މެންބަރުންގެ ޚިޔާލު: ރައްކާވެ ތިބިއްޔާ ދަތުރެވެ!!

ފުނަމާ

އަޅުވެތިކަމުގެ ދިގުތާރީޚެއް ލިޔެވި ޚުދުމުޚުތާރު ވެރީންގެ ކިބައިން މިގައުމު ސަލާމަތްކޮށް އެންމެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ސަރުކާރު މިއަދުމިވަނީ ތަޅުއަޅުވާފައެވެ. ސަރުކާރު ވެއްޓިއްޖެ ކަމުގައި ގޮވަމުން މިއަދު މިގައުމުގައި މިހިންގަމުން ގެންދާ ކަންކަމަކީ މިކަމުގެ އަގު މިކަމުގައި ޒިންމާވާ ފަރާތްތަކުން ޚާއްސަކޮށް މިއަދު ބައެއް މީހުން އެބުނާ ޑާކޫ ވަހީދު ދޭންޖެހޭނެ ކަމެކެވެ.

މިއަދު މިގައުމުގައި ސަރުކާރެކޭ ބުނެ އުފައްދައިގެން އެއުޅޭ އެއްޗެއްގެ ވެރިޔަކީ ކާކުކަމެއްވެސް ނޭނގެއެވެ. ގައުމުގައި ރައްޔިތުން އިންތިޚާބު ކޮށްފައިހުރި މިގައުމުގެ ވަލީޔުލް އަމްރު ތަޅާބޭރުކޮށް ހަތިޔާރުގެ ބޭނުން ކުރާނެކަމަށް އިންޒާރުދީ ގަދަކަމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވީ ކަމުގައި އެބުނަނީއެވެ. ދައުލަތުގެ ދިފާއީ ބާރުގެ އެތެރެއަށް މާކުރިޔާލައި އާންމު ރައްޔިތުންތަކެއް ވަށްދައިގެން އެތަނުގެ ކޮންޓްރޯލް އެމީހުންގެ އަތަށް ދެވުނީ ކިހިނެއްކަން ބުނެދޭން އެބަޖެހެއެވެ. ދައުލަތާއި ރައްޔިތުންގެ ހިމާޔަތުގައި ހުވާކޮށްގެންތިބި ފުލުހުންނާއި ސިފައިން މިގައުމުގެ ވަކިބަޔަކަށް ވިކިގެން ދުވަހަކު ނުވެއްޓޭފަދަ ދަށުދަރަޖަ އަކަށް މިވެއްޓުނީ ކީއްވެ ހެއްޔެވެ؟

މިގައުމުގައި ދުވަހަކުވެސް ސިފައިންނާއި ފުލުހުން ނުކުމެ ބަޣާވާތެއް ގެނެސްފައެއް ނުވެއެވެ. މިއަދު ކުއްލިޔަކަށް މިގޮތަށް މިދިމާވީ ކީއްވެ ހެއްޔެވެ؟ ސިފައިންގެ ކޮމާންޑަރުންނާއި ފުލުހުންގެ ވަކިވަކި އިސްމީހުންގެ ނަންކިޔައި އެމީހުންނަށް އިމުރާނު ސަރުކާރު ވަށްޓާލުމަށް ގޮވާލިތާ ސާޅީސް އަށްގަޑިއިރު ނުވެގެން އުޅެނިކޮށް ހަމަ އެމީހުން ކުރީސަފުގައި ތިބެގެން ރައީސް ނަޝީދު ހައިޖެކްކޮށް ވެރިކަން ވަށްޓާލީ ކީއްވެ ހެއްޔެވެ؟

އެމްޑީޕީ ސަރުކާރުގެ ނައިބުރައީސް އަކަށް ހުރި ވަހީދު ވެރިކަން ކަޮންމެ ގޮތަކުންވެސް ބޭނުންވެ ، އެކަން ކޮށްދީފިނަމަ ބުރުމާމެން ކަހަލަ މީހުންނަށް ބޭނުންގޮތަކަށް މިގައުމު ދޭނެކަމުގައި ބުނެގެން ފައިސާ ދީގެން ތަގުން ނެރެ މުޅިގައުމުގައި ތޭވީސް ދުވަހު ހަމަނުޖެހުން ހިންގައި މީހުންގެ މުދަލާއި ގެދޮރު ތަޅާ ، ފުނޑުކޮށް ހުޅުޖަހައި މީހުންގެ ޖާނާ މާލަށް ގެއްލުން ދެމުން ގެންދިޔައިރު ސަރުކާރު ވަށްޓާލެވޭވަރުގެ އަދަދެއް ނުލިބުމުން ފުލުހުންނާއި ސިފައިންނަށް މިލިޔަން މިލިޔަނުން ފައިސާދީގެން ސަރުކާރު ވަށްޓާލި ކަމުގައި ކޮންމެސް ބަޔަކު އެގެންދަނީ ބުނަމުންނެވެ. އެހެންކަމުގައި ވާނަމަ މިގައުމުގެ ސަލާމަތީ ބާރުތަކަށް ދުވަހަކުވެސް ދެން ދިވެހީން އިތުބާރެއް ނުކުރާނެއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް މިއިވެމުންދާ އަޑުތައް ތަޙުގީގުކޮށް ބަލާން އެބަޖެހެއެވެ. މިކަން ކުރާންޖެހޭނީ އދ ފަދަ ބާރުގަދަ ޖަމާއަތެއްގެ ބެލުމުގެ ދަށުން ކަމުގައި ބުނާން ޖެހެއެވެ. އިއްޔެއާއި ހަމަޔަށް މިގައުމުގައި ހުޅުޖަހައި މީހުންގެ މުދާތައް ހަލާކުކޮށް ސަރުކާރު ވަށްޓާލުމަށް ގޮވަގޮވާފައި މިއަދު ގަދަކަމުން ވަދެ އެއިން ބޮނޑިބަތް ކަލޭގެގެ ބެލުމުގެ ދަށުގައި މިކަން ކުރެވިގެން ވާނެކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. މިއަދު އަރައި ގައުމޭ ގައުމޭ ގޮވާއިރު އިއްޔެ އެބޮނޑިބަތް ކަލޭގެޔަކަށް މިގައުމެއް ގައުމަކަށް ނުވިއެވެ. މިގައުމުގައި އިންތިޚާބު ކުރެވިފައިވާ ސަރުކާރު ސަރުކާރަކަށް ނުވިއެވެ. ވީއިރު އެފަދަ މީހަކު އޭނާގެ ކޮމާންޑުގެ ދަށުގައި ތިބިބަޔަކު ލަށްވައި މިކަން ބެލީމަ ވާނެކަމެއް ނޯންނާނެއެވެ.

އަނިޔާވެރީން ކުރީގައިވެސް ބުނިގޮތަށް އެމްޑީޕީގެ އެންމެން މިގައުމުން ނައްތާލުމުގެ އޮޕަރޭޝަން މިވަނީ އެންމެ ފުރަތަމަ ސިިކުންތުން ފެށިގެން ފަށާފައެވެ. އެމްޑީޕީގެ މީހެއް ކަމުގައި ވާނަމަ ހިފައި ހައްޔަރު ކުރުމަށް އަންގާފައިވާ ކަމުގެ އަޑުތައް މުޅިމިގައުމުން އެދަނީ އިވެމުންނެވެ. އެއީ ތެދެއް ކަމުގައި ނުބެލިނަމަވެސް ގައިމުވެސް ސިފައިންނާއި ފުލުހުންގެ އަމަލުން އެގެންދަނީ އެކަން ދަށްކަމުންނެވެ. އިއްޔެ މިއަދު ސަރުކާރެކޭ ކިޔައި އަރައި އެތިބަ މީހުން ތަންތަނުގައި ޖެހި ހުޅާއި މީހުންގެ ގެދޮރާއި ދައުލަތުގެ މުދަލަށް ދިން ގެއްލުންތައް ނުބަލައި އޭގެ ފަހުން ބަޔަކު ކުރިކަމުގައި ބުނާކަމެއް ބަލާނީ ކިހިނެއް ހެއްޔެވެ؟

މިގައުމުގައި އަމަން ގާއިމް ކުރެވޭނީ ކުށްކުރާ މީހުން ހިފައި ހައްޔަރުކޮށް ތަހުގީގުކޮށް އަދަބުދެވިގެންނެވެ. ކޮންމެ މީހަކު އެކަން ކުރިޔަސް އަދަބު ދޭންޖެހޭނެއެވެ. އެކަމަކު މިއަދާ ހަމަޔަށް އެކަން އޮތީ އެހެން ހެއްޔެވެ؟ ހެއްކާއެކުއޭ ބުނެ ހަމަ މިއަދުވެސް އެތިބަ ފުލުހުން އަތުލައި ގަންނަ މުޖުރިމުން ބޮޑުގާޒީ ގެންދިޔައީ ދޫކުރަމުންނެވެ. މިއަދު ތަފާތަކީ އެމްޑީޕީ ވިއްޔާ އެއީ ހަމަ ޝަރީއަތް ނުކުރިޔަސް މުޖުރިމެކެވެ. ތަޅާ ފަހާދުވެ އަތުލައިގެން ކޯސްޓުގާޑުގައި ކަނޑުމަށްޗަށް އަރުވައި މާލެއަށް ގެނެވެންދެން ތަޅާ ރޯނާ ގަންނަވާން ވީއެވެ. ކުރީގެ ތިރީސް އަހަރުގެ އަނިޔާވެރިކަމުގައި އަނގަޖަހައިގެން ގޮހޮރުފުރި އަދުއްވުން އަތުގައި ބާރުގެ ކަންފުޅެއް ޖެހުނު އިރަށް ހަދާންފެށި ގޮތް ދެކިބަލާށެވެ. އެމްޑީޕީގެ މީހުންގެ ބޯފަޅަނީއެވެ. އެބުނާ ސަރުކާރަށް ދެދުވަސް ނުވަނީސް މިގައުމުން ފެންނަމުންދާ ” އަދުލު އިންސާފެވެ” . ތިމާ ކުރީގައި އދ ގައި އުޅުނަކަސް މިއަދު އެހެރީ އަނިޔާވެރި ޓެރަރިސްޓުންގެ ގޮނޑި ކޮއްކޮ އަކަށް ވެގެންނެވެ. ކިރިޔާ ހިރިލިޔަސް ބަޑިޖަހައި ފާނެތީ ނުވަތަ ވެރިކަމުން ބާލައި އެއްލާލަ ފާނެތީވެ އެހެރީ ބިރުން ތުރުތުރު ލާ ހާލުގައެވެ.

އެމްޑީޕީގެ މެންބަރުންގެ ފުރާނަޔާއި މިލްކިއްޔާތަށް މިގައުމުގައި އަމާންކަމެއް މިއަދަކު ނެތެވެ. ބައިނަލް އަގްވާމީ ފަރާތްތަކާއި ގުޅައިގެން ވީހާ އަވަހަކަށް މިގައުމުން އަޅުގަނޑުމެން ބޭރުކުރެވޭނެ ގޮތެއް ނުވަތަ ޔަހޫދީންނަށްވުރެ ނުބައި މިތިބަ މީހުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތް ކޮށްދިނުމަށް އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލަމެވެ. ކުރީގައިވެސް މިގައުމު އަޅުވެތި ކޮށްގެން އުޅުނު ގޮތަށް މިގައުމުގައި ކުލަޖެހެމުން އައި މިނިވަންކަން އަނެއްކާވެސް އަޅުވެތި ކަމަށް ފުރޮޅާލައިފި އެވެ. ދެން މިގައުމުގައި ސަލާމަތުން ތިބެވޭނީ އެވެރީން ކުރާހާ ކަމެއް ބަލައި ސަނާކިޔާ މީހުންނަށް އެކަނިކަން އެނގިހުރެ މިހިރަ ކަށަވަރު ވަނީއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.