މިހާރު މިއޮތް، ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް ކަނޑައަޅައި ނ.ކުޑަފަރީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.
“ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިނިވަން އަދުލުވެރި އިންސާފުވެރި އިންތިޚާބުން ދިވެހިރައްޔިތުންގެ ނުހަނު ބޮޑު އަޣުލަބިއްޔަތުން އިންތިޚާބުކޮށްފައި ވާ ޤާނޫނީ ސަރުކާރު 7 ފެބްރުއަރީ 2012 ވީ އަންގާރަދުވަހު ދިވެހި ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއި އެކު ގެނެވުނު ބަޣާވާތުގައި ވައްޓާލައި؛ އެ ބަޣާވާތުގެ މައްޗަށް ޤާއިމުކުރެވިފައިވާ ސަރުކާރާއި އެ ސަރުކާރުގެ ވެރިއެއްގެ ގޮތުން ހުންނެވި ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ގޮތުން ގެނެވިފައިވާ ބަޣާވާތު ސަރުކާރެއްކަމުން މި ސަރުކާރު ކުޑަފަރީ ކައުންސިލުން ބަލައިނުގަތުމަށް އިޤުރާރުވަމެވެ. ” ކުޑަފަރީ ކައުންސިލްގެ ޤަރާރުގައިވެއެވެ.
މިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމުގެ ފުރުޞަތު ތަނަވަސްކުރުމަށްޓަކައި، މި ހިނދުން މިހިނދުން ޑރ. ވަހީދު އިންނެވި ގޮޑިން ފައިބާ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރައްވާ 2 މަސްދުވަހުގެ ތެރޭގައި މިނިވަން އަދުލުވެރި އިންތިޚާބެއް ބޭއްވުމަށް ވެސް ކުޑަފަރީ ކައުންސިލުގެ މި ޤަރާރުގައި ގޮވާލާފައި ވެއެވެ..
މީގެ އިތުރުން ދިވެހިރާއްޖެއަށް މި ގެނެވުނު ބަޣާވާތުގައި ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެ ފާޅުގައި އެހީތެރިވެފައިވާތީ، އެ ދެ މުއައްސަސާ އާއި މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި، ނަފުރަތާއި، ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދުމުގެ ގޮތުން މި ބަޣާވާތް މިނިވަން ކޮމިޝަނަކުން ތަހުޤީގުކޮށް މި ބަޣާވާތަށް ޚަރަދުކުރިމީހުންނާއި، މިބަޣާވާތުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވި ހަމަކޮންމެ މީހަކުމެ ޤާނޫނުގެ ކުރިމަށްޗަށް ގެނެސް އިސްލާމީ ޝަރީޢަތުގައި މި ފަދަ ކުއްކުށަށް ކަނޑައެޅިފައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ކުޑަފަރީ ކައުންސިލްގެ ޤަރާރުގައި ގޮވާލާފައި ވެއެވެ.
މި ބަޣާވާތަށް ފަހު، ދިވެހިރައްޔިތުންގެ ޤާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި ދެކޮޅަށް ސުލުޙަވެރި ކަމާއި އެކު ރާއްޖޭގެ ވެރިރަށް ފުރަ މާލެއާއި، މިނޫންވެސް ރަށްރަށުން ނުކުތް މީހުންނަށް ދިވެހި ފުލުހުންނާއި ސިފައިން ހިންގާފައިވާ، ލާއިންސާނީ އަނިޔާތަށް ދިވެހިރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ތަހުގީގުކުރައްވާ އެ ލާއިންސާނީ އަނިޔާތައް ދިނުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށާއި، ދާޚިލީ ވުޒާރާއާއި ޙަވާލުވެ ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙްމަދަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ދިގުމުއްތަކަށް ޖަލަށް ލުމުގެ ވަޢުދު ތާއަބަދު ވަމުން އައިސް ހުރިފަރާތެއްކަމުން، އެމަނިކުފާނު ވަމުން އައިސްފައިވާ ވަޢުދު ފުއްދުމުގެ ގޮތުން މުޙައްމަދު ނަޝީދާއި އެމަނިކުފާނުންގެ އާއިލާއަށް ދީފާނެ ގެއްލުމަކަށް އެ ކައުންސިލުން ކަންބޮޑުވާ ކަމަށް ވެސް ކުޑަފަރީ ކައުންސިލްގެ ޤަރާރުގައި ވެއެވެ.
” ދިވެހިޖުމުޙޫރިއްޔާގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މިރާއްޖެއަށާއި، މި ރާއްޖޭގެ ރައްޔިތުންނަށް އައިސްފައިވާ ކުރިއެރުމާއި، ތަރައްޤީ ހަނދާންކޮށް؛ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން އެމަނިކުފާނުންގެ ސަރުކާރުގައި ޚިދުމަތްކުރެއްވި ފަރާތްތަކަށް މި ރަށުގައި ރައްޔިތުންގެ ފުރިހަމަ މެހުމާންދާރީގައި، ރައްކާތެރިކަމާއި އެކު އެފަރާތްތަކުން ތިއްބަވަން ބޭނުންފުޅުވި މުއްދަތަކަށް ތިއްބެވުން އެދި ދަޢުވަތު އަރުވަމެވެ.” ކުޑަފަރީ ކައުންސިލްގެ ޤަރާރުގައި ވެއެވެ.