މުޅި ބައިނަލްއަޤްވާމީ ދުނިޔެ އޮތީ އެމްޑީޕީއާއެކު: ރައީސް ނަޝީދު

16:35 – އިންތިޚާބަކަށް ގޮސްފިނަމަ 65 ޕަސެންޓުގެ ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

16:30 – މި ސަރުކާރުގައި ތިބީ ކުރީގެ ވެރިންގެ މަސްލަހަތު ޙިމާޔަތްކުރާ ބައެއް ކަމަށާއި، އެހެން ކަމުން ޤާނޫނީ ރައްކާތެރިކަން އެމަނިކުފާނަށް ލިބިވަޑައިގެންފާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި. ރައީސް ނަޝީދު އަދި ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅުގައި މިމަހުގެ 8 ވަނަ ދުވަހު ތެޅި ފުލުހުން ކަމަށާއި، އެމަނިކުފާނަށް ދެން ވެސް ޙިމާޔަތް ދޭން ތިބީ ރައްޔިތުން ކަމަށް

16:27 – މި ސަރުކާރު ގަބޫލުނުކުރައްވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި

16:25 – ވެރިކަން ވައްޓާލީ މަޖުބޫރުކޮށްގެން ކަމަށާއި، އެހެން ކަމުން މިހާރުގެ ސަރުކާރާއެކު އެއްވެސް މަސައްކަތެއްކުރެވޭނީ އިސްތިއުފާދެއްވަން މަޖުބޫރުކުރުވި މައްސަލަ ބެލުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވި

16:20 – ފުލުހުން އާންމުންގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ އިތުރު ބަޔަކަށް އަނިޔާވެދާނެތީ މިވަގުތަށް އެމްޑީޕީން އެއްވުންތައް މެދު ކަނޑާލާފައި އޮތް ނަމަވެސް، ފުލުހުން އަނިޔާވެރި ނުވާނަމަ މާލެ ވަށައި ސުލްހަވެރި ހިނގާލުން ބާއްވާނޭ ކަމަށާއި، އެހެން ނަމަވެސް ސިފައިންގެ ކުރިމަތިން ނުހިނގާނެ ކަމަށް ރައީސް ވިދާޅުވި

16:10 – އިންސާފް ގާއިމްކުރެވެންދެން އެމްޑީޕީން ހިންގާ ހަރަކާތްތަކަށް ހުއްޓުމެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

16:05 – އަޅުގަނޑުމެން (އެމްޑީޕީ)ގެ މެނިފެސްޓޯއާ އެކު ނޫނީ މި ސަރުކާރު ކުރިޔަށް ނުގެންދެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި

16:00 – މުޅި ބައިނަލްއަޤްވާމީ ދުނިޔެ އޮތީ އެމްޑީޕީއާއެކު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ޢާއިލީ ގެކޮޅު ގ.ކެނެރީގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން. އެ ނޫސް ކޮންފަރެންސް މިހާރު ހިނގަމުންދަނީ