މެންބަރުންގެ ޚިޔާލު: ނުރައްކާތެރި އަނިޔާވެރިންތަކެއް އަދިވެސް ފުލުހުންނާއި ސިފައިންގެ ތެރޭގައި އެބަތިބި.

މުހައްމަދު މަމްދޫހް ވަހީދު

muzaahara-191

މިދިޔަ ދެތިން ދުވަހު އަދި ވަކީން ޚާއްޞަކޮށް 8 ފެބްރުއަރީގައި ދިވެހި ފުލުހުންނާއި ސިފައިން ތެރެއިން ބައެއްގެ ފަރާތުން ފެނުނު ބައެއް ޢަމަލުތަކުގެ ސަބަބުން، ދިވެހިރާއްޖޭގައި އޮތް ޒަމާންވީ އަނިޔާވެރިކަމުގެ ޗޭނަށް ބޮޅެއް އިތުރު ވެއްޖެއެވެ.

މިއީ ދިވެހީން ހިތާމަކޮށް ލަދުވެތިވާންޖެހޭ ކަމެކެވެ. މުޅި އިންސާނީ އާއިލާވެސް މިކަމާ ހިތާމަ ކުރާނެ ކަމެކެވެ. ރައްޔެތަކު އިންތިޚާބު ކޮށްފައިވާ ސަރުކާރެއް، ރައްޔެތުން ވެރިއަކަށް ހޮވާފައިވާ ފަރާތެއް، ބަޑިއާއި ހަތިޔާރުގެ ބޭނުން ކޮށްގެން މަޤާމުން ދުރުކުރުވާ، އަދި އޭނާއަށާއި އޭނާއަށް ތާޢީދު ކުރާ އެތައް ބަޔަކަށް ރޯމާ ދުވާލުގައި ގިނަ ބޮޑެތި އަނިޔާތަކެއް ދިނީއެވެ. މަންޒަރު ލޮލުން ދުށް މީހެއްގެ ގޮތުން އަޅުގަނޑު އަދިވެސް މިހުރީ ޝޮކެއްގައެވެ.

މިފަދަ މަންޒަރެއް އަޅުގަނޑަށް މީގެ ކުރިން އެންމެ ކައިރިން ފެނިފައިވަނީ، 2004ގެ އޮގަސްޓް 12، 13ގައި، މ. އޭސިއާ މަރިޔަމް މަނިކެ (2003ގެ ސެޕްޓެމްބަރުގައި މާފުށީ ޖަލުގައި ސިފައިން/ފުލުހުން ކުރި އަނިޔާ ތަކެއްގެ ސަބަބުން މި ދުނިޔެ ދޫކޮށްފައިވާ ހަމަ އެގޭ އީވަން ނަސީމްގެ މަންމަ) ހައްޔަރު ކުރުމަށް، އެދުވަހު އައި ފުލުހުން/ސިފައިންގެ ފަރާތުންނެވެ. މީގެ ތެރެއިން އެކަކު އަދިވެސް ރަށު ތެރެއިން ފެނެއެވެ. އަދި ކުރީގައި ސިފައިންގެ ތެރޭގައި އަނިޔާވެރިވާ ކަމަށް ވާހަކަ ދެކެވޭ ބައެއް މީސްމީހުންވެސް، ވެރިކަން ބަދަލު ވުމުން ދުވަސް ކޮޅަކު ނުފެނި އުޅެލާފައި، ފުލުހުންގެ ތެރެއިން ވަނީ ފަހަކަށް އައިސް ފެންނަން ފަށާފައެވެ. އަދި ބަޣާވާތުގެ ތެރެއިން ސަރުކާރާއި ހަވާލުވެފައިވާ ޑރ. ވަހީދު ޕޮލިސް ކަމިޝަނަރ އަކަށް އައްޔަން ކުރެއްވީ ކުރީގައި ދިވެހިރާއްޖޭގެ ތާރީޚްގެ އެންމެ އަނިޔާވެރި ވެރިކަން ހިންގާފައިވާ މައުމޫނުގެ ދައުރުގައި ފުލުހުންގެ ތެރޭގައި އިސްކޮށް އުޅެ މައުމޫނުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ގިނަ ލާއިންސާނީ ޢަމަލްތަކެއް ހިންގާފައިވާ ފަރާތެއް ކަމަށް މީހުން ދެކެއެވެ.

8 ފެބްރުއަރީގައި އެމް.އެމް.އޭ. ސަރަޙައްދުން ފެނުނު ފުލުހުންގެ ފަރާތުން، އަޅުގަނޑު ކުރިން މިދެންނެވި 2004ގެ ޙާދިޘާގައި ޙަރަކާތްތެރިވި ފުލުހުންގެ ހުރި ‘ލާއިންސާނީ’ ކަން ފެނިގެން ދިޔައެވެ. ޢާންމުން ގައިގައި ޖަހާ ބާރު މިނާއި ޖަހަން ދާ ވަގުތު ގޮވާ އައުގުރާނައެވެ. އެއްވެސް ކަހަލަ ޢަޤުލުގެ ކަންފުޅެއްވެސް ނެތެވެ. ޕެޕަރ ސްޕްރޭ ޖަހާ، ފަހާ ދުވެ ވަރުބަލިވެގެން، ނުވަތަ ރޯނާ ވެގެން ނުވަތަ ހޭނެތިގެން ވެއްޓުމުން އައިސް ދަނޑިބުރިންނާއި ބޫޓުން ތެޅީއެވެ. ވަރަށް ބާރަށް އަނިޔާވެރިކޮށް ގަދައަށެވެ. މިފަދަ ނުރައްކާތެރި ބަޔަކު ސިފައިން، ނޫނީ ފުލުހުންގެ ތެރޭގައި ތިއްބަސް އެއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ހުރިހާ ދިވެހިންވެސް މެއެވެ. އެބައެއްގެ އަނިޔާވެރިކަން ފެންނާނީ ކޮންއިރަކު، ކޮންތާކުން ކަމެއް ނޭނގޭތީއެވެ. އަދި މިމީހުންނަށް ނަފްސާނީ ފަރުވާއެއް ނުދެވޭނަމަ، މިމީހުންނަކީ ފުލުހުން ފަދަ ވަޒީފައެއްގައި ނުތިބެ، ނުވަތަ ޢާންމު ރަށްކަލަކަށްޓަކައި މުޖްތަމަޢުއިން އެކަހެރި ކުރުން ކޮންމެހެން މުހިންމު ބައެކެވެ.

8 ފެބްރުއަރީ 2012ގައި އެއްވެފައި ތިބި ޢާންމުންގެ ‘ގަޔަށް އަރައި ގަތުމަށް’ ދުއްވައިގަތުމުން، އަދި އަސޭމިރުސް ދުންތަކުގެ ތެރެއިން ރައްޔިތުންގެ ބޮލުގައާއި ގައިގައި – މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބަލި މީހުންނަށް ބެލުމެއް ނެތި – ތަޅަން ފެށުމުން، ދުވަމުން ދިޔަ އެކަކު ގޮވަމުން ދިޔައެވެ. “… މި މީހުން ހޯދާ ހޭ އަރުވާލަން ހިނގާށެވެ. މިހެނެއް ރައްޔިތުންނަކަށް ނުހެދޭނެއެވެ…” ހަމަ ކޮންމެ މީހަކަށްވެސް، އެކަހަލަ ދަނޑިވަޅެއްގައި އަތުވެދާނެ ޚިޔާލެކެވެ. އެހެންނަމަވެސް، ހުރިހާ ފުލުހުންނަކީ އަނިޔާވެރި ނުވަތަ އެފަދަ ޢަމަލެއް ކޮށްފާނެ ބައެއް ކަމަކަށް ނުފެނެއެވެ. މީގެ ހެއްކަކީ، އަނިޔާވެރިވި ފުލުހުންނާއި އާންމުންނަށް އަނިޔާ ކުރަމުން ގެންދިޔަ ވަގުތު، އެކަން ނުކުރުމަށް ހަމަ އެތަނުގައި ތިބި އެހެން ފުލުހުން އެދެމުން ދިޔަ ކަމެވެ. އެހެންނަމަވެސް، ފަހުން މިދެންނެވި ފުލުހުން ގެ ބަހެއް އަޑު އެހި މީހަކު ހުރިހެން ހިއެއް ނުވެއެވެ. އެހެންނަމަވެސް، ރައްޔިތުން ހިމާޔަތް ކުރުމަށް ހުވައެއް ކޮށްގެން ތިބޭ ބަޔަކު ޢާންމުންނާއި ދޭތެރޭ، އެމީހުންގެ ފަރާތުން އެއްވެސް ނުކިޔަމަންތެރި ޢަމަލެއް ނުފެންނަނީސް، މިފަދަ ޖަނަވާރު އަނިޔާވެރި ކަމެއް ދައްކާނަމަ، ރައްޔިތުން ކެތްކޮޅުންލުމުން، ރައްދުގައި އެފަދަ ޢަމަލުތައް ކުރަން އުޅުމަކީ ނުވަތަ ހިތަށް އެރުމަކީ އިންސާނީ ތަބިއްޔަތުގެ ސިފައެކެވެ. އަދި ފުލުހުންގެ ޢަމަލުތަކަށްފަހުގައި، މާލެއާއި އަތޮޅުތަކުގައި ހިނގާދިޔަ ބޮޑެތި ނުރައްކާތެރި ކުރިމަތިލުންތަކާއި، ތަންތަނާއި މުދަލަށް ގެއްލުން ދިނުމަކީ މިދެންނެވިފަދަ މައްސަލަތަކެއްގެ ފެށުން ކަމުގައިވެސް ވެދާނެއެވެ.

ދިވެހިރާއްޖެ މިއަދާއި ހަމައަށްވެސް ދެމިގެން އައިސްފައި މިއޮތީ އަޅުގަނޑުމެންގެ ތެރޭގައި ޞުލްހަވެރި ވެއްޓެއް ޤާއިމް ކުރެވިފައި އޮތީތީއެވެ. ޖަލުގައާއި އަދި އެނޫންވެސް ގޮތްގޮތުން ޙައްޔަރުގައި ދެވޭ އަނިޔާތައް ނައްތާލުމަށާއި، ޚުދްމުޚްތާރުކަމުގެ ތެރޭގައި ހިންގާފައިވާ 30 އަހަރުގެ އަނިޔާވެރި ވެރިކަމަކުން ސަލާމަތްވުމަށް، ރާއްޖެއަށް ޕާޓީ ނިޒާމް ތަޢާރަފްކޮށް ޤާނޫނު އަސާސީ އިޞްލާހް ކުރުމުގެ ބޮޑު ބުރަ މަސައްކަތާއި، 2008ގެ އިންތިޚާބުގައި ވޯޓުލީ، ކުރިން މިދެންނެވި ނާ ތަޙްޒީބް ކަންތައްތަކާއި އަޅުގަނޑުމެން ދުރުވާކަށް ނޫންތޯއެވެ؟

މިހާރު ރާއްޖޭގައި ހިންގަމުން މި ގެންދަނީ ސިފައިންނާއި އަދި އެހެން ސިޔާސީ ބައެއް ފަރާތްތައް ބައިވެރި ވެގެން ހިންގާ ބަޣާވާތެކެވެ. މިކަން ބަދަލު ކޮށްގެން ނޫނީ ދިވެހިންނަކަށް ދެން އަނބުރާ ޤާނޫނުގެ ވެރިކަމުގެ ތެރެއަކަށް ނާދެވޭނެއެވެ. އަދިވެސް ވަގުތު އެބަ އޮތެވެ. ހަމަ ބިމަށް ތިރިވެ، ޑރ. ވަހީދު އިސްތިޢުފާ ދީ، އޭނާއަށް ކުރެވުނު ކުށް ޤަބޫލު ކުރަން ވީއެވެ. ރައްޔިތުން އިންތިޚާބުކުރި ވެރިކަން އަލުން އަނބުރާ ގެންނަން ވީއެވެ.