ދައުރުގެ މެދުން އިންތިޚާބެއް ބޭއްވުނީމާ ދެން އަޅުގަނޑުމެންނަށް ފެންނާނީ ކުރީގައި ހުރި ކިލަނބުކަމަށް ވުރެ މާ ސައްޙަ، ސާދާ ސާފުކަމެއް – ރައީސް ނަޝީދު

mdp-leadership-450-x-251

ދައުރުގެ މެދުން އިންތިހާބެއް ބޭއްވުނީމާ ދެން އަޅުގަނޑުމެންނަށް ފެންނާނީ ކުރީގައި ހުރި ކިލަނބުކަމަށް ވުރެ މާ ސައްޙަ، ސާދާ ސާފުކަމެއް ކަމަށާއި، އެމްޑީޕީން ކުރަމުން ދިޔަ އެއްވެސް ކަމަކީ ނޭނގުމެއްގެ ތެރޭގައި ކުރަމުން ދިޔަ ކަންކަމެއް ނޫން ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމަށް އެމްޑީޕީގެ އެތައްހާސް ސަޕޯޓަރުން ހާޒިރުވެ “ރައީސް ނަޝީދު ޒިންދާބާދު” ގޮވަމުން ދިޔަ، އެމްޑީޕީގެ ޚާއްސަ ޖަލްސާގައި، ރައީސް ނަޝީދު ވިދާޅުވީ މިދުވަހަކީ ނޭނގި އޮތް ދުވަހެއް ނޫން ކަމަށާއި، ދެ މަސް ދުވަސްތެރޭ ރައްޔިތުން މަޖިލީހުގެ ރައީސް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ މަޖިލީހުގެ ރައީސް ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވެރިކަމަކީ އެމްޑީޕީން ފުރިހަމައަށް ތާޢީދުކުރާނޭ ވެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ދައުރުގެ މެދުން އިންތިހާބެއް ބޭއްވުނީމަ ދެން އަޅުގަނޑުމެންނަށް ފެންނާނީ ކުރީގައި ހުރި ކިލަނބުކަމަށް ވުރެ މާ ސާދާ ސާފުކަމެއް. އަޅުގަނޑުމެން މިހާރު މިދަނީ އެ ސާދާ ސާފުކަން ހޯދުމަށް. އަޅުގަނޑުމެން އެ ސާފުކަން މި ފަހަރު ހޯދަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެ މަސް ދުވަހު ވެރިކަން ކުރައްވާނެ. އެ ދެ މަސް ދުވަހުގެ މުއްދަތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ދަށު ކޯޓުތައް އަލުން އަނބުރާ އެކުލައްވާލައްވާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ފުލުހުންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ މުއައްސަސާ އަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އަބްދުﷲ ޤާޒީއަކީ ސުލޫކީ މައްސަލަތައް ހުރި މީހެއް ކަމަށް ނިންމައި، އޭނާއަކީ ފަނޑިޔާރުކަން ކުރެވޭނެ މީހެއް ނޫން ކަމަށް ޖުޑީޝަލް ސަރވިސް އިން ނިންމާފައިވާއިރު، އޭނާ ފަނޑިޔާރު ގޭގައި އިނުމަކީ ޖިނާއީ މުޅި އަދާލަތުގެ ނިޒާމް ކިލަނބުވެގެންދާ ކަމެއްގެ ގޮތުގައި އަބަދުވެސް ފާހަގަވާ ކަމަށް ވިދާޅުވެ، ޖޭއެސްސީން އަބްދުﷲ މުހައްމަދުގެ މައްޗަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަޅައި ގާނޫނު އަސާސީގައިވާ ފަދަ ފަނޑިޔާރުގެތަކަށް ހެދުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރާއްޖޭގެ ކޯޓުތަކަކީ މިއަދާ ހަމައަށް އައިއިރު ވެސް ކުރީގެ ސަރުކާރުން ހިންގާފައިވާ ކިތަންމެ ޖަރީމާއެއް ފޮރުވައިދޭ ނިވާފަތްގަނޑަކަށް ވެފައި އޮންނަކަން އެއީ މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ އަށް ފެނިގެން ދިޔަ ހަގީގަތެއް ކަމަށާއި، ބާރުގަދަ ވިޔަފާރިވެރިން އެ ބޭފުޅުންގެ ވިޔަފާރިތައް ވަކިވަކި ގޮތްގޮތަށް ހިންގުމަށްޓަކައި ބޭނުންކުރާ ތަންތަނުގެ ގޮތުގައި ކޯޓުތައް ފާހަގަވަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ލަދުގަންނަވަރަށް، މިދިޔަ ތިން އަހަރު ކޯޓުތައް މެދުވެރިކޮށް ވިޔަފާރިވެރިން ފައިދާ ނަގަމުން ދިޔަ ތަން އަޅުގަނޑުމެން ދުށިން.” ކުލީ ސިފައިން ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު އިއްތިފާގުވާ މަދު ބަޔަކު ބަޑިން ބިރުދެއްކުމުގެ ސަބަބުން ރައްޔިތުންގެ ހައްގުގައި އިސްތިއުފާދެއްވުމަށް މަޖުބޫރުވި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ އަލަތު ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި، އެ ޕާޓީގެ މިހާރުގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި، ނައިބު ރައީސް އަލްހާން ފަހުމީ އާއި، އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ވެސް ވާހަކަދެއްކެވިއެވެ.

ރޭގެ ޖަލްސާ އަށް އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމާއި، ދަރުބާރުގޭ ގޯތި ތެރެއާއި އަމީނީ މަގުގެ ދަރުބާރުގޭ ސަރަހައްދު ފުރެންދެން ހާޒިރުވެ ތިއްބެވެ.