ރޭ ބޭއްވުނު ގައުމީ މަޖިލިހުގެ 64 ވަނަ ބައްދަލުވުމުގައި 3 ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމަށް ނިންމަވައިފިއެވެ. މި ނިންމުމަކީ ގައުމީ މަޖިލިހުން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ކެންޑިޑޭޓަކަށް ދެވޭނެ އުސޫލުގެ 2 ވަނަ މަރުހަލާގެ 3 ވަނަ ނަންބަރުގައިވާ ގޮތެވެ.
ނަމަވެސް އުސޫލުގައިވާ އެ މާއްދާ ވަނީ 12 ޖެނުއަރީ 2009 ގައި އޮތް ގައުމީ ހިންގާ ކޮމިޓީގެ 102 ވަނަ ބައްދަލުވުމުގައި ބާތިލް ކޮށް 2 ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލި ހުރިހާ އިންތިޚާބީ ދާއިރާއެއްގައިވެސް ޕްރައިމަރީ ބޭއްވުމަށް ނިންމަވާފައެވެ.
ގައުމީ މަޖިލިހުން ފާސްކޮށްފައިވާ ޕާޓީގެ ޓިކެޓް ކެންޑިޑޭޓަކަށް ދެވޭނެ އުސޫލުގެ 3 ވަނަ ނަންބަރުގައި ވަނީ 3 ކެންޑިޑޭޓުންނަށްވުރެ މަދުން ކުރިމަތިލާފައިވާނަމަ ޕާޓީ ޓިކެޓް ދެވޭނީ އެ އުސޫލުގައި ހިމެނޭ ޝޯޓްލިސްޓް ކުރާ މިންގަނޑުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަކަށެވެ.
ރޭ އޮތް ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ހާޒިރުވި 19 މެމްބަރުންގެ ތެރެއިން 16 މެމްބަރުންގެ ވޯޓުން ގައުމީ ހިންގާ ކޮމިޓީން ގެނައި ބަދަލާއެކު މާދަމާ، 23 ޖެނުއަރީ 2009 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ނިންމާފައިވާ ހަމައެކަނި 5 އިންތިޚާބީ ދާއިރާ ގައެވެ.
އެދާއިރާ ތަކަކީ:
1- B1 (ބ.އަތޮޅު) ތުޅާދޫ، ފެހެންދޫ، ފުޅަދޫ، ގޮއިދޫ.
2- K2 (ކ.އަތޮޅު) ދިއްފުށި، ތުލުސްދޫ، ހުރާ، ހިންމަފުށި
3- AA1 (އއ.އަތޮޅު) ބޮޑުފުޅަދޫ، ފެރިދޫ، މަތިވެރި، ހިމެންދޫ، މާޅޮސް
4- GD3 (ގދ.އަތޮޅު) ރަތަފަންދޫ، ފިޔޯރީ، ފަރެސް، މާތޮޑާ
5- M2 މާފަންނު ހުޅަނގު،
އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕްރައިމަރީސްގައި މާލޭގައި ތިބި އެދާއިރާތަކުގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް 23 ޖަނަވަރީ ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ޣިޔާސުއްދީން ސްކޫލުގައި ހަމަޖެހިފައި ވާނެއެވެ.