އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 108 ވަނަ ބައްދަލުވުން ބާއްވައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 108 ވަނަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

އެމްޑީޕީ އޮފީހުގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ކުއްލި ބަޣާވާތަކުން އެމްޑީޕީގެ ވެރިކަމުގެ މައްޗަށް ބަޔަކު އަތްގަދަކުރި މައްސަލައާއި ބެހޭ ގޮތުންނެވެ.

އެ ގޮތުން އެކަންތައް ހިނގައި ދިޔަ ގޮތުންނާއި، ދިފާޢީ ބާރުގެ މައި މަރުކަޒަށް ރައީސް ނަޝީދު ވަޑައިގަތުމުން އެތަނުގައި އިސް މީހުންގެ ގޮތުގައި ޙަރަކާތްތެރިވަމުން ދިޔައީ ސިފައިންނާއި ފުލުހުންގެ މުޥައްސަސާއިން ވަކިކޮށްފައިވާ ބަޔަކަށްވެފައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައީސް އަރިހުގައި، މި 3 މީހުން ގޮސް ރައީސް އޮފީހުގެ މުޥައްޒަފުންނަށް ވެސް ހުއްދައާއި ނުލައި ނުވަދެވޭ ތަންތަނަށް މި 3 މީހުން ވަދެ، ދިވެހި ރައްޔިތުންގެ ބޮޑު އަޤްލަބިއްޔަތަކުން އިންތިޚާބުކޮށްފައިވާ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މަޖުބޫރުކުރުވައިގެން އިސްތިއުފާގެ ސިޓީއެއް ލިޔުއްވައި، އަދި ރައީސް އޮފީހުން އެ ސިޓީ ޑިސްޕެޗް ނުކުރަނީސް މީގެ ތެރެއިން އެކަކު އެ ސިޓީ ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ދިއުމުން އެއީ ރޭވިގެން ހިނގައިދިޔަ ބަޣާވާތެއްކަން ހާމަވާ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންގެ ވާހަކައިގައި ހާމަކޮށްފައިވެއެވެ.

އަދި މީގެ އިތުރުން އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވެސް، މިހާރުގެ ބާޣީ ރައީސް، އޭރުގެ ޑރ.ވަޙީދުގެ ޢަމަލުފުޅުތަކާއި ބަސްފުޅުތައް ވަރަށް ހަރުކަށި ކަމަށާއި، ޑރ.ވަޙިދުގެ ކިބައިން ކޯފާއިސްކުރެއްވުން ފަދަ ޢަމަލުތައް އެ ދުވަހު ފެނިފައިވާ ކަމީ އެމަނިކުފާނު ވެސް މި ބަޣާވާތުގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ އެއް ހެކި ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، އިންތިޚާބީ ސަރުކާރުގެ ކެބިނެޓް މެންބަރުން ވިދާޅުވިއެވެ.،

މި ބައްދަލުވުމުގައި ގައުމުގެ މިހާރުގެ ޙާލަތު ދިރާސާކޮށް ފިޔަވަޅުއެޅުމަށް 7 މެންބަރުންގެ ކޮމިޓީއެއް ނެންގެވިއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރ ތޮލްޙަތު އިބްރާހީމް ކަލޭފާނާއި، ހޯމް މިނިސްޓަރ ޙަސަން އަފީފާއިި، ފޮރިންގ މިނިސްޓަރ އަޙުމަދު ނަސީމް އާއި، ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދާއި، މާލެ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކުގެ އިތުރުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އެވެ.