ފަހަލަސަޢީދު
މިވަގުތު އައްޑޫގެ ޙާލަތު އޮތީ ނުހަނު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މިހާރު އައްޑުއަށް ވަޑައިގެން އުޅުއްވާ އެމް.ޑީ.ޕީގެ ގާނޫނީޓީމުގެ ވަކީލު އަލްއުސްތާޛު އަބުދުﷲހަސީނު ވިދާޅުވެއްޖެއެވެ.
އައްޑޫ މިހާލަތަށް ގޮސްފައި ވަނީ ނުހަނު ލާއިންސާ ގޮތްގޮތަށް ދިވެހި ޢަސްކަރިއްޔާ އާ ޕޮލިސް ފޯސްގެ ފަރާތުން އައްޑޫގެ ގިނަޢަދަދެއްގެ ރައްޔިތުން ހިފާހައްރުކޮށް އަދިވެސް އެތައް ބަޔަކު ހައްޔަރު ކުރަމަށް މަސައްކަތް ކުރަމުން ދާތީ ކަމަށާއި، މިތަނަށް 70އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ސ.ހިތަދޫ މެދުދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހައްޔަރުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ކޯޓުންވަނީ ޖަހާފައެވެ.
މީގެ އިތުރުން ފުލުހުންގެ ޔުނީފޯމުގައި ތިބި ޢާންމުންގެ ބަޔަކު ގޭގެއަށް ގޮސް ބިރުދެއްކުމާ ޕިކަޕެއްގައި ތިބި ޕީޕީއެމަށް ނިސްބަތްވާބަޔަކު އައްޑޫގެ މަގުތަކުގައި ފުލުހުންނާއެކު މީހުންހައްޔަރު ކުރަމުންދާކަމަށްވެސް ނަންހާމަކުރަން ބޭނުންނުވާ އައްޑޫގެ ރައްޔިތަކު ކިޔަދިނެވެ.
ހިތަކަށް އޮތްދުނިޔޭގައި ބިތަކަށޭ ބުނާ ބީދައިން އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން ހައްޔަރުކޮށް މަގުތަކުގައި ނާމާންކަން އުފައްދަމުންދާ ކަމަށްވެސް މަންޒަރު ދުއްމީހަކު ކިޔައިދިނެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން މަޢުލޫމާތު ދޭގޮތުގައި ހައްޔަރުގައި ތިބި އެންމެނަނާވެސް ބައްދަލު ކުރެވޭކަމަށާއި، ހުޅުމީދޫ ކޯޓަށް މުއްދަތު އިތުރުކުރަން ގެންދިޔަ މީހުންނާ މިއަދު ބައްދަލު ކުރެއްވިކަމުގައެވެ. އަދި ހައްޔަރުގައި ތިބި ބައެއްމީހުން ބުނިގޮތުގައި ވަރަށް ބޮޑަށް އަނިޔާކުރާ ކަމަށާއި، ޕެޓްރޯލްޖަހާ ރޯކޮށް މަރާލާނޭކަމުގެ އިންޒާރު ބައެއްމީހުންނަށް ދެމުންގެންދާ ކަމަށް ހަސީނުވިދާޅުވިއެވެ.
މަރަދޫން ވާހަކަދެއްކި މީހަކުބުނީ ގާސިމްގެ ރަށުގައި ގާސިމް އިސްވެހުންނެވި ގޭންގް ” ޑްރެގަންފޯސް” ގެބަޔަކު އައްޑޫގައި ބަޣާވަތްކުރަމުން ދާކަމުގައެވެ. ކަތިވަޅިހިފާފައި ތިބިބަޔަކު ޕިކަޕްތަކަށް އަރައިގެން ރަށުތެރޭގައި ރައްޔިތުންނަށް ބިރުދައްކަމުން ދެވޭފަދަ ދަރަޖައަކަށް މިނިވަންކަން ލިބިފައިވާކަމީ އައްޑޫ އަތޮޅު ބިރުވެރި ނާމާންކަމުގެ ތެރޭގައި އޮންނަން ޖެހިފައިވާ އެއްސަބަބު ކަމުގައެވެ.