ސަރުކާރު ބަދަލުކުރުމަށް ގެނައި ބަޣާވާތުގެ އަޑީގައި ތިބި ފަރާތްތަކުން އަމާންދިނުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި

maizan-alibe

ސަރުކާރު ބަދަލުކުރުމަށް ގެނައި ބަޣާވާތުގެ އަޑީގައި ތިބި ސިޔާސީ ފަރާތްތަކާއި، ވިޔަފާރިވެރިން އަމާންދިނުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އެ ކައުންސިލުން މިކަމަށް ގޮވާލައި އިއްޔެ ނެރުނު ޤަރާރުގައިވާ ގޮތުން ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އާންމު ވޯޓުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުކޮށް، އާންމުންގެ ފަރާތްތަކެއް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައިމަރުކަޒަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތެރެެއަށް ވަދެ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިންގި ބަޣާވާތް އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

” ބާޣީ ލީޑަރުގެ ގޮތުގައި ގާނޫނު އަސާސީއާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަމިއްލަފުޅަށް އިސްވެ ހުންނެވި ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަތްޕުޅަށް އަމިއްލަފުޅަށް ނަންގަވާފައިވާ އެންމެހާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، މިހާރުން މިހާރަށް ހަވާލުކުރައްވައި، 2 މަސް ދުވަހުގެ ތެރޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަމެވެ. އަދި މި ޖަރީމާ ހިންގާފައިވާ ގޮތް ބައިނަލްއަޤްވާމީ ވަކިފަރާތަކަށް ނުޖެހޭ ފަރާތްތައް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ތަޙުޤީޤްކުރަން ޖެހޭ ކަމަށް މި ކައުންސިލުން ދެކެމެވެ.” މާލެ ސިޓީ ކައުންސިލްގެ ގަރާރުގައި ވެއެވެ.

މީގެ އިތުރުން ބަޣާވާތާއި ދެކޮޅަށް މާލޭގެ މަގުތަކުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވި އެތައް ހާސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފުލުހުންނާއި ސިފައިންގެ ޔުނީފޯމުގައި މޫނު ނިވާކޮށްގެން ތިބެ ދީފައިވާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް، އެ ޖަރީމާ ހިންގާފައިވާ ފަރާތްތައް މާލެ ސިޓީ ކައުންސިލަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް މާލެ ސިޓީ ކައުންސިލުން އިޤްރާރުވެފައި ވެއެވެ.

“ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާ ސިޔާދަތުގެ ރަމްޒު ކަމުގައިވާ ފަޚުރުވެރި ދެ މުޥައްސަސާގެ ޒަމާންވީ ރީތި ނަމާއި ގަދަރަށް، އުނިކަމާއި ކިލަނބުކަން ގެނެސް، ފުލުހުންނާއި ސިފައިންގެ ތެރެއިން މި ބަޣާވާތުގައި ބައިވެރިވި މީހުންނާއި، ބައިވެރިނުވެ ތިބި އެންމެން ދިވެހި ޤައުމިއްޔަތުގެ ހައްޤުގައި ރާއްޖޭހެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފަރުދީ ގޮތުން މަޢާފަށް އެދުމަށާއި، އަދި އެ ޙާލަތުގައި އެފަދަ މަޢާފެއް އާންމުކޮށް އެބައިމީހުންނަށް ދެއްވުމަކީ ކުރިޔަށް އޮތް ޒަމާންތަކަށް ލިބިގެންދާނޭ އެންމެ އެކަށޭނަ ޙައްލުކަމުގައި ދެކޭ ހިނދު، އެކަމަށް އިލްތިމާސްކޮށް ގޮވާލަމެވެ.” މާލެ ސިޓީ ކައުންސިލުގެ 2 ސަފްހާގެ ޤަރާރުގައި ވެއެވެ.