޑުކަމަށާއި، ޕީ.ޕީ.އެމަށް ނިސްބަތްވާ ބަޔަކާ ގުޅިގެން އެރަށުގައި ސަލާމަތީ ބާރުތަކުން އެރަށުގެ ރައްޔިތުންނަށް ޢުދުވާނީ ޙަމަލާތައް ކުރިމަތިކުރުވަމުންދާ ކަމުގައި އިސްދޫގެ ރައްޔިތަކު ނަން ހާމަ ނުކުރުރުމަށް ޝަރުތުކޮށް ބުނެފިއެވެ.

އިސްދޫއިން މިހާތަނަށް ހައްޔަރުކުރި 5 މީހުން ކުރެކޮންމެ މީހަކަށް 15 ދުވަހުގެ މުއްދަތު ކޯޓުންވަނީ ޖަހާފައެވެ.
ހައްރު ކުރި 5 މީހުންނަކީ ކައުންސިލްގެ ރައީސް އިބްރާޙީމް ޚަލީލާއި، ކައުންސިލްގެ ނާއިބް ރައީސް މޫސާ ޙަސަން އާއި، ކައުންސިލް މެންބަރު ޙުސައިން ނައީސް އާ، ހޮސްޕިޓަލްގެ މެނޭޖަރ ޙަސަން ނަޞްރިފްގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޢަލީ ޚަލީލެވެ.

އިސްދޫގައި ތިބި ފުލުހުން މަސައްކަތް ކުރައްވަނީ “ޕީޕީއެމަށް ނިސްބަތްވާ ޙައްދުފަހަނަ އަޅާފައިވާ ބަޔާކާ ގުޅިގެން އެފަރާތުގެ އަމުރުތަކަށް”، ކަމުގައިވެސް އިސްދޫގެ ރައްޔިތު މީހާ ވަރަށް ބިރުންހުރެ ކިޔައިދިނެވެ. އަދި މިހާތަނަށް ހައްޔަރުކޮށްފައިވާ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކުރީގެ ކަތީބު އަދި ޕީޕީއެމްގެ އިސްދޫ ގޮފީގެ ރައީސް މުޙައްމަދު ރަފީޢު ބުނާ ގޮތަށް ކަމަށް އިސްދޫ އިން މަޢުލޫމާތުދެއެވެ.