ފުނަމާ
މިއަދަކީ މިގައުމަށް މިފަހުގައި އައިސްފައިވާ އެންމެ މުހިންމު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މަލްޓިޕާޓީ ސިސްޓަމްއެއް ތަޢާރަފު ކުރެވި ގިނަޕާޓީ ތަކެއް ވާދަކުރި އެންމެފުރަތަމަ އިންތިޚާބަކުން އެކުލަވާލެވުނު ސަރުކާރު މިއަދު މިވަނީ މަގުމަތި ވެފައެވެ. ބަޣާވާތަކުންނޭ، ޓެރަރިސްޓު ހަމަލާއަކުން ،ނުވަތަ އެހެން ކޮންމެ ގޮތަކުންނޭ ބުންޏަސް މިކަން މިއޮތީ އެގޮތުގައެވެ.
ރައީސްކަމުގައި ހުންނެވި މުޙަންމަދު ނަޝީދު އިސްތިއުފާ އިޢުލާނު ކުރެއްވީ ކޮން ހާލަތެއްގައި ކިހިނެއްކަން މަންޒަރު ތަކަށް ބަލައިލުމުން އެބަ އެތަކެއް ސުވާލު އުފެދެއެވެ. އެތަކެއް ދުވަސް ވަންދެން ބަޔަކު މަގުމަށްޗަށް ނުކުމެ ސަރުކާރު ވަށްޓާލުމަށް ގޮވައި ދީފައިވާ ހަމަލާ ތަކަކީވެސް ފެންނާން ހުރި އެއްޗެކެވެ. ދައުލަތުގެ މުއައްސަސާ ތަކަށް ދެވުނު ހަމަލާތަކާއި މީހުންގެ އަމިއްލަ މުދަލާއި ޖާނަށް ، ދެވުނު ހަމަލާތައް އެހެރީ ފެންނާށެވެ. ރައީސް ކަމުގައި ހުންނެވި ނަޝީދު ، މިގައުމުގެ ޖުމްހޫރިއްޔަތުގެ ބާނީ ކަމުގައި ބުނެވޭ އަމީން ދީދީ އަށް ހެދިގޮތަށް މަގުމަތިކޮށް ރަށްޔިތުންނާއި ހަވާލުކުރާނެ ކަމަށް ގޮވިއަޑުތައްވެސް އެހެރީ އިވޭށެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް މިއަދު ސަރުކާރު ހިންގާން އެތިބީ އެހެން ބައެކެވެ. މިހާކުރީ ކޮޅުގައިވެސް ފެނިގެން މިދިޔައީ އަނިޔާގެ އިންތިހާއެވެ. މިހާތަނަށް ރަށްޔިތުންނަށް ދެވެމުންއައި އެހީތައް އޭގެ ޒާތުގައި ދެންލިބި އޮންނާނެ ކަމާމެދު ބައެއް މީހުން މިހާރު ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. ފެށިފައިވާ މަޝްރޫޢުތައް ހިންގައި ގައުމު ހަމަޔަކަށް އެޅުވުމުގެ ބަދަލުގައި މިހާރު މިފެންނަނީ ވަކިބަޔަކު ތަޅާ ރޯނައި ގަންނަވައި ހައްޔަރު ކުރަމުން ގެންދާ ތަނާއި އިންޒާރު ދެމުންދާ އަޑުތަކާއި މަންޒަރު ތަކެވެ. މިކަމުގައި އެއްކޮޅު ފަރާތްތަކާއި އިދިކޮޅު ފަރާތްތައް ތަފާތެއް ނުވެއެވެ. އިއްޔެ ފެންނާންހުރި ބައެއް އިމާރާތްތައް މިއަދު ފެންނާން ނެތްކަމާ ރޭވެ އަލިވިލުނުއިރު އެތަކެއް ބަޔަކު ދުވެފަހައި ހައްޔަރު ކުރެވުނުކަން އެއީ ގައިމުވެސް ހަގީގަތެކެވެ.
ސަރުކާރެއް އެކުލަވާލުމުގައި މިއަދު ބުނެވޭ އަޑުއިވެނީ އެއްބައި ވަންތަކަމުގެ ސަރުކާރެއް އެކުލަވާލާ ވާހަކައެވެ. އެކަމަކު ހަމައެޔާއެކު މިއިވެނީ ރާއްޖޭގައި މިހިނދަށްއޮތް އެންމެބޮޑު ސިޔާސީ ޕާޓީ އަދި ، ގިނަބަޔަކު 2013 އާއި ހަމަޔަށް އޮންނާންޖެހޭނީ އެޕާޓީގެ ވެރިކަން ކަމުގައި ބުނަމުން ގެންދާ އެމްޑީޕީ މިސަރުކާރުގައި ބައިވެރިވާން ބޭނުންނުވާ ކަމުގައެވެ. ރަސްމީކޮށް އެމްޑީޕީންވަނީ މިއަދު އެހިންގާ ސަރުކާރުގައި ބައިވެރި ނުވާނެ ކަމަށް ބުނުމުގެ އިތުރުން އެއީ ޣައިރު ގާނޫނީ ސަރުކާރެއް ކަމުގައިވެސް ބުނެފައެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރު ވަށްޓާލީ ބަޣާވާތަކުން ކަމުގައިވެސް އެދަނީ ފާޅުގައި ބުނަމުންނެވެ. މިކަމަށް ބާރުލިބިދޭ އެތައް ކަމެއް ފެންނާން އެބަހުއްޓެވެ. ރައީސް ނަޝީދުގެ ސަރުކާރު އުފެދުނީއްސުރެ އެސަރުކާރު ކޮންމެ ގޮތަކުންވެސް ވަށްޓާލުމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ގޮވަމުންނެވެ. ވެއްޓުނު 30 އަހަރުގެ ސަރުކާރުން ހިންގާފައިވާ ކަމުގައި ބުނެވެމުންދިޔަ އެއްވެސް ޖަރީމާއެއް އޮތީ ނުބެލިފައެވެ. މިނިވަން މުއައްސަސާތައް އެކުލަވާލެވުނީ 30 އަހަރުގެ ސަރުކާރުގެ މަސްލަހަތުއޮތް މަޖިލީހަކުން ކަމުގައިވުމީ މިކަމަށް މަގުފަހިވެގެން ނުދިޔަ އެންމެ ބޮޑު ސަބަބު ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
ރައީސް ނަޝީދު އެދިވަޑައިގެން ވިދާޅުވަމުން ގެންދެވީ ކުރީގެ ރައީސް މައުމޫނާއި އޭނާގެ ސަރުކާރުގެ އެއްވެސް އިސްމީހަކު ހައްޔަރު ނުކުރަށްވާނެ ކަމުގައެވެ. މިއަދާ ހަމަޔަށްވެސް އެކަންއޮތީ އެގޮތަށެވެ. ވެރިކަން ލިބުމާއެކު ތާއީދުކުރާ ރައްޔިތުން ގޮވައިގެން ރައީސް ނަޝީދު ނުކުމެ ވަޑައިގެންނެވިނަމަ އެކަން ކުރެއްވުނީހެވެ. ކޯޓުއަމުރުތަކަށް ތަބާނުވެ ބައެއްމީހުންނަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅުމުގެ ފުރުސަތެއް ނުލިބުނީހެވެ. އަދި މިއަދު ގައުމުމިއޮތް ހާލަތަކަށް ނުވެއްޓުނީހެވެ. އެހެންކަމުން މިހާލަތުގެ ޒިންމާ ޚުދު ރައީސް ނަޝީދުވެސް އުފުއްލަވަން ޖެހޭނެ ކަމުގައި އެއްބަޔަކު ބުނާއިރު ، އަނެއްބަޔަކު ބުނަނީ އެކަން އެގޮތަށް ނުކުރެވުނީ އަދުލު އިންސާފުގެ ދާއިރާ ހަމަމަގަށް އެޅުވުމުގައި ގާނޫނީ ގޮންޖެހުންތަކެއް ނަޝީދުގެ ސަރުކާރަށް އޮތުމުން ކަމުގައެވެ. ދެގޮތްވެސް ގަބޫލުކުރަން ޖެހެއެވެ.
މިހާތަނުން އުފެދޭ ސުވާލަކީ މިއަދު އެކުލަވާލަން އެއުޅޭ ސަރުކާރުގައި އެމްޑީޕީ ބައިވެރި ނުވެއްޖެނަމަ ގައުމީ އެއްބައި ވަންތަކަން އޮންނާނީ ކޮން ގޮތަކަށް ބާވައެވެ؟ ގައިމުވެސް މިގައުމުގެ ގިނަބަޔަކު އެޕާޓީގައި އެބަތިއްބެވެ. ޕާޓީން މިހާތަނަށް ކެނޑިގެންދިޔަ ގިނަބަޔެއްގެ އަޑެއް ނީވެއެވެ. ޕާޓީގެ ގިނަބަޔަކަށް މިވަނީ އަނިޔާތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން އިތުރަށް ރުޅިގަދަވެފައެވެ. ޒަޚަމް ވެފައެވެ. އެހެންވީއިރު މިއުފެއްދި ސަރުކާރަށް ހަމަޖެހިލައިގެން އޮވެވޭނެ ހެއްޔެވެ؟ ނޫނީ އެމްޑީޕީގެ ހުރިހައި މީހުން ހިފައި ހައްޔަރުކޮށް މަރާ ހުސްކުރާނީ ހެއްޔެވެ؟ މިހެން ދަންނަވަން ޖެހެނީ މިއަދުގެ ސަރުކާރޭ ބުނެ އެނުކުންނަ ގިނަމީހުންގެ ބަހުރުވަޔާއި އަމަލު ހުރިގޮތުންނެވެ. ރައީސް ނަޝީދު ވިދާޅުވަމުން އެގެންދަވަނީ އެމަނިކުފާނުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރި ކަމަށެވެ. ދިފާއީ ބާރުގެ މަރުކަޒުގައި ޔުނީފޯމެއްނެތް އާންމު ބަޔަކު ތިބެގެން އެތަން ކޮންޓްރޯލް ކޮށްގެން ކަމުގައެވެ. އަދި އެމީހުން މިއަދު އެތިބީ ދިފާއީ ބާރުތަކުގެ ވެރީންގެ ގޮތުގައެވެ. ނަޝީދުގެ ސަރުކާރު ވަށްޓާލުމަށް އެނެްމެ އަޑުގަދަ ކުރަމުން ގެންދިޔަ އެކަކީ މިއަދުގެ ހޯމް މިނިސްޓަރެވެ. އެހެންކަމުން މިކަން މިމަގުން ނުހިނގާނެ ކަމުގައި ބުނެވޭނެ ތަނެއް ނެތެވެ. ރައީސް ނަޝީދާއި އެސަރުކާރުގެ ވެރީން ހައްޔަރު ކުރުމަށް މިހާރުވެސް މިވަނީ އަމުރު ނެރެފައެވެ.
އަނެއް ކޮޅުން މިބުނަނީ މިއީ ގާނޫނީ ސަރުކާރެއް ކަމުގައެވެ. ބަޣާވާތެއް ނުގެންނަ ކަމުގައެވެ. އުފެދޭ ސުވާލަކީ ސިފައިންނާއި ފުލުހުން ގުޅިގެން އަދާލަތު ޕާޓީއާއި ޕީޕީއެމާ ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީ ނުކުމެ އެމްއެންބީސީ އަތުލައި ގަތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ފަހުން ހެއްޔެވެ؟ ވީޓީވީގެ ފީޑު އެމްއެންބީސީ ވަންއިން ފޮނުވަން ފެށިއިރު ރައީސް ނަޝީދަކީ ދައުލަތާއި ސަރުކާރުގެ ވެރިޔާއެވެ. ވީޑިޔޯ ތަކުން ފެންނަން އެހެރަ ގޮތަށް ރައީސް ނަޝީދު ގަދަކަމުން ކާރަކަށް އަރުވައިގެން ކޮށްފަމުން ރައީސް އޮފީހަށް ގެންދިޔައެވެ. ދައުލަތުގެ މުއަށްސަސާ ތަކަށް އާންމުން ވަދެގަނެ އެތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ފުލުހުންނާއި ސިފައިން ނުކުމެ އިދިކޮޅު ފަރާތްތަކާއި އަތާއަތް ގުޅާލައި އެސަރުކާރަށް ތާއީދުކުރާ އެންމެންނާ ހަމަލާ ދިނެވެ. ފުލުހުން ވަދެ އެމްޑީޕީ ހަރުގެ ރޯކޮށްލިއެވެ. މަގާމުގައި ތިބެގެން ދައުލަތުގެ އެންމެއިސް ވެރިޔާގެ އިސްތިއުފާއަށް ގޮވިއެވެ. މިކަންކަން ކުރިއިރު ރައީސް ނަޝީދު އިސްތިއުފާއެއް ނުދެއްވައެވެ. އެހެން ކަމުން މިގެނެވުނީ ބަޣާވާތެއް ނޫންކަމުގައި ބުނާނެ އެއްވެސް ޖާގައެއް ނެތެވެ.
މިއަދު ބައިނަލް އަގުވާމީ ޕުރެޝަރއާއި އެކުގައި ހިނގައިދިޔަ ކަންކަން ބަލައި ތަހުގީގުކުރާއިރު މިބަޣާވާތް ގެނައުމުގެ އެންމެ އަޑީގައި ހުންނެވި ކަމުގައި ބުނެވޭ ޑރ ވަހީދު ރައީސް ކަމުގައި ހުންނަވައިގެން ، ފާޅުގައި އެސަރުކާރު ވަށްޓާލުމަށް ގޮވައި މަގުމަތީގައި ހަމަނުޖެހުން ހިންގައި އެކަމަށް ހިތްވަރުދިން މީހުން އިސްސަފުގައި ތިބެގެން މިގައުމުގައި މިނިވަން ތަޙުގީގެއް ކުރެވޭނެ ހެއްޔެވެ؟ މިހާރު މިއޮތް ސަރުކާރުގެ މަސްލަހަތު އޮތް ތިން ޓީވީ ޗެނަލް އެހެރީ ހުރިހައި ހަގީގަތެއް އޮޅުވާލުމަށް ކުއްޔަށް ހިފާފައި ކަމުގައިވެސް ބަޔަކު އެބަބުނެއެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ހަމައެކަނި ޓީވީ ޗެނަލަކީ ރާއްޖެޓީވީ އެވެ. އެތަނަށް އެދަނީ އިންޒާރުދީ ހުއްޓުވަމުންނެވެ. އައްބާސް އާދިލު ރިޒާ އެގޮވަނީ މިގައުމަށް އެއްވެސް ކާފަރަކު އަރުވައިގެން ނުވާނެ ކަމަށެވެ. އަދާލަތުންވެސް ގޮވަނީ އެހެންނެވެ. ވީއިރު މިގައުމުގައި އަމަން ގާއިމު ކުރެވޭނީ ކިހިނެއްބާވަޔޭ ސުވާލު އުފެދެއެވެ. އެކަމަކު ގައުމު އެދިމިގޮވަނީ އަމަން އަމާން ކަމަށެވެ.